ދިވެހިރާއްޖޭގެ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ތަކުގައި ކުރެވޭނެ އިގުތިސާދީ މަސައްކަތްތަކުގެ ތެރޭގައި ތެލާއި މިނެރަލް ހޯދުމުގެ މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހިމަނުއްވައިފި އެވެ. އެސްއީޒެޑް ގާނޫނުގެ ދަށުން އެފަދަ ޒޯންތަކުގައި ހިންގޭނެ ހަރަކާތްތައް ކަނޑައެޅުމުގެ ބާރު ރައީސަށް ލިބިވަޑައިގަންނަވާއިރު، މިއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ކަނޑައެޅި ލިސްޓަށް ގެނައި ބަދަލެކެވެ.
މީގެ ކުރިން ރައީސް ނެރުއްވި ގަރާރުގައި އެސްއީޒެޑްގައި ކުރެވޭ ހަކަތައިގެ މަސައްކަތްތަކުގެ ތެރޭގައި ހިމަނުއްވާފައި އޮތީ ހަމައެކަނި ގޭހުގެ މަސައްކަތްތަކެވެ. ނަމަވެސް އިއްޔެ ނެރުއްވި އާ ގަރާރާއެކު، ތެލާއި ގޭހުގެ އިތުރުން މިނެރަލް އެކްސްޕްލޮރޭޝަން ނުވަތަ މިނެރަލް ހޯދުމުގެ މަސައްކަތްތައް ވެސް މިހާރު ވަނީ އެސްއީޒެޑްގެ ދަށުން ކުރެވޭނެ ކަންކަމުގެ ގޮތުގައި ހަމަޖައްސަވައިފަ އެވެ.
މި ނިންމެވުމަކީ މިދިޔަ އަހަރުގެ ޖަނަވަރީ މަހު ނެރުއްވި ގަރާރު މުރާޖައާ ކުރެއްވުމަށްފަހު، ރާއްޖޭގެ އިގްތިސާދު ސިންދަފާތުކޮށް ބޮޑެތި އިންވެސްޓްމަންޓްތަކަށް ފުރުސަތު ހުޅުވާލުމުގެ ގޮތުން ނިންމެވި ނިންމެވުމެއް ކަމަށް ރައީސް އޮފީހުން ބުނެ އެވެ.


އެސްއީޒެޑްގައި ހިންގޭނެ މައިގަނޑު މަސައްކަތްތައް:
މިއަދުގެ ގަރާރާއެކު އެސްއީޒެޑްގައި ހިންގޭނެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ:
- އެކްސްޕޯޓަށް އިސްކަންދީގެން ހިންގާ މެނުފެކްޗަރިންގެ މަސައްކަތްތައް
- ޓްރާންސްޝިޕްމަންޓް ޕޯޓާއި، އިންޓަނޭޝަނަލް ލޮޖިސްޓިކްސް އަދި ބަންކަރިންގެ ހިދުމަތް
- ޔުނިވަސިޓީތަކާއި ޓާޝަރީ ހޮސްޕިޓަލްތަކާއި ރިސާޗް ފެސިލިޓީތައް
- އައިސީޓީ ޕާކްތަކާއި އިންޓަނޭޝަނަލް ފައިނޭންޝަލް ހިދުމަތްތައް
- ރާއްޖެއަށް އާ ޓެކްނޮލޮޖީ ތައާރަފްކުރުމުގެ މަސައްކަތްތައް
- ތެލާއި ގޭހާއި މިނަރަލް އެކްސްޕްލޮރޭޝަންގެ މަސައްކަތްތައް
އެސްއީޒެޑްގެ މަސައްކަތްތަކުގެ ލިސްޓަށް ބަދަލު ގެނައި ނަމަވެސް، އެސްއީޒެޑްގައި އިންވެސްޓް ކުރެވޭނެ އެންމެ ކުޑަ މިންވަރަށް ބަދަލެއް ގެންނަވާފައެއް ނުވެ އެވެ. އެގޮތުން ސަސްޓެއިނަބުލް ޓައުންޝިޕް ތަރައްގީ ކުރުމަށް 500 މިލިއަން ޑޮލަރު ކަނޑައަޅާފައިވާއިރު، އެހެން ހުރިހާ ދާއިރާތަކަކުން އިންވެސްޓް ކުރެވޭނެ އެންމެ ކުޑަ މިންވަރަކީ 100 މިލިއަން ޑޮލަރެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ތެޔޮ ފެނޭތޯ ބެލުމަށް ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ސާވޭތަކެއް ކުރިއަށް ގެންގޮސްފައިވެ އެވެ. ނަމަވެސް އެ މަސައްކަތުން އެދެވޭ ނަތީޖާއެއް އޭރު ފެނިފައެއް ނުވެ އެވެ. މިނެރަލް ހޯދުމުގެ މަސައްކަތް އެސްއީޒެޑް ލިސްޓުގައި ހިމެނިއިރު، މިއީ ރާއްޖޭގައި މިފަދަ ދިރާސާއެއް ކުރުމަށް ރަސްމީކޮށް ހުޅުވާލެވުނު ފުރަތަމަ ފަހަރެވެ.
މި އާ ބަދަލާއެކު މިފަދަ ބޮޑެތި އިންވެސްޓްމަންޓްތަކަށް ރާއްޖޭގެ އިގުތިސާދީ ޒޯންތައް މިހާރު ވަނީ ހުޅުވާލެވިފަ އެވެ.








