ފާފައެއް ކުރުމަށްފަހު، ހަރުދަނާ ޒަމީރެއް ލިބިގެންވާ ފަރުދެއްގެ ހިތުގައި ޤުދުރަތީ ގޮތުން އުފެދޭ އިހުސާސްތަކުގެ ތެރޭގައި ހިތާމައާއި ނަފްސަށް ކުށްވެރިވުން ހިމެނެއެވެ. މިފަދަ މަޝްޢޫރުތައް( ކަންކަން) އުފެދުމަކީ އިންސާނީ ފިޠުރަތުގެ އަސާސީ ސިފައެއް ކަމުގައި ދެކެވެއެވެ.
ފާފައެއް ކުރުމަށްފަހު، މާތްﷲ އަށް ބިރުވެތިވެ އަދި އެކަލާނގެއަށް ބޮޑު އިޙްތިރާމެއް ދޭ މީހަކު "މިފާފައަށް ﷲ އަޅުގަނޑަށް ފުއްސަވާނީ ކިހިނެއް ހެއްޔެވެ؟" މިފަދައިން ވިސްނައި ހިތާމައާއި ނާއުއްމީދުކަން އިޙްސާސްކުރާނެއެވެ. ނަމަވެސް، ﷲގެ ރަޙްމަތުން މާޔޫސްވުމަކީ އިސްލާމްދީނުގައި އޭގެ ޒާތުގައި ބޮޑެތި ފާފަތަކުގެ ތެރެއިން ފާފައެއްކަން ފާހަގަކޮށްލަން ޖެހެއެވެ. އެހެނީ ﷲ އަކީ އަބަދުވެސް ރަޙްމަތްލައްވާ، ފާފަފުއްސަވާ ރަސްކަލާނގެއެވެ.
އެކަލާނގެ ޤުރުއާނުގައި ވަޙީކުރައްވާފައިވާ ފަދައިން:
"ﷲގެ ރަޙުމަތުން ކަލޭމެން މާޔޫސްނުވާށެވެ! ހަމަކަށަވަރުން، އެކަލާނގެ ކަލޭމެންގެ ހުރިހާ ފާފަތަކެއް ފުއްސަވާނެތެވެ." ޤުރުއާން 39:53
އަދި އެހެން އާޔަތެއްގައި ﷲ ވަޙީކުރައްވާފައިވެއެވެ:
"އަދި އެކަލާނގެ އެދިވޮޑިގަންނަވަނީ ތިޔަބައިމީހުންނަށް ފާފަ ފުއްސެވުމެވެ". ޤުރުއާން 4:146
އިސްލާމްދީނުގައި އިންސާނުންގެ ފިޠުރަތާއި ނަފްސާނީ ޙާލަތުތައް ވަރަށް ފުރިހަމައަށް ދެނެވަޑައިގެންފައި ވެއެވެ. މީގެ ތެރޭގައި ކޮންމެ މީހެއްގެ ހިތަށް އަރާ ވަސްވާސްތަކާއި، އަދި އޭގެ ސަބަބުން ބައެއް މީހުން ނުބައި ޢަމަލުތަކަށް ނަފްސް ލެނބިދާނެކަން ހިމެނެއެވެ. ނަމަވެސް، ތައުބާވުމަކީ މި ފާފަތަކާއި ނުބައި ޢަމަލުތަކުން ސަލާމަތްވުމުގެ މަގެވެ. ތައުބާގެ ޛަރީޢާއިން، މީހާއަށް ކުރީގެ ފާފަތަކުން ދުރުވެ، ނަފްސުގެ ނުރަނގަޅު އާދަތަކުން މިނިވަންވުމުގެ ފުރުޞަތު ލިބިގެންދެއެވެ.
