އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) ގެ ޒަމާނުގައި އަންހެނުންގެ ލީޑަރޝިޕާއި ގުޅޭގޮތުން ބޭއްވުނު މަޝްވަރާ ބައްދަލުވުމެއްގައި، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ މިނިސްޓަރ، ޑރ. މަރްޔަމް މާރިޔާ ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ބައްދަލުވުމަކީ އޭ.އައި ގެ ދާއިރާގައި އަންހެނުންގެ ދައުރު ފުޅާކޮށް، އެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް މަގުފަހިކުރުމުގެ މަޤްޞަދުގައި ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ.
ޗައިނާގެ ވެރިރަށް ބެއިޖިންގގައި ބޭއްވުނު "އާޓިފިޝަލް އިންޓެލިޖެންސްގެ ޒަމާނުގައި އަންހެނުންގެ ލީޑަރޝިޕް" މައުޟޫޢުގައި ކުރިޔަށްގެންދެވުނު "މޭޒުވަށާ މަޝްވަރާ ބައްދަލުވުމުގައި"، ޑރ. މަރްޔަމް މާރިޔާ ބައިވެރިވެ ވަޑައިގެންނެވީ ޝަރަފުވެރި ޕެނަލިސްޓެއްގެ ހައިސިއްޔަތުންކަން އެވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.
އެގޮތުން މި އާދީއްތަ ދުވަހު ބޭއްވުނު ބައްދަލުވުމުގައި، ސައިންސް ޓެކްނޮލޮޖީ، އިންޖިނިއަރިންގ އަދި މެތަމެޓިކްސް (ސްޓެމް) ދާއިރާތަކުގައި އަންހެނުންނާއި އަންހެންކުދިންނަށް ދިމާވާ ގޮންޖެހުންތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.
މީގެ އިތުރުން،މި ބައްދަލުވުމުގެ އެންމެ ބޮޑު މަޤްސަދަކީ. މި ދާއިރާތަކުގައި އަންހެނުންނާއި އަންހެންކުދިން ކުރިއެރުވުމަށާއި ބާރުވެރިކުރުމަށްޓަކައި އެކަށައެޅިދާނެ ސްޓްރެޓެޖީތަކާއި، ފަހިކޮށްދެވިދާނެ ފުރުސަތުތަކާ ބެހޭގޮތުން ޚިޔާލު ބަދަލުކުރެއްވުމަށް ކަން އެވުޒާއައިން ވަނީ މައުލޫމާތު ދީފައިއެވެ.
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ވަނީ ، ޕެނަލްގައި ބައިވެރިވި ފަރާތްތަކުން ސްޓެމް (ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިންގ އަދި މެތެމެޓިކްސް) ދާއިރާތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމުގެ މުހިންމުކަން ފާހަގަކުރެއްވައި، ސުނާއީ ވިސްނުން (އާޓިފިޝަލް އިންޓެލިޖެންސް) އާއި ޓެކްނޮލޮޖީގެ ރޮނގުން ކުރިއަރަމުންދާ މި ދުނިޔޭގައި އަންހެނުން އިސް ދައުރެއް އަދާކުރާކަން ކަށަވަރުކުރުމަށްޓަކައި، އެކަށީގެންވާ އެހީތެރިކަމާއި މަގުދެއްކުން ފޯރުކޮށްދިނުމުގެ އިތުރުން، އެކަމަށް އަމާޒުކޮށް ސިޔާސަތުތައް އެކުލަވާލުމުގެ މުހިންމު ކަމާއި މެދު އަލިއަޅުވާލައިފައިކަން ފާހަގަކުރާކަމަށް ބުނެފައިއެވެ.
މިނިސްޓަރ މިހާރު ކުރައްވަމުން ގެންދަވާ ޗައިނާގެ ދަތުރުފުޅަކީ "ބެއިޖިންގ ނޯމަލް ޔުނިވަރސިޓީ" އިން ދެއްވި ދަޢުވަތަކަށް އިޖާބަދެއްވައިގެން ކުރައްވާ ދަތުރުފުޅެކެވެ.
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓަކީ ދިވެހި ދަރިވަރުންނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޔުނިވަރސިޓީތަކުން މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތުތައް ފަހިކޮށްދިނުމަށްޓަކައި، އެކި ޤައުމުތަކުގެ އެމްބަސީތަކާއި، ހައި ކޮމިޝަންތަކާއި، ޔުނިވަރސިޓީތަކުގެ އިތުރުން އެހެނިހެން މުއައްސަސާތަކާ ގުޅިގެން ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ވުޒާރާއެކެވެ.



