ކެންޓް، އިނގިރޭސިވިލާތް – ކެންޓްގެ ގިލިންހަމްގެ އުމުރުން 30 އަހަރުގެ މީހެއްގެ މައްޗަށް މިސްކިތްތައް އަންދާލާނެ ކަމަށާއި އަދި މުސްލިމް ލީޑަރުންނަށް އަމާޒުކޮށްގެން ހަމަލާ ދޭނެ ކަމަށް ބުނުމުން ޖަލު ހުކުމެއް އިއްވައިފި އެވެ.
މި ހުކުމް އިއްވާފައި ވަނީ ފަހަކަށް އައިސް ހިނގި ހަމަނުޖެހުންތަކުގެ ސަބަބުން އިނގިރޭސިވިލާތުގައި މުސްލިމުންނާ ދެކޮޅަށް ހިންގި ސިލްސިލާ ހާދިސާތަކަކާ ގުޅިގެންނެވެ.
އޭނާ ހައްޔަރުކުރީ މިމަހުގެ ތިންވަނަ ދުވަހު ދިން ފޯނުކޯލުގެ އިންޒާރުތަކާއި ގުޅިގެން އޭގެ ތިން ދުވަސް ފަހުންނެވެ.
ކެންޓްގެ ކޯޓުން ވަނީ އޭނާގެ ފޯނުކޯލްތަކުގައި މިސްކިތުގައި ނަމާދުކުރަން ތިއްބާ އެތަން ގޮއްވާލުމަށާއި އެގޮތުން އިމާމުންނާއި އާންމުންނާއެކު 5 މިސްކިތެއް ގޮއްވާލާނެ ކަމަށް ބުނެ ފޯނު ކޮށްފައިވާތީ ދެ އަހަރާއި ހަ މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.
އިނގިރޭސީވިލާތުގައި މިފަހަކަށް އައިސް މުސްލިމުންނާއި ދެކޮޅަށް ވަރުގަދަ ޖަރީމާތައް ހިންގައި މިސްކިތްތަކަށް ހަމަލާދީ މުޒާހަރާތައް ކުރަމުންދާކަން ފާހަގަ ކުރެވެއެވެ.



