މާލޭގެ ގެއެއްގައި އިމިގްރޭޝަނުން ހިންގި ރެއިޑުން ކަންބޮޑުވާންޖެހޭ މަންޒަރުތަކެއް ފެނިއްޖެއެވެ.
ގަވާއިދާއި ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައިގައި އިމިގްރޭޝަނުން ކުރަމުންގެންދާ މަސައްކަތުން އިއްޔެ ގެއެއް ބަލައި ފާސްކުރަނިކޮށް ފެނުނީ މުޑުދާރު ގޮތަކަށް، ވަރަށް ސާފުތާހިރުކަން ކުޑަ ގޮތަކަށް ފޯއް ވިއްކުމަށްޓަކައި ޕްރޮސެސްކުރާ ތަނެވެ.
ސޯޝަލް މީޑިއާގައި ޝާއިޢުކޮށްފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި، ފާޚާނާ ތެރޭޣައި އެތަކެތި ދޮންނަނަް ބަހައްޓާފައިވާއިރު ކޮށާފައި ބަހައްޓަނީ ހަޑިކޮށް ހުރި ބިންމަތީގައެވެ. ސާފުތާހިރު ކަމުގެ އެއްވެސް މިންގަނޑެއް ނެތެވެ.
މި މަންޒަރުތަކުން ފެނިގެންދިޔައީ އާންމު ސިއްޙަތާއި ކާބޯތަކެތި ތައްޔާރުކުރުމުގައި ސާފުތާހިރުކަމުގެ މިންގަނޑުތައް ތަންފީޒުކުރުމާ ގުޅޭ ގޮތުން ބޮޑެތި ކަންބޮޑުވުންތަކެއް އުފެދޭފަދަ ހާލަތެކެވެ. މިއީ އިމިގްރޭޝަނުން ކުރިއަށްގެންދާ ފުޅާ މަސައްކަތެއްގެ ބައެކެވެ. މި މަސައްކަތުގެ ދަށުން ގަވާއިދާ ޚިލާފަށް ބިދޭސީން ހިންގާ ކޯނަރ ފިހާރަތައް ބަންދުކުރުމަށް ނިންމައި، އެކަމަށްދަނީ ފިޔަވަޅު އަޅަމުންނެވެ.
މި ހާދިސާއާ ގުޅިގެން އިތުރު ތަޙުޤީޤުތައް ކުރިއަށްދާކަމަށް އިމިގްރޭޝަނުން ހާމަކޮށްފައިވެއެވެ. އަދި މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތަކާ ދެކޮޅަށް ކުރިއަށް އޮތް ތަނުގައިވެސް ހަރުދަނާ ފިޔަވަޅުތައް އަޅަމުން ގެންދާނެކަމަށް އެ އިދާރާއިން އަންގައެވެ.
މި ރެއިޑުން ފެނިގެންދިޔަ މަންޒަރުތަކަކީ ރާއްޖޭގައި ދިރިއުޅޭ އެންމެހައި ފަރާތްތަކުން ސަމާލުކަން ދޭންޖެހޭ ކަމެއްކަން ފާހަގަކުރެވެއެވެ. ޚާއްޞަކޮށް ކާބޯތަކެތި ތައްޔާރުކުރުމުގައި ސާފުތާހިރުކަމަށް ސަމާލުކަން ދިނުމަކީ އާންމު ސިއްޙަތު ރައްކާތެރިކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.



