މާލެ ސަރަޙައްދުގެ މަގުތަކުގެ ތޮއްޖެހުމަށް ޙައްލު ހޯދުމަށް ކުނިއުކާ ގަޑިތަކަށް ބަދަލު ގެންނަން، ޓްރާންސްޕޯޓް މިނިސްޓްރީއާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ އިސްވެރިން މިއަދު ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުމުގައި މާލޭގައި އުޅަނދުތައް ގިނަވެ، ޚާއްޞަކޮށް މުދާ އުފުލާ ބޮޑެތި އުޅަނދުތަކުގެ ސަބަބުން ދިމާވާ މައްސަލަތަކަށް އަވަސް ޙައްލެއް ހޯދުމަށް މަޝްވަރާކުރެވުނެވެ.
ބައްދަލުވުމުގައި ވެމްކޯއިން ކުނި އުފުލާ ގަޑިތަކަށް ބަދަލު ގެނައުމާ ބެހޭގޮތުންވެސް މަޝްވަރާކުރެވުނެވެ. މިއީ ސަރުކާރުގެ "މާލެފަހި" ޕްރޮގްރާމްގެ ދަށުން މާލޭގެ މަގުތަކުގެ ތޮއްޖެހުން ޙައްލުކުރުމަށް ރޭވިފައިވާ ކަމެއްކަން ދެ ފަރާތުންވެސް ވަނީ ފާހަގަކޮއްފައިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީއިން ވިދާޅުވާ ގޮތުގައި މާލޭގެ މަގުތަކުގެ ތޮއްޖެހުމަކީ ވަރަށް ބޮޑު މައްސަލައެއްކަމާއި އެވުޒާރާއިން ދަނީ އެކި ފަރާތްތަކާ މަޝްވަރާކޮށް މިކަމަށް އަވަސް ޙައްލެއް ހޯދުމަށް މަސައްކަތްކުރަމުންކަން އެވުޒާރާއިން ވަނީ ވިދާޅުވެފައިއެވެ.
ހަމައެއާއި އެއްކޮއް، ކުނި އުފުލުމުގެ ގަޑިތައް ބަދަލުކުރުމަކީ ކުރެވިދާނެ ކަމާއި އެހެންނަމަވެސް، މިކަމުގައި ރައްޔިތުންގެ އެއްބާރުލުން ވަރަށް މުހިންމުކަން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންއިން ވަނީ ހިއްސާކޮއްފައިއެވެ.
މި މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން، ކުރިއަށް އޮތް ދުވަސްތަކުގައި މާލޭގެ މަގުތަކުގެ ތޮއްޖެހުން ޙައްލުކުރުމަށް އިތުރު ފިޔަވަޅުތަކެއް އެޅޭނެ ކަމަށް ބެލެވެއެވެ. މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވެއެވެ.



