ސައުތު އޭޝިއަން ގޭމްސް އަންނަ އަހަރު ބޭއްވުމަށް ތާވަލުކޮށްފި

މުހައްމަދު ޖަމްޝަތު | 3 ދުވަސް ކުރިން - 31 ޖެނުއަރީ 2026 14:26
ސައުތު އޭޝިއަން ގޭމްސް 2019 ގައި ބައިވެރިވި ދިވެހި އެތްލީޓުން---ފޮޓޯ:ރައީސް އޮފީސް
ސައުތު އޭޝިއަން ގޭމްސް 2019 ގައި ބައިވެރިވި ދިވެހި އެތްލީޓުން---ފޮޓޯ:ރައީސް އޮފީސް
ޚުލާސާ

ސައުތު އޭޝިއަން ގޭމްސް އެންމެ ފަހުން ބާއްވާފައިވަނީ 2019 ވަނަ އަހަރު ނޭޕާލްގަ

ދެކުނު އޭޝިއާ ސަރަހައްދުގެ އެންމެ ބޮޑު ކުޅިވަރު މުބާރާތް ކަމަށްވާ ސައުތު އޭޝިއަން ގޭމްސް، އަންނަ އަހަރުގެ މާޗު މަހު ޕާކިސްތާނުގައި ބޭއްވުމަށް ތާވަލުކޮށްފި އެވެ.

ސަރަހައްދީ މީޑިއާތަކުން މައުލޫމާތު ދޭ ގޮތުގައި، މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 2027 ވަނަ އަހަރުގެ މާޗު 23 އިން 31 ގެ ނިޔަލަށެވެ. މި ގޮތަށް ނިންމާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު އުޒްބެކިސްތާނުގެ ޓަޝްކެންޓްގައި ބޭއްވި އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާގެ 46 ވަނަ އާންމު މަޖިލީހުގެ ތެރެއިން ބޭއްވުނު ހާއްސަ ބައްދަލުވުމެއްގަ އެވެ.

ދިވެހިރާއްޖެ ހިމެނޭހެން ދެކުނު އޭޝިއާގެ ހަތް ގައުމުގެ މަންދޫބުން ބައިވެރިވި މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާގައި ދެކުނު އޭޝިއާ ސަރަހައްދު ތަމްސީލުކުރައްވާ ނައިބު ރައީސް ޕްރިންސް ޖިގްޔެލް ޔޫގްޔެން ވަންގްޗަކްއެވެ.

ޕާކިސްތާނުގެ ލާހޯރު، އިސްލާމްއާބާދު އަދި ފައިސަލްއާބާދުގައި ބޭއްވުމަށް ކުރިން ރޭވި މި މުބާރާތް އެންމެ ފުރަތަމަ ތާވަލުކުރީ 2023 ވަނަ އަހަރަށެވެ. ނަމަވެސް ތަފާތު ސަބަބުތަކާ ހުރެ މި ގޭމްސް ބާއްވާ ތާރީހަށް ވަނީ އެކި ފަހަރު މަތިން ބަދަލުތަކެއް އައިސްފަ އެވެ. އެންމެ ފަހުން މި މުބާރާތް ބޭއްވުމަށް މަސައްކަތް ކުރީ މިއަހަރުގެ ޖެނުއަރީ މަހުގެ ފަހުކޮޅުގަ އެވެ.

އެކަމަށްޓަކައި ޕާކިސްތާނުގެ އޮލިމްޕިކް ކޮމިޓީގެ ރައީސް ރާނާ މަޝްއޫދު އަހުމަދު ހާން އިސްކޮށް ހުންނަވައިގެން ހާއްސަ ކޮމިޓީއެއް އެކުލަވާލައި، ބަޖެޓް ހޯދުމުގެ މަސައްކަތްވެސް ކުރިއަށް ގެންދިޔަ އެވެ. އެހެންނަމަވެސް، ސަރުކާރުގެ ހުށަހެޅުމަކަށް މުބާރާތް އަނެއްކާވެސް ފަސްކުރެވުނީ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އެންމެ ފަހުން ސައުތު އޭޝިއަން ގޭމްސް ބާއްވާފައިވަނީ 2019 ވަނަ އަހަރު ނޭޕާލްގަ އެވެ. އޭގެ ފަހުން 2021 ވަނަ އަހަރު ބާއްވަން އުޅުނު މުބާރާތް ކޮވިޑް-19 އާ ހެދި ކެންސަލް ކުރަން ޖެހުނެވެ. މީގެ އިތުރުން، އިންޑިއާ އާއި ޕާކިސްތާނުގެ ސިޔާސީ ނުތަނަވަސްކަމުގެ ސަބަބުން އިންޑިއާއިން މި މުބާރާތުގައި ބައިވެރިވުމާ މެދު ގޮތެއް ނިންމާނީ އެ ގައުމުގެ ސަރުކާރުންނެވެ.

ޕާކިސްތާނުން މީގެ ކުރިން 1989 އަދި 2004 ވަނަ އަހަރު މި މުބާރާތް ބާއްވާފައިވާއިރު، އަންނަ އަހަރުގެ ގޭމްސްގައި ޖުމްލަ 27 ކުޅިވަރެއް ހިމެނުމަށް ގައުމުތަކުން މިހާރު ވަނީ އެއްބަސްވެފަ އެވެ.


Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%