ދިވެހިރާއްޖޭގެ އީސްޕޯޓްސް އޯގަނައިޒޭޝަނެއް ކަމަށްވާ ލޯޔަލްޓީ ފަސްޓް އީސްޕޯޓްސް (އެލްއެފް އީ-ސްޕޯޓްސް) އިން، ޕާކިސްތާނުގެ މަޝްހޫރު އާރް3ޖިސައިޑް ޓީމު އެ އޯގަނައިޒޭޝަނަށް ސޮއިކުރުވައިފިކަން ރަސްމީކޮށް އިއުލާނުކޮށްފި އެވެ.
މިއީ ދިވެހި އޯގަނައިޒޭޝަނަކުން ބައިނަލްއަގުވާމީ ވާދަވެރި ގޭމިންގެ ދާއިރާގައި މިހާތަނަށް އެޅި އެންމެ ބޮޑު އަދި އެންމެ ތާރީހީ ފިޔަވަޅެވެ.
މި އެއްބަސްވުމުގެ ދަށުން، ދެކުނު އޭޝިއާ ސަރަހައްދުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ އާރް3ޖިސައިޑްގެ މުޅި ލައިންއަޕް މިހާރު ވަނީ ދިވެހި ދިދައިގެ ދަށަށް އައިސްފަ އެވެ. މިއީ ބައިނަލްއަގުވާމީ އީސްޕޯޓްސް މައިދާނުގައި ރާއްޖެއިން ގެންގުޅޭ އާ އަމާޒުތަކާއި ފެންވަރު ދައްކުވައިދޭ މުހިންމު ފެށުމެކެވެ.
"ޕަބްޖީ މޯބައިލް ރޮސްޓާ 2026" ގެ ނަމުގައި ނެރުނު ރަސްމީ ވީޑިއޯއެއްގައި، އެލްއެފް އީ-ސްޕޯޓްސް އިން ވަނީ ވަފާތެރިކަމާއި، އިތުބާރާއި، އަދި ބުރަ މަސައްކަތުގެ މެސެޖަކާއެކު އެ ޓީމުގެ ކުޅުންތެރިން ތައާރަފުކޮށްފަ އެވެ. މި ޓީމުގައި ހިމެނޭ ފަސް ކުޅުންތެރިންނަކީ ޕިންކްމެން، ސީނިއާ، ރޮޝާން، ވާޒް އަދި ޝާކާ އެވެ. އެ އޯގަނައިޒޭޝަނުން ބުނި ގޮތުގައި މި ޓީމު 2026 ވަނަ އަހަރާ ކުރިމަތިލަނީ އީސްޕޯޓްސްގައި "ބިނާކުރަނިވި ތާރީހެއް" އުފެއްދުމުގެ ވަރުގަދަ އަޒުމުގަ އެވެ.
އާރް3ޖިސައިޑް އަކީ ސަރަހައްދީ އެންމެ މަތީ ފަންތީގެ މުބާރާތްތައް ކަމަށްވާ ޕަބްޖީ މޮބައިލް ސުޕަ ލީގު (ޕީއެމްއެސްއެލް) ސެންޓްރަލް އެންޑް ސައުތު އޭޝިއާގައި ވާދަކޮށްފައިވާ ޓީމެކެވެ. މީގެ އިތުރުން އެ ޓީމަކީ ޕީއެމްއެންސީ ޕާކިސްތާން ސްޕްރިންގް 2025 ގެ ރަނަރަޕް ޓީމެވެ. މިފަދަ ތަޖުރިބާކާރު ޓީމެއް ދިވެހި ކުލަބަކުން މިލްކުކުރުމަކީ، މުޅިން އަލުން ޓީމެއް ބިނާކުރުމުގެ ބަދަލުގައި، ބައިނަލްއަގުވާމީ މުބާރާތްތަކުގެ ޕްރެޝަރާއި ވާދަވެރިކަމަށް ތައްޔާރުވެފައި އޮތް ވަރުގަދަ ބިންގަލެއް ލިބިގެންދިޔަ ކަމެކެވެ.
ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖޭގައި ގޭމިންއަށް އޮތް ޝައުގުވެރިކަން އިތުރުވެފައިވީ ނަމަވެސް، ދިވެހި އޯގަނައިޒޭޝަނަކުން މިފަދަ ސަރަހައްދީ ފެންވަރުގެ ޓީމެއް ހޯދުމަކީ މީގެ ކުރިން ފެނިފައިނުވާ ފަދަ ބޮޑު ކުރިއެރުމެކެވެ. މިއީ ދެކުނު އޭޝިއާގެ އީސްޕޯޓްސްގައި ރާއްޖެއަކީ ހަމައެކަނި ބަލަން އޮންނަ ފަރާތެއް ނޫންކަން ސާބިތުކޮށްދިނުމަށް ދިން ވަރުގަދަ މެސެޖެކެވެ.
މި ބަދަލާއެކު، އީސްޕޯޓްސްގެ ތަފާސްހިސާބުތައް ބަލަހައްޓާ ބައިނަލްއަގުވާމީ ސައިޓްތަކުން މިހާރު ވަނީ މި ފަސް ކުޅުންތެރިންނަކީ އެލްއެފް އީ-ސްޕޯޓްސްގެ ރަސްމީ ކުޅުންތެރިންގެ ގޮތުގައި ހިމަނާފަ އެވެ. މީގެ ސަބަބުން ބައިނަލްއަގުވާމީ މައިދާނުގައި ދިވެހި އީސްޕޯޓްސްއަށް އޮތް ސަމާލުކަން އިތުރުވެ، ސްޕޮންސަރުން ލިބުމަށް މަގުފަހިވެ، އަދި ރާއްޖޭގެ ޒުވާން ކުޅުންތެރިންނަށް މަތީ ފަންތީގެ މުބާރާތްތަކަށް އަމާޒުހިފުމަށް ބޮޑު ހިތްވަރަކަށް ވެގެންދާނެ އެވެ.
ދިވެހި ސަޕޯޓަރުންގެ މެދުގައި މިހާރުވެސް ބޮޑު ފޯރިއެއް އުފެދިފައިވާއިރު، ގިނަ ބަޔަކު ދެކޭގޮތުގައި މިއީ ދެކުނު އޭޝިއާގެ ޕަބްޖީ މޮބައިލް މައިދާނުގައި ދިވެހި ކުލަބަކުން ފުރަތަމަ ފަހަރަށް ވަރުގަދަ ގޮންޖެހުމެއް ކުރިމަތިކުރުވާނެ ތާރީހީ ބަދަލެކެވެ.