މާތްވެގެންވާ ﷲ ގެ ޙަޟްރަތުގައި އެންމެ މަތިވެރި އަދި އެންމެ ލޯބިވެވޮޑިގަންނަވާ އަޅުކަމަކީ ތައުބާވުމެވެ. އެކަލާނގެ ޚާއްޞަ ރަޙްމަތާއި ލޯބިވަނީ ތައުބާވާ އަޅުތަކުންނަށެވެ. ތައުބާވުމުގެ މަޤާމަކީ އެހެން އެއްވެސް އަޅުކަމަކަށް ނުލިބޭފަދަ މަތިވެރި ދަރަޖައެކެވެ. މިއީ އަޅަކު ތައުބާވުމުން މާތްﷲ އެހާމެ ބޮޑަށް އުފާވެވޮޑިގަންނަވާ ސަބަބެވެ. އެކަލާނގެ އުފާވެވޮޑިގަންނަވާ މިންވަރު ވަނީ، ދަތުރުވެރިޔަކު ސަހަރާގެ މެދުތެރޭގައި ގެއްލިފައިވާ އޭނާގެ ސަވާރީ ފެނުމުން ލިބޭ އުފަލާ އެއްފަދައިން ކަމުގައި ބަޔާންކުރެވިފައެވެ.
މާތްﷲ ގެ ރުހިވޮޑިގަތުން ލިބިގަތުމަކީ ތައުބާވާ އަޅާގެ ހިތަށް ނުހަނު ބޮޑު އަސަރެއް ކުރާ ކަމެކެވެ. މި ސަބަބާހުރެ، ތައުބާވުމުގެ ނަތީޖާއެއްގެ ގޮތުން އެ އަޅާއަށް މާތްﷲ ގެ ލޮބުވެތި އަޅުތަކުންގެ ތެރެއިން ވުމުގެ މަތިވެރި މަޤާމު ޙާޞިލުވެގެންދެއެވެ.
މީގެ އިތުރުން، ތައުބާވުމުގެ ސަބަބުން އަޅާގެ ހިތުގައި މަޑުމައިތިރިކަމާއި، ޢާލަމްތައް ޚަލްޤުކުރެއްވި ހަމައެކަނި ފަރާތްކަމުގައިވާ މާތްﷲ އަށް ނިކަމެތިވެ ބޯލެނބުމުގެ އިޙްސާސް އުފެދިގެންދެއެވެ. މިއީ އެހެނިހެން އަޅުކަންތަކުން ފަސޭހަކަމާއެކު ޙާޞިލުކުރުން ދަތި މަތިވެރި މަޤާމެކެވެ.
އެހެނަސް، ތައުބާވެ، އީމާންކަން ޙާޞިލުކޮށް، ހެޔޮ ޢަމަލުތައް ކުރާ މީހުން މިއިން އިސްތިސްނާވެގެން ވެއެވެ. މިފަދަ މީހުންގެ ނުބައި ޢަމަލުތައް ﷲ ސުބުޙާނަހޫ ވަތަޢާލާ ބަދަލުކުރައްވާނީ ހެޔޮ ޢަމަލުތަކަށެވެ.
"ހަމަކަށަވަރުން، ﷲ އީ ގިނަގިނައިން ފާފަފުއްސަވާ، އަޅުތަކުންނަށް ނުހަނު އޯގާވަންތަ އަދި ފަރިތަ ރަޙްމަތްލެއްވުން ބޮޑުވެގެންވާ ރަސްކަލާނގެއެވެ." (އަލްފުރުޤާން: 70)
ތައުބާވުމުގެ މަގު: އިސްލާމީ ނަޒަރަކުން
މާތްﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުން ތައުބާ ޤަބޫލުކުރެއްވުމަށްޓަކައި، އަޅުކަމެއްގެ ގޮތުގައި ތައުބާވާ ފަރާތުން އަންނަނިވި ހަތަރު މަރުޙަލާ ފުރިހަމަކުރަންޖެހެއެވެ؛
- ފާފަވެރި ޢަމަލު ވަގުތުން ހުއްޓާލުން.
- ކުރެވިފައިވާ ފާފައާމެދު ފުންކޮށް ވިސްނައި، ޚާލިޞް ނިޔަތުގައި ހިތާމަކުރުން
- މާތްﷲގެ ޙަޟްރަތަށް ރުޖޫޢަވެ، ފާފަފުއްސެވުމަށް އެދި ދުޢާކުރުން.
