ނޫމަޑި މައްސަލައާ ގުޅޭ ގޮތުން ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސެއިން ވަޙީދުއާއެކު އެއްވެސް ފަރާތަކާއި އެއްވެސް ހައިސިއްޔަތަކުން ބައްދަލުކޮށްފައި ނުވާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާޢު ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރުގެ އޮފީހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ 18 އޮގަސްޓް 2024 ވަނަ ދުވަހުގެ ރޭ ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސެއިން ވަޙީދު ދައްކަވާފައިވާ ވާހަކައެއްގައި، ނޫމަޑި މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުއާ ބައްދަލުކުރެއްވުމަށް ޝުޖާޢުއާއެކު ދިޔަކަމަށް ވިދާޅުވެފައިވާ ވާހަކައަކީ ހަޤީޤަތާ ޚިލާފު އެއްވެސް އަސާސެއް ނެތް ވާހަކައެއް ކަމަށެވެ.
އެ މައްސަލައާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ވަޙީދުއާއެކު އެއްވެސް ފަރާތަކާއި އެއްވެސް ހައިސިއްޔަތަކުން ބައްދަލުކޮށްފައިނުވާނެ ކަމުގެ ޔަޤީންކަން ޝުޖާޢު ވަނީ އަރުއްވާފައެވެ.
ނޫމަޑި މައްސަލާގައި ރައީސް މުޢިއްޒުގެ މައްޗަށް ދައުވާ ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމާފައެވެ. އަދި އެ ނިންމުން އިސްތިއުނާފު ނުކުރުމަށް ވެސް ޕީޖީ އޮފީހުން ވަނީ ނިންމާފައެވެ.



