ރާއްޖޭގެ ތަރައްޤީއާއި އާބަނައިޒޭޝަން އިތުރަށް ކުރިއެރުވުމަށް އަމާޒުކޮށްގެން ލާމު އަތޮޅު ގަން ސިޓީއަކަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މަޖިލިސް އިންތިޚާބުގައި ލ. އަތޮޅުން ސަރުކާރަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް މިރޭ ފޮނަދޫގައި ބޭއްވި ޙަފްލާގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ވަނީ އެކަމުގެ އިޝާރާތެއް ދެއްވާފައެވެ.
"އަޅުގަނޑު ދެކެން ބޭނުންވަނީ ގަން ފޮނަދޫ ސިޓީއަކަށް ވެގެންދާ ތަން. އިރާދަކުރެއްވިއްޔާ ދެން އަންނަ ލޯކަލް ކައުންސިލް އިންތިޚާބެއްގައި މި ތަނުގައި ބޭއްވޭނީ މޭޔަރުކަމުގެ އިންތިޚާބު. ސިޓީއެއްގެ ދަރަޖައަށް މި ތަން ބަދަލުކުރެވި މި ތަނުގައި އަޅުގަނޑުމެން އިންތިޚާބުކުރާނީ ގަން ފޮނަދޫ ސިޓީގެ މޭޔަރު،" ޓޫރިޒަމް މިނިސްޓަރ ފައިސަލް ވިދާޅުވިއެވެ.
ދެކުނުގައި އޮންނަ ގަން ފޮނަދޫގެ ސްޓްރެޓެޖިކް މުހިންމުކަމާއި، ޚާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާއިން ކުރިއެރުމުގެ ފުރުޞަތު ބޮޑުކަން ޒަމާނުއްސުރެ ފާހަގަކުރެވިފައި ވާއިރު، މި ބަދަލާއެކު، އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމާއި، އިޤްތިޞާދީ ފުރުޞަތުތަކާއި، ރައްޔިތުންނާއި ފަތުރުވެރިންނަށް ޚިދުމަތްތައް އިތުރުކުރުމުގެ ކުރިއެރުންތަކެއް ފެންނާނެ ކަމަށް ލަފާކުރެވެއެވެ.
އެ ޕްލޭން ޙަޤީޤަތަކަށް ވެއްޖެނަމަ ގަން ފޮނަދޫ އަކީ މިހާރު ހުރި 5 ސިޓީގެ ސަފުތަކާ ގުޅިގެން ރާއްޖޭގެ އާބަނައިޒޭޝަން ދަތުރުގައި މުހިންމު ދައުރެއް އަދާކުރާނެ ހަވަނަ ސިޓީއަށް ވެގެން ދާނެއެވެ. އަދި މިއީ ތަރައްޤީ ލާމަރުކަޒީ އުޞޫލުން ހިންގުމުގައި ސަރުކާރުގެ ފުޅާ އެޖެންޑާއާ އެއްގޮތް ފިޔަވަޅެކެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ސަރުކާރުން ދަނީ ދުރާލާ މަޝްވަރާތަކާއެކު ޕްލޭންތައް ހަދަމުންނެވެ.



