އިންސާފު ގާއިމުކުރުމުގެ މަރުހަލާގައި އިންސާނީ ވިސްނުމާއި އިހުސާސްތަކަކީ އަބަދުވެސް ޓެކްނޮލޮޖީގެ މައްޗަށް މުހިންމު ދައުރެއް އަދާކުރާނެ ކަންކަން ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަހަރުގެ ފަނޑިޔާރުންގެ މަހާސިންތާ ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އުއްތަމަ ފަނޑިޔާރުގެ ވާހަކަފުޅުގައި، މި މަހާސިންތާއަކީ ފަނޑިޔާރުން އެއްތަނަކަށް ޖަމާވެ، އެ ބޭފުޅުންގެ ގާބިލުކަން އިތުރުކުރުމަށް މަސައްކަތް ކުރުމަށް ލިބޭ ވަރަށް މުހިންމު ފުރުސަތެއްކަން ފާހަގަކުރެއްވި އެވެ. އަދި ޝަރުއީ ދާއިރާގައި ޓެކްނޮލޮޖީ ބޭނުންކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވަމުން، މި ޒަމާނުގައި ފަންނިޔާތުގެ ހުނަރަކީ ކޮންމެ މީހެއްގެ ކިބައިގައިވެސް ހުރުން ލާޒިމު ހުނަރެއް ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
ދުނިޔޭގެ ތަފާތު 40 ގައުމެއްގެ ޝަރުއީ ދާއިރާގައި މިހާރުވެސް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ވަސީލަތްތައް ބޭނުންކުރަމުންދާކަން ފާހަގަކުރައްވައި، އުއްތަމަ ފަނޑިޔާރު ވިދާޅުވީ ފަންނިޔާތަށް މަރުހަބާ ނުކިޔައި މިހާރު ތިބެވެން ނެތް ކަމަށެވެ. ނަމަވެސް، ޝަރުއީ ދާއިރާގައި އޭއައި ބޭނުންކުރުމުގައި ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަންތައްތަކެއް ހުރިކަން އެމަނިކުފާނު ހަނދާންކޮށްދެއްވި އެވެ.
"އޭއައި ބޭނުންކުރުމުގައި އަޅުގަނޑުމެން ސަމާލުކަން ދޭންޖެހޭ ކަންތައްތަކެއްވެސް އެބަހުރޭ. ޓެކްނޮލޮޖީގެ ވަސީލަތްތަކުން މަސައްކަތްތަކުގައި ފަސޭހަކޮށްދިނަސް ބައިއެސްވުމުގެ ސިފަޔަކުން ސަލާމަތް ނުވޭ. އެހެންކަމުން އިންސާފު ގާއިމްކުރުމުގައި އިންސާނީ ވިސްނުމާއި، އިހުސާސް އަބަދުވެސް ޓެކްނޮލޮޖީގެ މައްޗަށް މުހިންމު ދައުރެއް އަދާކުރާނެ،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
ޝަރުއީ ދާއިރާގައި ކުރިމަތިވެފައިވާ އެކި އެކި ގޮންޖެހުންތަކާއި މައްސަލަތައް ހައްލުކުރުމަށް ޒަމާނީ ފަންނިޔާތުގެ ބޭނުން ހިފަންޖެހޭ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. ވަކިން ހާއްސަކޮށް، ކޯޓުތަކުގައި މައްސަލަތައް ނުނިމި ދިގުލައިގެންދާ މައްސަލައަށް ހައްލެއް ހޯއްދަވައި ދެއްވުމަށް މިއަހަރުގެ ތެރޭގައި ހާއްސަ މަސައްކަތްތަކެއް ކުރައްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ.
މި އަހަރުގެ ފަނޑިޔާރުންގެ މަހާސިންތާ ކުރިއަށްގެންދަނީ ވިލާ ނޯޓިކާ ރިސޯޓުގަ އެވެ. މިއަދުން ފެށިގެން މާދާމާގެ ނިޔަލަށް ކުރިއަށްގެންދާ މި މަހާސިންތާގެ ތީމަކީ، ފަންނިޔާތާއި އޭއައި ބޭނުންކޮށްގެން ޝަރުއީ ދާއިރާގެ ހިންގުން ހަރުދަނާ ކުރުމެވެ. މަހާސިންތާގެ ތެރެއިން ޝަރުއީ ދާއިރާގައި މިހާރު ފަންނިޔާތު ބޭނުންކުރާ މިންވަރު ދެނެގަނެ، ކުރިމަގުގެ އަމާޒުތައް ކަނޑައެޅުމަށް މަސައްކަތް ކުރާނެ ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މައުލޫމާތުދެ އެވެ.



