ބުޅާ މަހުން ކާބޯތަކެތި އުފައްދައި، އޭގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ ބިދޭސީއަކު އިމިގްރޭޝަނަށް ހާޒިރުވުމަށް އަމުރުކޮށްފިއެވެ.
މި މައްސަލައިގައި ތުހުމަތުކުރެވެނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަރަފާތު ހުސައިންގެ މައްޗަށެވެ.
ފެލީން ވެލްފެއާ އޯގަނައިޒޭޝަނުން އެކްސްގައި ޝާއިޢުކުރި ޕޯސްޓެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، އަރަފާތު ހޮސައިންއަކީ ގަވާއިދާ ޚިލާފަށް މާލޭ ވަޅޯމަސް މާރުކޭޓުގައި މަސައްކަތްކުރަމުންދާ ފަރާތެކެވެ. މީގެ އިތުރުން، ބުޅާ ޒަބަޙަކޮށް (ކަތިލުން)، އޭގެ މަހުން ކާބޯތަކެތި އުފައްދައި، ޕާރުސަލްގެ ގޮތުގައި ވިއްކަމުންދާ ކަމަށްވެސް ތުހުމަތުކުރެވެއެވެ.
މި މައްސަލައާ ގުޅޭގޮތުން އެނިމަލް ވެލްފެއަރ މިނިސްޓްރީގެ މިނިސްޓަރު ޑރ. އާއިޝަތު ރަމީލާ ވިދާޅުވެފައިވަނީ، މި މައްސަލަ މިހާރު ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހަޅައި، ތަޙުޤީޤު ކުރިއަށް ގެންދެވެމުންދާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން، އިމިގްރޭޝަނުން ވަނީ އަރަފާތު ހޮސައިން އެ އިދާރާއަށް ހާޒިރުވުމަށް ފަސް ދުވަހުގެ މުއްދަތެއް ދީ، އެކަން ޢާންމުކޮށް އިޢުލާނުކޮށްފައެވެ.
މި ބިދޭސީއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިވަޑައިގަންނަވާނަމަ، އެ މަޢުލޫމާތު މޯލްޑިވްސް އިމިގްރޭޝަނާ ހިއްސާކުރެއްވުމަށް އެ މުއައްސަސާއިން އެދިވަޑައިގެންފައިވެއެވެ. މަޢުލޫމާތު ޙިއްސާކުރެއްވުމަށް ހިއްސާކުރެއްވުމަށް 9199017 ނަންބަރަށް ޣުޅުއްވުމުން ނުވަތަ risk@immigration.gov.mv
އަށް އީމެއިލް ކުއްދެއްވުމަށް އެދިވަޑާގެންފައިވެއެވެ.



