މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ދުނިޔޭގައި 'އެކްސް' އަށްވުރެ 'ތުރެޑްސް' ބޭނުންކުރާ މިންވަރު އިތުރުވެއްޖެ

އައިޝަތު ރުވާ ރިފްޢަތު | 5 ދުވަސް ކުރިން - 19 ޖެނުއަރީ 2026 23:56
އެކްސް އާއި ތްރެޑްސް އަކީ ދާދި އެއް ބޭނުމެއްގައި އުފައްދާފައިވާ ދެ ޕްލެޓްފޯމެއް---
އެކްސް އާއި ތްރެޑްސް އަކީ ދާދި އެއް ބޭނުމެއްގައި އުފައްދާފައިވާ ދެ ޕްލެޓްފޯމެއް---
ޚުލާސާ

މޯބައިލް ފޯނުތަކުން ތްރެޑްސް ބޭނުންކުރާ މިންވަރު އެކްސް އަށްވުރެ އިތުރުވި ނަމަވެސް، ވެބް ބްރައުޒާތަކުގެ އަދިވެސް ގިނައީ އެކްސް ބޭނުންކުރާ މިންވަރު.

މޮބައިލް ފޯނު މެދުވެރިކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮންމެ ދުވަހަކު 'ތުރެޑްސް' ބޭނުންކުރާ މީހުންގެ އަދަދު މިހާރު ވަނީ 'އެކްސް' އަށްވުރެ އިތުރުވަމުންދާކަމަށް ސިމިލާވެބް އިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފި އެވެ. ތުރެޑްސް އަކީ ފޭސްބުކް ނުވަތަ އިންސްޓަގްރާމް ހިންގަމުން އަންނަ މެޓާ ކުންފުނީގެ ދަށުން ހިންގަމުން އަންނަ ޕްލެޓްފޯމެކެވެ.

މި ހިސާބުތަކުން ދައްކާގޮތުގައި، 7 ޖެނުއަރީ 2026 އާ ހަމައަށް އައިއޯއެސް އަދި އެންޑްރޮއިޑް މެދުވެރިކޮށް ދުވާލަކު 141.5 މިލިއަން މީހުން ތުރެޑްސް ބޭނުންކޮށްފައިވެއެވެ. މިއީ ހަމަ އެ މުއްދަތުގައި އިލަން މަސްކުގެ އެކްސް ބޭނުންކުރި ކަމަށް އަންދާޒާކުރެވޭ 125 މިލިއަން މީހުންނާ އަޅާބަލާއިރު އިތުރު އަދަދެކެވެ.

ޓެކްކްރަންޗް މެދުވެރިކޮށް އާންމުކޮށްފައިވާ މި ރިޕޯޓުގައިވާ ގޮތުން، 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ފަހުކޮޅާއި ނޮވެމްބަރު މަހުގެ ކުރީކޮޅާ ދެމެދު ތުރެޑްސް ވަނީ މޮބައިލް ބޭނުންކުރާ މީހުންގެ އަދަދުން އެކްސްއަށްވުރެ ކުރި ހޯދާފައެވެ. މި ކުރިއެރުމަކީ ކުއްލިއަކަށް އައި ބަދަލެއް ނޫން ނަމަވެސް، ފާއިތުވި މަސްތަކުގައި އެއްވަރެއްގައި ހިފެހެއްޓިގެން އެ ޕްލެޓްފޯމް ބޭނުންކުރާ މީހުންގެ އަދަދު ވަނީ އިތުރުވަމުން ގޮސްފައެވެ. މިއިން ދޭހަވަނީ ވަކި ހާއްސަ ހާދިސާއަކާ ގުޅިގެން މީހުން އެ ޕްލެޓްފޯމާ ގުޅުމުގެ ބަދަލުގައި، މަޑުމަޑުން ގިނަ ބަޔަކު އެ ހިދުމަތަށް ބަދަލުވަމުންދާ ކަމެވެ.

