ދިވެހި ވިޔަފާރިވެރިންގެ މުދާ ތުރުކީއަށް އެކްސްޕޯޓުކުރަން ލުއިތަކެއް ހޯދައިދިނުމުގެ މަޝްވަރާތަކެއް ބާއްވައިފި އެވެ.
އެ މަޝްވަރާ ކުރިއަށް ގެންދިޔައީ ރާއްޖެ އާއި ތުރުކީއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުން އެކުލަވާލުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިއަދު އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގަ އެވެ. މިއީ މި މަސައްކަތުގެ ދަށުން ބޭއްވި މިފަދަ 2 ވަނަ ބައްދަލުވުމެވެ.
އެކަމާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތުރުކީއަށް މުދާ އެކްސްޕޯޓު ކުރަން ދިވެހި ވިޔަފާރިވެރިންނަށް ލުއިތަކެއް ހޯދައިދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން ތުރުކީއިން ރާއްޖޭގެ މުދަލަށް ކަނޑައަޅާފައިވާ އިމްޕޯޓް ޓެރިފްތައް ކުޑަކުރުމާއި މުދާ އެތެރެކުރުން ކޮންޓްރޯލް ކުރަން އެ ގައުމުން ޓެރިފް ނޫން އެހެން ގޮތްގޮތަށް އަޅާފައިވާ ފިޔަވަޅުތައް ލުއިކުރުމާ ބެހޭގޮތުން މިއަދުގެ ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފަ އެވެ.
މި ސަރުކާރުން ތުރުކީއާ ދެމެދު ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.
އެކަމަށް އަމާޒުކޮށް ދެ ގައުމުގެ ދެމެދުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެއްބަސްވުމެއްގައި ވެސް ވަނީ ސޮއިކޮށްފަ އެވެ.



