ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ގއ. އަތޮޅު ފައިނަލުން ދެއްވަދުއާއި ކަނޑުހުޅުދޫ ޖާގަ ހޯދައިފި އެވެ.
ގއ. އަތޮޅުގެ ސެމީ ފައިނަލް މެޗުތައް ރޭ ކުޅުނު އިރު ފުރަތަމަ މެޗުގައި ބައްދަލުކުރީ ކަނޑުހުޅުދާ އާއި ވިލިގިއްޔެވެ. އެ މެޗުން ކަނޑުހުޅުދޫން ވަނީ ތަފާތު ބޮޑުކޮށް ވިލިނގިލި ބަލިކޮށްފަ އެވެ. ރަނގަޅު ފޯމެއްގައި އޮތް ކަނޑުހުޅުދޫން 5-0 އިން ވިލިނގިލި ބަލިކުރި އިރު، ކަނޑުހުޅުދޫގެ ގޯލްތައް ޖެހީ އަހުމަދު ޖަވާދާއި އަހްނަފް ޒާހިރު އަދި އިސްމާއީލް އަންވާރެވެ. ޖަވާދާއި އަހްނަފް، ކޮންމެ ކުޅުންތެރިޔަކު ދެ ގޯލް ޖަހާފައިވެ އެވެ.
އަތޮޅުގެ އެންމެ ފަހުގެ ޗެމްޕިއަން، ދެއްވަދޫ ސެމީގެ މެޗު ކުޅުނީ ގެމަނަފުއްޓާ ދެކޮޅަށެވެ. ދެއްވަދޫން ފައިނަލްގެ ޖާގަ ކަށަވަރުކުރީ ގެމަނަފުށި، 4-1 އިން ބަލިކޮށްގެންނެވެ. މެޗުގައި ގެމަނަފުއްޓަށް ކާމިޔާބު ކުރެވުނު ގޯލު ޖެހީ އެޓީމުގެ އަންސަދު ހަސަން އެވެ. ދެއްވަދޫގެ ގޯލްތައް ޖެހީ އަހްނަފް ރަޝީދު (އަހުއްކޮ) އާއި ނަސޫހު ސައީދުގެ އިތުރުން މީޝާް މުޖީބު އަންވަރެވެ. އަހުއްކޮ ވަނީ މެޗުގައި ދެ ގޯލް ޖަހާފަ އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖަކީ ރާއްޖޭގައި ބާއްވާ ފުޓްސަލްގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި މުބާރާތެވެ. މި އަހަރު ބާއްވަމުން މިދަނީ މި މުބާރާތުގެ 10 ވަނަ އެޑިޝަނެވެ. މި އަހަރުގެ މުބާރާތުގައި އެކި އަތޮޅުތަކުން 119 ރަށެއް ވާދަކުރާ އިރު، ގާތްގަނޑަކަށް 280 އަށްވުރެ ގިނަ މެޗު މިފަހަރުވެސް ކުޅޭނެ އެވެ.



