ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި ދަނީ އެކި ސަބަބުތަކާ ހުރެ ވަޒީފާ ދޫކޮށްލި ފަރާތްތަކަށް ފުރުސަތު ހޯދައިދިނުމަށް މުހިންމު ފިޔަވަޅުތަކެއް އަޅަމުންނެވެ. ދާއިމީ ވަޒީފާއަށް ނުކުތުމަށް އުޒުރުވެރިވާ ފަންނީ އަދި އިދާރީ ޚިދުމަތްތެރިން ޚިދުމަތަށް ނެރުމުގެ އުޞޫލު 2024ގެ ވަޒީފާއާ ގުޅުމަށް ބޭނުންވާ ފަރާތްތަކުގެ ދަޕުތަރު އެކުލަވާލައި ، އަލުން ވަންނަން ބޭނުންވާ ފަރާތްތަކަށް އާ އުއްމީދެއް ދެއްވީއެވެ.
ސިވިލް ސަރވިސްގެ ކޮންމެ މިނިސްޓްރީއަކާއި ކައުންސިލް އިދާރާއަކުން މި ދަފްތަރު ބެލެހެއްޓުމަށްފަހު، ލިސްޓްކޮށްފައިވާ ވަކިވަކި ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސޭތޯ ބެލެހެއްޓޭނެއެވެ. މި ފުރުޞަތުގައި ރަޖިސްޓްރީ ކުރުމަށް ހުޅުވާލާފައިވާއިރު، ވަޒީފާއަށް އެދޭ ފަރާތްތަކަށް ފޯމު ހުށަހެޅުމަށް ފުދޭވަރަކަށް ވަގުތު ލިބިގެންދާނެއެވެ.
ސަރުކާރުން ދަނީ އެކި އިދާރާތަކުގެ ރަސްމީ ވެބްސައިޓްތަކުގައި ދަފްތަރާ ގުޅޭ މައުލޫމާތު ޝާއިއުކޮށްގެން ފުރިހަމައަށް ހާމަކަން ބޮޑު ޕްރޮސެސްއެއް ހަދަމުންނެވެ. ރައީސް މުއިއްޒުގެ ވެރިކަމުގެ މި އާ އިސްނެގުމަކީ ކުރީގެ މުވައްޒަފުންނަށް އެހީތެރިވުމާއި، ރާއްޖޭގެ ވަޒީފާގެ ބާރު އިތުރުކުރުމާއި، ވަޒީފާގެ ފުރުސަތު ރަނގަޅުކުރުމަށް އެޅި ހެޔޮ ފިޔަވަޅެއްގެ ގޮތުގައި ދެކެވޭ ކަމެކެވެ.

މި މަސައްކަތްތަކުގެ ތެރެއިން އަދި އެންމެ 9 މަސްވީ އާ ސަރުކާރުން ދަނީ ވަޒީފާގެ ސަޕޯޓަށް އިސްކަންދީ، ދާއިމީ ވަޒީފާއެއް ހޯދުމުގައި ދަތިތަކެއް ކުރިމަތިވި މީހުންނަށް އަނެއްކާވެސް ވަޒީފާއާއި ގުޅުމުގެ އިންސާފުވެރި ފުރުސަތު ލިބޭނެ ގޮތް ހަދަމުންނެވެ.
