ޕާސްޕޯޓުތައް ރޭންކުކުރާ އިނގިރޭސީވިލާތުގެ ހެންލީ އެންޑް ޕާޓްނާސް އިން އެކުލަވާލާ "ހެންލީ ޕާސްޕޯޓް އިންޑެކްސް" ގައި ދިވެހިރާއްޖެ އެއް ދަރަޖަ ކުރިއަށް ޖެހިލައި، ދެކުނު އޭޝިއާގެ އެންމެ ބާރުގަދަ ޕާސްޕޯޓުގެ މަގާމު ޖެހިޖެހިގެން ހަތް ވަނަ ފަހަރު ދިވެހިރާއްޖެ ދަމަހައްޓައިފި އެވެ.
އިންޓަރނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އައިއޭޓީއޭ) ގެ މައުލޫމާތުތަކަށް ބިނާކޮށް ކޮންމެ އަހަރު ނެރޭ މި ލިސްޓުގައި ހިމެނޭ 101 ޕާސްޕޯޓުގެ ތެރެއިން ރާއްޖެ މިހާރު އޮތީ 52 ވަނައިގަ އެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު އެއް ދަރަޖައިގެ ކުރިއެރުމެކެވެ. މިދިޔަ އަހަރު ރާއްޖެ އޮތީ އިންޑެކްސްގެ 53 ވަނައިގަ އެވެ.
ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ދިވެހި ޕާސްޕޯޓު އޮންނަ ފަރާތްތަކަށް މިހާރު ދުނިޔޭގެ 92 ގައުމަކަށް ވިސާއާ ނުލައި ނުވަތަ އޮންއެރައިވަލް ވިސާގައި ދަތުރުކުރުމުގެ ފުރުސަތު ލިބިގެންދެ އެވެ.
ރާއްޖެ ފަހަތުން ދެކުނު އޭޝިއާގައި ދެވަނައިގައި އޮތީ އަވަށްޓެރި އިންޑިއާ އެވެ. އިންޑިއާ އޮތީ ލިސްޓުގެ 80 ވަނައިގަ އެވެ. އެ ގައުމުގެ ޕާސްޕޯޓުގައި ވިސާއާ ނުލައި ދަތުރުކުރެވެނީ 55 ގައުމަކަށެވެ. ތިންވަނައިގައި އޮތް ބޫޓާނަށް 50 ގައުމަކަށް ވިސާއާ ނުލައި ދަތުރުކުރެވޭއިރު، އަވަށްޓެރި ސްރީލަންކާގެ ޕާސްޕޯޓުގައި ވިސާއާ ނުލައި ދަތުރުކުރެވެނީ 39 ގައުމަކަށެވެ.
މި ފަހަރުގެ އިންޑެކްސްގައިވެސް ދުނިޔޭގެ އެންމެ ބާރުގަދަ ޕާސްޕޯޓުގެ މަގާމު ދަމަހައްޓާފައިވަނީ ސިންގަޕޫރުންނެވެ. އެ ގައުމުގެ ޕާސްޕޯޓުގައި 192 ގައުމަކަށް ވިސާއާ ނުލައި ދަތުރުކުރެވެ އެވެ. ލިސްޓުގެ ދެވަނަ ޖަޕާނާއި ސައުތު ކޮރެއާ ހޯދާފައިވާއިރު، ތިންވަނަ ލިބިފައިވަނީ ޔޫރަޕްގެ ފަސް ގައުމަކަށެވެ.
ދިވެހި ޕާސްޕޯޓުގެ ދަރަޖަ އިންޑެކްސްގައި ކުރިއަށް ޖެހިލާފައި މިވަނީ ދުނިޔޭގެ އެކި ގައުމުތަކާއެކު ރާއްޖެއިން ގާއިމުކުރަމުންދާ ހާރިޖީ ގުޅުންތަކުގެ ސަބަބުން ދިވެހިންނަށް ލިބޭ ލުއިފަސޭހަތަކުގެ ތެރެއިންނެވެ.





