ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ފޮރިން އިންވެސްޓްމަންޓް ބިލުން ޚައްޞަކޮށް ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއަށް މުހިންމު ބަދަލުތަކެއް ގެނެސްދޭނެ ކަމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.
މި ބިލަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، ދިވެހިރާއްޖެއަށް ބޭރުގެ އިންވެސްޓްމަންޓް އިތުރުކޮށް، އެފަދަ އިންވެސްޓަރުންނަށް ބޭނުންވާ ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކުރައްވާ މަސައްކަތުގެ ތެރެއިން ހުށަހެޅުނު ބިލެކެވެ.
މި ބިލުގެ މައިގަނޑު މަޤްޞަދަކީ، ބޭރުގެ އިންވެސްޓަރުން ދިވެހިރާއްޖޭގައި އިންވެސްޓްކުރުމަށް ޝައުޤުވެރިކަން އުފައްދައި ދެމެހެއްޓުމާއި އަދި އެހެންމެ މި މަޤްޞަދު ޙާޞިލުކުރުމަށްޓަކައި;
ބިލުގައި އަންނަނިވި ކަންކަން ހިމެނިފައިވާނޭކަން އެވުޒާރާއިން ވަނީ ބުނެފައެވެ.
- ބައިނަލްއަޤްވާމީ މައިދާނުގައި އިންވެސްޓްމަންޓް ޕްރޮމޯޓްކުރުމުގައި ޢަމަލުކުރާނެ އުސޫލުތައް ކަނޑައެޅުން.
- އިންވެސްޓްކުރެވޭނެ ދާއިރާތަކާއި އެ ދާއިރާތަކުގައި އިންވެސްޓްކުރެވޭނެ ޝަރުޠުތައް ބަޔާންކުރުން.
- ބޭރުގެ ފަރާތްތަކަށް އިންވެސްޓްކުރުމުގެ ހުއްދަ ދިނުމުގެ އުސޫލުތަކާއި ޝަރުޠުތައް ކަނޑައެޅުން.
- އިންވެސްޓަރުންގެ ޒިންމާތަކާއި އެ ފަރާތްތަކަށް ލިބިދެވޭނެ ޙިމާޔަތާއި ރައްކާތެރިކަމުގެ ދާއިރާ ކަނޑައެޅުން.
- ޤާނޫނާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ އުސޫލުތައް ބަޔާންކުރުން.
- ދިވެހިރާއްޖެއިން ބައިވެރިވާ އިންވެސްޓްމަންޓާ ގުޅޭ މުޢާހަދާތަކާއި މިނިވަން ވިޔަފާރީގެ އެއްބަސްވުންތަކުގެ ދަށުން އުފުލަންޖެހޭ އިލްތިޒާމުތަކަށް ޢަމަލުކުރެވޭނެ އުސޫލުތައް ކަނޑައެޅުން.
މި ބިލު ފާސްވުމުން، ދިވެހިރާއްޖޭގެ އިންވެސްޓްމަންޓް މާޙައުލު އިތުރަށް ހަރުދަނާވެ، ބޭރުގެ އިންވެސްޓަރުންނަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނެކަމަށް އުންމީދުކުރެވެއެވެ.
އެގޮތުން، މި ބިލަކީ ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއަށް މަގުފަހިކުރާނެ މުހިންމު ފިޔަވަޅެއްކަމާއި މި ބިލުގެ ސަބަބުން ބޭރުގެ އިންވެސްޓަރުންގެ އިތުބާރު އިތުރުވެ، ދިވެހިރާއްޖޭގައި ވިޔަފާރިކުރުމަށް ފަހި މާޙައުލެއް ޤާއިމުވެގެންދާނެކަމާއި އޭގެ ނަތީޖާއެއްގެ ގޮތުން، ރާއްޖޭގައި ކުރެވޭ ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުވެ، އޭގެ ސަބަބުން ޤައުމަށް ބޭރުގެ ރައުސުލްމާލާއި، ޓެކްނޮލޮޖީއާއި، ޢިލްމާއި ހުނަރު ލިބިގަތުމަށް މަގުފަހިވެގެންދާނެކަންވެސް އެވުޒާރާއިން މައުލޫމާތުދެއެވެ.
މިހާރު ޢަމަލުކުރަމުންދާ ފޮރިން އިންވެސްޓްމަންޓާބެހޭ ޤާނޫނަކީ 1979 ވަނަ އަހަރު ތަޢާރަފުކުރެވުނު ޤާނޫނެކަން ފާހަގަކޮއްލެވެއެވެ. މި ޤާނޫނަށް ޢަމަލުކުރަން ފެށިތާ 45 އަހަރު ވެފައިވާއިރު، މިހާތަނަށް އެއްވެސް އިޞްލާޙެއް ގެނެވިފައެއް ނުވެއެވެ. މިކަމުގެ ސަބަބުން، ޒަމާނީ ބޭނުންތަކަށް އަމާޒުކޮށް ބޭރުގެ އިންވެސްޓަރުންގެ އިންވެސްޓްމަންޓްތަކާއި ވިޔަފާރިތައް ޙިމާޔަތްކުރުމަށް ދަތިތަކެއް ކުރިމަތިވެފައިވާކަން މި ބިލާބެހޭގޮތުން އެ ވުޒާރާއިން މައުލޫމާތު ދީފައިވެއެވެ.
އެހެންކަމުން، މި އައު ބިލުގެ ޛަރީޢާއިން ފޮރިން އިންވެސްޓްމަންޓްތަކާ ގުޅޭ އުޞޫލުތަކާއި އިޖުރާއަތުތައް ސާފުކޮށް ބަޔާންކުރެވި، ޒަމާނީ ބޭނުންތަކަށް ފެތޭ ގޮތަށް ޤާނޫނީ އޮނިގަނޑު އެކުލަވާލެވިގެންދާނެކަމާއި މި ބިލު ޤާނޫނަކަށް ވެގެންދިއުމަކީ ދިވެހިރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް ލިބިގެންދާނެ މުހިންމު ކުރިއެރުމަކަށްވެގެން ދާނެކަން އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިންވަނީ ވިދާޅުވެފައެވެ.