- އެ ފާފައަށް އަލުން ނުއެނބުރުމަށް ޢަޒުމު ކަނޑައެޅުން.
މި ހަތަރު މަރުޙަލާ ފުރިހަމަކުރުމަށް އެހީތެރިވެދޭނެ މުހިންމު ކަންތައްތަކުގެ ތެރޭގައި ހިމެނެނީ:
- ފާފައިގެ ނޭދެވޭ ނަތީޖާތަކާމެދު ފުންކޮށް ވިސްނުން.
- ފާފައަށް ކަނޑައެޅިފައިވާ ދަރުމައާއި ޢުޤޫބާތު ދެނެގަތުން.
- ފާފަކުރާ ވަގުތު އިންސާނާގެ ނިކަމެތިކަމާއި ބަލިކަށިކަން ހަނދާންކުރުން.
މި ކަންކަމަށް ރިޢާޔަތްކޮށް، ތައުބާވުމުގެ މަގުގައި ސާބިތުވެ ތިބުމަކީ ކޮންމެ މުސްލިމަކަށްމެ މުހިންމު ކަމެކެވެ.
ޚަލީފާ އަބޫބަކުރު އައްޞިއްދީޤު (ރަޟިޔަﷲ ޢަންހު) ރިވާކުރެއްވި ޙަދީޘެއްގައި ވެއެވެ:
"އަހުރެން ކީރިތި ރަސޫލާ މުޙައްމަދު (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ޙަދީޘްކުރައްވަނިކޮށް އަޑުއެހީމެވެ: 'އެއްވެސް އަޅަކު ފާފައެއް ކުރުމަށްފަހު، ރަނގަޅަށް ވުޟޫކޮށް، އިޚްލާޞްތެރިކަމާއެކު ދެރަކުޢަތް ނަމާދެއް ކޮށްފިނަމަ، ހަމަކަށަވަރުން އޭނާގެ ފާފަތައް މާތް ﷲ ފުއްސަވާނެތެވެ".
މި މާތްވެގެންވާ ޙަދީޘުން އަޅުގަނޑުމެންނަށް އުނގެނިގަނެވެނީ ތައުބާވުމުގެ މަތިވެރިކަމާއި، ނަމާދުކުރުމުގެ މުހިންމުކަމެވެ. އަދި މީގެއިތުރުން، މާތް ﷲގެ ރަޙުމަތްފުޅުގެ ފުޅާކަމާއި ދަރުމަވަންތަކަން ވެސް މެއެވެ. އެހެންކަމުން، އިންސާނަކު ފާފައެއް ކޮށްފިނަމަ، ލަސްނުކޮށް ތައުބާވެ، އިޚްލާޞްތެރިކަމާއެކު ނަމާދުކުރުމަކީ އިސްލާމްދީނުގައި ވަރަށް ބާރުއަޅުއްވާފައިވާ ކަމެކެވެ. މިއީ އަޅުގަނޑުމެންގެ ރޫޙާނީ އަދި މާއްދީ ދިރިއުޅުމަށް ވެސް ވަރަށް ބޮޑު ފައިދާތަކެއް ކުރާނެ ކަމެކެވެ.
މާތްވެގެންވާ ﷲ ސުބުޙާނަހޫ ވަތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ:
"އަދި (ތެދުވެރި މުއުމިނުންނަކީ) އެބައިމީހުން ހަޑިމުޑުދާރު ޢަމަލެއް ކޮށްފިނަމަ، ނުވަތަ އަމިއްލަ ނަފްސަށް އަނިޔާވެރިވެއްޖެނަމަ، ﷲ ހަނދުމަކޮށް، އެބައިމީހުންގެ ފާފަތަކަށް ފުއްސެވުން އެދޭ މީހުންނެވެ. އަދި ﷲ ފިޔަވައި (އެހެން) ފަރާތަކުން ފާފަ ފުއްސަވާނީ ކާކުހެއްޔެވެ؟ އަދި އެބައިމީހުން ދެނެތިބެ، އެބައިމީހުން ކުރި ކަންތަކުގައި ދެމިނުތިބެއެވެ." (އާލި ޢިމްރާން: 135)



