އިއުލާނު ކުރުމެއް ނެތި ހުޅުމާލޭގެ ބިންތައް ވިއްކަން މަސައްކަތް ކުރާ ކަމަށް ބުނެ ދައުރުވަމުންދާ ވާހަކަތައް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދޮގުކޮށްފިއެވެ.
އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ ހަޤީޤަތެއް ނެތް މިފަދަ ވާހަކަތައް ފެތުރުމަކީ އެ ކޯޕަރޭޝަނުން ނުހަނު ކަންބޮޑުވާކަމެއް ކަމަށާއި މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުން އިއުލާނު ކުރުމެއް ނެތި ދިރިއުޅުމުގެ ބޭނުމަށް ބިން ވިއްކުމުގެ އެއްވެސް މުއާމަލާތެއް އެ ކޯޕަރޭޝަނުން ކުރިއަށް ގެންގޮސްފައި ނުވާނެ ކަމަށެވެ.
އެޗްޑީސީން ބުނީ ދިރިއުޅުމުގެ ބޭނުމަށް ހުޅުމާލޭގެ ބިމެއް ވިއްކުމުގެ މުއާމަލާތް އެ ކޯޕަރޭޝަނުން ކުރިއަށްގެންދާނީ އާއްމުކޮށް އިއުލާނު ކުރުމާއެކު، ހުޅުވާލެވިފައިވާ ބީލަން ޕްރޮސެސްގެ ތެރެއިން ކަމަށެވެ. އެގޮތުން މި އަހަރުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން ހުޅުމާލެއިން ދިރިއުޅުމުގެ ބޭނުމަށް ބިން ވިއްކުމަށް އިއުލާނުކޮށްފައިވާނެ ކަމަށް އެޗްޑީސީން ބުންޏެވެ. އެޗްޑީސީން ބުނީ މިއިން ކޮންމެ ފަހަރަކުވެސް ބިން ގަތުމުގެ ބީލަން ޕްރޮސެސް ކުރިއަށްދާނެގޮތުގެ ތަފްސީލް މައުލޫމާތު އިއުލާނާއެކު އެ ކޯޕަރޭޝަނުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާނެ ކަމަށެވެ.
އެޗްޑީސީން ވަނީ ހުޅުމާލެ ތަރައްޤީކޮށް ހިތްފަސޭހަ ތަނަކަށް ހެދުމަށް އެޗްޑީސީން ހެޔޮ ނިޔަތުގައި ކުރަމުން އަންނަ މަސައްކަތަށް ރައްޔިތުންގެ ފަރާތުން ލިބެމުންދާ އިތުބާރަށް ކިލަނބުކަން އަންނަ ގޮތަށް، ކަމުގެ ހަޤީޤަތް ބެލުމެއް ނެތި ޚަބަރު ގެނެސްދިނުން ކުށްވެރިކޮށްފައެވެ. އަދި ރައްޔިތުންނަށް އޮޅުން އަރާގޮތަށް އެފަދަ ދޮގު މައުލޫމާތު ނުގެނެސްދިނުމަށް އެ ކޯޕަރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.



