ކޮންސިއުލަރ ޚިދުމަތްތައް އިތުރުކުރުމަށް ވަޒީރު މޫސާ ޒަމީރު އިލްތިމާސް ކުރައްވައިފިއެވެ.
އެމަނިކުފާނު މިގޮތަށް އިލްތިމާސް ކުރެއްވީ މިހާރު ސަޢޫދީ އަރަބިއްޔާއަށް ވަޑައިގެން އުޅުއްވާ ރަސްމީ ދަތުރުފުޅުގައެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭ ގޮތުންވެސް މަޝްވަރާ ކުރައްވާފައެވެ. އަދި ސަޢޫދީ އަރަބިއްޔާއިން ރާއްޖެއަށް ވެދެއްވާ އެހީތައް ފާހަގަކުރައްވައި، އިތުރު އެހީތަކާއި ހިދުމަތްތައް ރާއްޖެއަށް ފޯރުކޮށްދިނުމަށް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.
ފާހަގަ ކޮއްލެވޭގޮތުގައި، މި ދަތުރުފުޅަކީ ހިޒް ރޯޔަލް ހައިނަސް ޕްރިންސް ފައިސަލް ބިން ފަރްހާން އަލް ސަޢުދުގެ ރަސްމީ ދަޢުވަތަކަށް އިޖާބަ ދެއްވައި، ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އަލްފާޟިލް މޫސާ ޒަމީރު ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާދަށް ކުރެއްވި ދަތުރުފުޅެކެވެ.
ޚާރިޖީ ވަޒީރުގެ ޒިޔާރަތުގައި، ކިންގް ޚާލިދު އިންޓަރނޭޝަނަލް އެއަރޕޯޓުގައި މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތީ ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވުޒާރާގެ ޕްރޮޓޮކޯލް ކަންތައްތަކާ ޙަވާލުވެ ހުންނެވި ޑެޕިއުޓީ މިނިސްޓަރ، ހިޒް އެކްސެލެންސީ ޢަބްދުލް މާޖިދު އައްސަމާރީ އާއި ރިޔާދުގައި ހުންނަ ދިވެހިރާއްޖޭގެ މިޝަންގެ އިސް ބޭފުޅުންނެވެ.
މި ދަތުރުފުޅުގައި، މިނިސްޓަރ ޒަމީރު، ސަޢޫދީ ޢަރަބިއްޔާގެ ވަލީއަހުދު އަދި ބޮޑުވަޒީރު، ހިޒް ރޯޔަލް ހައިނަސް ޕްރިންސް މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް ސަޢުދަށް އެޑްރެސްކުރައްވާފައިވާ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ ސިޓީފުޅެއް ރައްދުކޮށްދެވިއެވެ. މި ސިޓީފުޅަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަގުފަހިކޮށްދޭނެ މުހިންމު ލިޔުމެއް ކަމުގައި ބެލެވޭކަމަށް ރާއްޖޭގެ ޙާރިޖީ ވުޒާރާއިން ވަނީ މައުލޫމާތު ދީފައިއެވެ.



