ކޮފްސީ ސިރަޕް ބޭނުންކުރުމާއި ވިއްކުން މަނާކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެމްއެފްޑީއޭއިން މިފަދައިން އިލްތިމާސްކޮށްފައި މިވަނީ ކެއްސާތީ ބޯން ބޭނުންކުރާ މި ބޭހުގައި ކުނޑިކޮޅުތަކެއް ހުރިކަމަށް ފާހަގަކުރެވިގެންނެވެ.
އެމްއެފްޑީއޭއިން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެ އެތެރެކޮށް ބޭނުންކުރާ ކޮފްސީ ސިރަޕުގައި ކުނޑިކޮޅުތަކެއް ހުންނަކަން ފާހަގަކުރެވިފައިވާތީ އެ ބޭހުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މިކަންތައް އިތުރަށް ބަލަމުން އަންނަ ކަމަށެވެ. އެގޮތުން އެ މައްސަލަ ބެލުމަށްފަހު އެ އޮތޯރިޓީން ވަކި ގޮތެއް އަންގަންދެން އެ ޕްރޮޑަކްޓް އެތެރެކުރުމާއި، ވިއްކުމާއި ބޭނުންކުރުމަކީ މަނާކަމެއް ކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.
ރާއްޖެ އެތެރެކުރާ ބޭސްތަކާއި ކާބޯތަކެތީގައި މިފަދަ މައްސަލަތައް ފާހަގަވާނަމަ އެ އެއްޗެއް ބޭނުން ނުކުރުމަށް އެމްއެފްޑީއޭއިން އަބަދުވެސް އިލްތިމާސްކުރެއެވެ.



