މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި އެ ކުންފުނީގެ މުވައްޒަފުންގެ އަބުރު ކަތިލާ ބަދުނާމުވާގޮތަށް އަދި ޢާންމު ރައްޔިތުންގެ މެދުގައި އެ ކުންފުންޏަށް އޮތް އިތުބާރު ގެއްލޭ ގޮތަށް ހަޤީޤަތާ ޚިލާފު ވާހަކަ ނުފެތުރުމަށް އެ ކުންފުނިން އިލްތިމާސްކޮށްފިއެވެ.
އެމްޓީސީސީގެ މުވައްޒަފުންނާއި މެދު މީސްމީޑިއާގައި ދައުރުވަމުންދާ ދޮގު ވާހަކަތަކާ ގުޅޭ ގޮތުން ނެރުނު ނޫސް ބަޔާނެއްގައި އެމްޓީސީސީން ބުނީ "ރައްޔިތުންގެ ކުންފުނި" ސްލޯގަންގެ ދަށުން އެ ކުންފުނިން އަބަދުވެސް މަސައްކަތް ކޮށްފައިވާނީ ކުންފުނީގެ މަސްލަހަތު އިސްކޮށް އަދި ދިވެހި ޤައުމާއި މުޖުތަމަޢުއަށް ޚިދުމަތް ކުރުމުގެ ރޫޙުގައި ނަމަވެސް ރައްޔިތުންނަށް އޮޅުވާލުމުގެ ބޭނުމުގައި އަދި އެ ކުންފުނިން ހޯދާފައިވާ އިތުބާރާއި ރީތި ނަން ކިލަނބުކޮށް ކުންފުންޏާއި ކުންފުނީގެ އިސްވެރިން ބަދުނާމު ކުރުމުގެ ނިޔަތުގައި ބައެއް ފަރާތްތަކުން ހަޤީޤަތާއި ޚިލާފު ދޮގު ވާހަކަތަކެއް ފަތުރަމުންދާކަމީ ހިތާމަކުރާ ކަމެއް ކަމަށެވެ.
އެމްޓީސީސީގެ ސީއީއޯ އަދި ބައެއް އިސް މުވައްޒަފުންނާއި ގުޅުވައިގެން މީސް މީޑިއާގައި އަބުރު ކަތިލުމަށް ދައުރުކުރަމުންދާ ހުތުރު ވާހަކަތަކަކީ ކަނޑައެޅިގެން ހަޤީޤަތާއި ޚިލާފު ދޮގު ވާހަކަތަކެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
އެމްޓީސީސީން ބުނީ މީސް މީޑިއާގެ ނިވާފަތްގަނޑުގައި ފިލާތިބެ މިފަދަ ވިޔާނުދާ ވާހަކަތައް ފެތުރުމުގެ ބޭނުމަކީ ރައްޔިތުންގެ ހިތުގައި އެ ކުންފުންޏަށާއި ކުންފުނީގެ އިސްވެރިންނަށް އުފެދިފައިވާ އިތުބާރާއި އިޚުތިރާމް ފަނޑުކޮށްލައި އެ ފަރާތްތަކުގެ އަބުރު ކަތިލަން ކުރާކަމެއްކަމުގައި ހާމަވާ ކަމަށެވެ. އަދި މިފަދަ ވިޔާނުދާ ޢަމަލުތައް ހިންގުމުގެ މަޤްސަދަކީ ޒާތީ ތަޢައްސުބް އިސްކޮށް ނާޖާއިޒް މަންފާ ހޯދުމުގެ ވިސްނުމުގައި ކުރާ ކަމެއް ކަން ހިތާމައާއެކު ފާހަގަކުރާކަމަށް އެމްޓީސީސީން ބުންޏެވެ.
އަމިއްލަ ނަފްސަށް ބިރުވެތިވެ މިފަދަ ޙަރާމް ކުރައްވާފައިވާ ޢަމަލުތައް ހުއްޓާލުމަށް އެމްޓީސީސީން ވަނީ ނަސޭހަތްތެރިވެފައެވެ.



