ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް 3.1 މިލިއަން ރުފިޔާއަށް ފްލެޓެއް ބައްލަވައިގަތުމާއި ގުޅޭގޮތުން ދެކެވެމުންދާ ވާހަކަތަކަށް އެމަނިކުފާނު ޖަވާބު ދެއްވައިފިއެވެ.

އެ ފްލެޓް ގަތުމަށް ޚަރަދުވި ގޮތުގެ ތަފްސީލު ހާމަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، އެފްޑަބްލިއު ކޮންސްޓްރަކްޝަނުން ބިނާކުރި އެފްޑަބްލިއު ރެސިޑެންސްގެ ފްލެޓަށް ފައިސާ ދައްކަން ފަށާފައިވަނީ 2018 ވަނަ އަހަރުގެ އޭޕްރީލް މަހުގައި ކަމަށެވެ. އަދި ފްލެޓް ގަތުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2018 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 18 ވަނަ ދުވަހު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ފްލެޓް ގަތުމަށް އިތުރަށް ބޭނުންވި ފައިސާ ހޯދާފައިވަނީ ބޭންކް އޮފް މޯލްޑިވްސްގެ އިސްލާމިކް ލޯނަކުން ކަމަށް މިނިސްޓަރު ހާމަކުރެއްވިއެވެ. އަދި މިހާތަނަށް ލޯނުގެ ނުދައްކާ އޮތް ބާކީއަކީ 1,401,892.90 ރުފިޔާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.