ތިންހާސް ސެކިއުރިޓީންނާއެކު އިނގިރޭސީވިލާތުގެ ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން މާކަލް ކޮލަމްބިއާގެ ކެރީބިއަން މިއުޒިކް ސްކޫލަކަށް ޒިޔާރަތް ކޮށްފިއެވެ.
އެމީހުންގެ ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކުގެ ތެރޭގައި ފުލުހުންގެ ބްލެކް ހޯކް ހެލިކޮޕްޓަރަކާއި ޑްރޯން ސަވައިލެންސް ހިމެނޭ ސްކޫލްގެ ވަށައިގެންވާ ހުރިހާ ސަރަހައްދުގައި މަގުތަވަނީ ބަންދު ކޮށްފައެވެ. މީގެ އިތުރުން ނިއުކްލިއާ އަދި ބަޔޮލޮޖިކަލް ހަމަލާއެއް އަތުވެދާނެތީވެ އެފަދަ ހަމަލާއަކުން ސަލާމަތްވުމަށް ތައްޔާރުކޮށްފައިވާ ކަޅު ކުލައިގެ ފުލުހުންގެ އެންޓި ޓެރަރިޒަމް ވޭނަކާއި އެމްބިއުލާންސެއް ވެސް ސެކިއުރިޓީ ތެރޭގައި ހިމެނެ އެވެ.
ހެރީ އާއި މޭގަން މިއުޒިކް ސްކޫލަށް ޒިޔާރަތްކުރެއްވީ ހަމަޖެހިފައިވާ ގަޑިއަށްވުރެ ވެސް އެއްގަޑިއިރު ފަހުން ، ބުލެޓްޕްރޫފް ޝީލްޑްތައް ހިފައިގެން ތިބި ސެކިއުރިޓީންގެ ޓީމާއި އެކީގައެވެ.
ކުރިން ހޮލީވުޑްގެ ބަތަލާއެއްގެ ގޮތުގައި މަސައްކަތްކުރި މޭގަން އާއި ހެރީ ކައިވެނިކޮށްފައިވަނީ 2018 ގަ އެވެ. ހެރީ އަކީ އިނގިރޭސި ރަސްގެފާނު ޗާލްސްގެ ހަގު ދަރިކަލުންނެވެ. ހެރީ އާއި މޭގަން ޝާހީ ޒިންމާތައް ދޫކޮށްލުމަށްފަހު 2020 އިން ފެށިގެން ދިރިއުޅެމުންދަނީ އެމެރިކާގެ ލޮސް އެންޖެލިސްގައެވެ.