އެކިއެކި ސަބަބުތައް ދެއްކުމަށް ފަހު ސިޔާސީ އެޖެންޑާއެއް ގެ ދަށުން މަޤާމުތަކުން އެކަހެރިކޮށް ވަޒީފާއިން ވަކިކުރެވިފައިވާ ފަރާތްތަކަށާއި ، ވަޒީފާތަކުން ވަކިވުމަށް މަޖުބޫރު ކުރުމުގެ ސަބަބުންނާއި މިނޫން ސަބަބުތަކާ ހުރެ ވަޒީފާ ދޫކޮށްލަންޖެހުނު ސިވިލްސަރވިސް ގެ މުވައްޒަފުންނަށް އަލުން ވަޒީފާ ދިނުމަށް މި ސަރުކާރުން ގެންގުޅޭ ސިޔާސަތު ތަންފީޛުކުރާއިރު ، ދެންނެވުން ގޮތަށް ވަޒީފާއިން ވަކިކޮށްފައިވާ ފަނޑިޔާރުން ވެސް ތިއްބެވުމާއެކު އެފަދަ ފަންޑިޔާރުންގެ މައްސަލަތައް ރިވިޔުކޮށް ވަޒީފާ ރުޖޫޢަ ކޮށް ދިނުމަކީ ޑރ. މުއިއްޒުގެ ސިޔާސަތުގެ ދީލަތިކަމާއި އިޙްސާންތެރިކަން އިތުރަށް ކަށަވަރު ވެގެންދާނެކަމެކެވެ.
މިގޮތަށް މި ފާހަގަކުރަން ޖެހުނު މައިގަނޑު ސަބަބަކީ ކުރީގެ ވެރިކަމުގައި ފަނޑިޔާރުގެތަކާއި ކުޅެ ޝަރުޢީ ނިޒާމަށް ބާރު ފޯރުވަންވެގެން ސިޔާސީ އެކްޓިވިސްޓުންގެ މެޖޯރިޓީ އޭރު އޮތް ޖޭ.އެސް.ސީ އިން ގިނަ ފަންޑިޔާރުން ވަކިކޮށްފައިވަނީ ، ސިޔާސީ މަޤްޞަދުތަކެއް ތަންފީޛު ކުރުމަށެވެ. ވަޒީފާގައި ދެމިތިއްބެވި ހާލަތުގައި ވެސް އެބޭފުޅުންގެ ޢަބުރު ކަތިލުމުގެ ނިޔަތުގައި އެތައް ނޫސް ބަޔާންތަކެއް ނެރުމަށް ފަހު ވަކިކުރި ފަނޑިޔާރުންނަށް އެބޭފުޅުންގެ މައްސަލަތައް ރިވިޔުކުރުމަށް ހުށަހެޅުމުގެ ފުރުޞަތު ލިބި އަލުން ފަނޑިޔާރުކަމަށް ވަޑައިގަތުމުގެ ފުރުޞަތު ފަހިވެއްޖެ ކަމަށްވާ ނަމަ ، ވަކިކުރި ފަނޑިޔާރުންނަށާއި ، އެފަނޑިޔާރުންގެ ޢާއިލާތަކަށް ލިބިފައިވާ ނަފްސާނީ ޒަހަމުތަކަށް ފަރުވާއެއްކަމުގައި ވާނެއެވެ. އެމްޑީޕީ ވެރިކަމުގައި ޖުޑީޝަލް ސަރވިސް ކޮމިޝަނުން ފަނޑިޔާރުންނާއި މެދު ފިޔަވަޅު އެޅުމުގަޔާއި ފަނޑިޔާރުން ޢައްޔަނު ކުރުމުގައި އިޖްރާއީ ގޮތުން ބޮޑެތި ގޯސްތަކެއް ހަދާފައިވާ ވާހަކަ އަކީ އޭރު ވެސް މިހާރު ވެސް ދެކެވޭ ވާހަކައެކެވެ. އަދި އެވާހަކަތައް މީޑިޔާތަކުގައި ފާހަގަކޮށް، އެކަންކަމަކީ ސީދާ ޖުޑިޝަރީ ތެރެއިން ނުފޫޒު ހިންގުމަށް ކުރީގެ ވެރިކަމުގައި ފެނުނު ކަންތައް ކަމަށް ވާއިރު، އެފަދަ ފަރާތްތަކަށްވެސް އަލުން ވަޒީފާގެ ދޮރު ހުޅުވެން އެބަ ޖެހެއެވެ.



