ބުޅާ މަސް އަޅައިގެން ކާ ތަކެތި ތައްޔާރުކުރިކަމަށް ތުހުމަތުވާ ބިދޭސީ މީހާ ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.
މި މައްސަލައިގައި ތުހުމަތުވަނީ އުމުރުން 32 އަހަރުގެ ބަންގްލަދޭޝް މީހެއް ކަމަށްވާ އަރަފާތު ހޮސެއިން އެވެ. އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން އޭނާ ހޯދުމަށް އިމިގްރޭޝަނުން އިއުލާނުކޮށްފައި ވަނީ އިއްޔެ އެވެ.
އެ މީހާއާ ގުޅޭ ގިނަ މަޢުލޫމާތުތަކެއް އާންމު ފަރާތްތަކުންވެސް ވަނީ ސޯޝަލް މީޑިއާގައި އާންމުކޮށްފައެވެ. އެގޮތުން މާލޭގެ މޭރީބްރައުން ސަރަޙައްދުގައި ބުޅާ ހިފަން މަޑުކޮށްގެން ހުންނަ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާންމުކޮށްފައެވެ. އޭނާ އެ ސަރަޙައްދުގައި ކުރަނީ ކީއްތޯ ވީޑިއޯ ނެގި މީހާ ސުވާލުކުރުމުން އޭނާ ބުނެފައިވަނީ އޭނާގެ ގެއަށް ބުޅާތައް ގެންދަން މަސައްކަތް ކުރަނީ ކަމަށެވެ.
އެ މީހާ އުޅޭ ގެވެސް އާންމުން ހޯދާފައިވާއިރު، އެ ސަރަޙައްދުގައި އުޅޭ ފަރާތްތަކުންވެސް މަޢުލޫމާތު ދީފައިވާ ގޮތުގައި އެގެއިން ވަނީ ބުޅަލުގެ އެކި ގުނަވަންތައް ވެސް ފެނިފައެވެ. އަދި ބުޅަލަށް އިހާނެތިކޮށް ހިތުމުން ބުޅާ ހަޅޭއްލަވާ އަޑުވެސް އެގެއިން އިވޭކަމަށް އެ ސަރަޙައްދުގައި އުޅޭ މީހުން ވަނީ ބުނެފައެވެ.
އެ މީހާއަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި ބުޅާ މެރުމާއި ބުޅާ މަސް އަޅައިގެން ސަބްމެރިން އާއި ބާގާ ފަދަ ތަކެތި ތައްޔާރުކުރުން ހިމެނެއެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުން އަންނަ ކަމަށެވެ.



