ދިވެހިރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ހެލްތު މިނިސްޓްރީއާއި ގުޅިގެން މަސައްކަތް ފަށައިފިއެވެ.
އެގޮތުން، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އާއި ޞިއްޙީ ދާއިރާއާއެކު މިކަމުގައި ކޯޑިނޭޓްކުރުމަށް މި ދެ މިނިސްޓްރީގެ ކަމާގުޅުންހުރި ފަރާތްތަކުގެ އިސްވެރިން އިއްޔެ ވަނީ މަޝްވަރާ ބައްދަލުވުމެއް ބާއްވާފައި ކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީން ބުނެއެވެ.
މި ބައްދަލުވުމުގައި ސިއްހީ ދާއިރާ އާއި ސަލާމަތީ ބާރުތަކުން ، ބޮޑުވެފައިވާ މަސްތުވާތަކެތީގެ މައްސަލަ އާއި އޭގެ ސަބަބުން މުޖުތަމައަށް ކުރާ އަސަރުތަކާ ދެކޮޅަށް މަސައްކަތް ކުރާނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.
މަސްތުވާތަކެތީގެ މައްސަލައަކީ ބޮޑު ކަންބޮޑުވުމަކަށް ވެފައިވާއިރު، މިކަމުގެ ސަބަބުން ގޭންގުކުށްތައް އިތުރުވެ، މުޖުތަމައުގެ ހަމަޖެހުން ގެއްލިގެންދެއެވެ.
ކުރީގެ ވެރިކަމާ ހިލާފަށް މިހާރުގެ ސަރުކާރުން ދަނީ މި ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީން އިސްނަގައި ގޭންގް ވައިލެންސް ހުއްޓުވުމަށާއި މުޅި ގައުމުގައި އޮތް މަސްތުވާތަކެތީގެ ނެޓްވޯކްތައް ރޫޅާލުމަށް އާ ގަވާއިދުތަކެއް ތަންފީޒުކުރުމުގެ މަސައްކަތް ކުރަމުންނެވެ.
އިއްޔެގެ ބައްދަލުވުމުގައި ދެ މިނިސްޓްރީން ވެސް ވަނީ މި މައްސަލަތައް ފައިދާހުރި ގޮތެއްގައި ހައްލުކުރުމަށް ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ފާހަގަކޮށްފަ އެވެ. ސިއްހީ ދާއިރާގެ ފަންނީ ބޭފުޅުންގެ ތަޖުރިބާއާއި ސަލާމަތީ ބާރުތަކުގެ ތަންފީޒީ ގާބިލްކަން ގުޅުވައި، އެޑިކްޝަންއާ ކުރިމަތިލާން ޖެހޭ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ލިބޭނެ ގޮތް ހެދުމަށްވެސް އިއްގެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނެވެ.