އެމެރިކާގެ ބާޒާރަށް ބަލާއިރު، މޮބައިލް ފޯނުތަކުގައި އަދިވެސް ތުރެޑްސްއަށްވުރެ އެކްސްގެ މަގުބޫލުކަން ބޮޑެވެ. އެހެންނަމަވެސް، ސިމިލާވެބްގެ އަންދާޒާތަކުން ދައްކާ ގޮތުގައި އެމެރިކާގައި އެކްސް ބޭނުންކުރާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. މިހާރު އެ ޕްލެޓްފޯމް ބޭނުންކުރާ މީހުންގެ އަދަދަކީ މީގެ އަހަރެއް ކުރިއާ އަޅާބަލާއިރު ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މަދު އަދަދެކެވެ. ހަމައެއާއެކު، ތުރެޑްސް ދަނީ އެމެރިކާގައިވެސް ބާރުމިނުގައި ކުރިއަރަމުން ކަމަށްވާތީ، އެކްސްއާ ދެމެދު އޮތް ފަރަގު ދަނީ މަޑުމަޑުން ކުޑަވަމުންނެވެ.

މޯބައިލް ފޯނުތަކުން ތްރެޑްސް ބޭނުންކުރާ މިންވަރު އެކްސް އަށްވުރެ އިތުރުވި ނަމަވެސް، ވެބް ބްރައުޒާތަކުގެ އަދިވެސް ގިނައީ އެކްސް ބޭނުންކުރާ މިންވަރެވެ. 2026 ވަނަ އަހަރުގެ ޖެނުއަރީ 13 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު އެކްސްގެ ވެބްސައިޓަށް 145.4 މިލިއަން މީހުން ޒިޔާރަތްކުރެއެވެ. އަދި ތްރެޑްސްގެ ވެބްސައިޓަށް ދުވާލަކު ޒިޔާރަތްކުރަނީ ގާތްގަނޑަކަށް 8.5 މިލިއަން މީހުންނެވެ. މީގެއިން ދޭހަވަނީ އެކްސް ބޭނުންކުރާ ގިނަ ބަޔަކު އަދިވެސް ކޮމްޕިއުޓަރު ނުވަތަ ވެބް ބްރައުޒާތައް މެދުވެރިކޮށް އެ ޕްލެޓްފޯމް ބޭނުންކުރުމަށް އިސްކަންދޭ ކަމެވެ.

މޯބައިލް އަދި ވެބް ބޭނުންކުރާ މީހުންގެ ޖުމްލަ އަދަދަށް ބަލާއިރު، އެކްސް އުޅެނީ ތްރެޑްސްއަށްވުރެ މާ ކުރީގައެވެ. ހުރިހާ ވަސީލަތްތަކެއް ހިމަނައިގެން އެކްސް ބޭނުންކުރާ މީހުންގެ އަދަދު ދުވާލަކު 270 މިލިއަނަށްވުރެ ގިނައިރު، ތްރެޑްސް ބޭނުންކުރަނީ ދުވާލަކު ގާތްގަނޑަކަށް 150 މިލިއަން މީހުންނެވެ. އެހެންކަމުން، މޯބައިލް ފޯނުތަކުން ތްރެޑްސް ކުރި ހޯދަމުން ދިޔަ ނަމަވެސް، ވެބް ބްރައުޒާތަކުގައި އޮތް ވަރުގަދަ ނުފޫޒުގެ ސަބަބުން މުޅި މަންޒަރަށް ބަލާއިރު އެކްސް އަދިވެސް އޮތީ ކުރީގައެވެ.

މި ދެ ޕްލެޓްފޯމްގެ ދެމެދުގައި އޮތް ވާދަވެރިކަން ކުރިއަށް އޮތް ތަނުގައިވެސް ދެމިއޮންނާނެ ކަމަށް ބެލެވެއެވެ. އަދި ކުރިމަގުގައި އަންނާނެ ކުރިއެރުންތައް ބިނާވެގެންވަނީ ބޭނުންކުރާ މީހުންގެ އިތުބާރާއި، ޕްލެޓްފޯމްތަކުގައި ހިމެނޭ ފީޗާތަކުގެ އިތުރުން، އިންޓަނެޓް ބޭނުންކުރާ މީހުންގެ އުޅުމަށް އަންނަ ބަދަލުތަކަށް އެ ޕްލެޓްފޯމްތައް ހޭނޭ މިންވަރެއްގެ މައްޗަށެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%