ހަމައެކަނި ދިވެހިންނަށް ބިން ގަނެވޭގޮތަށް ކަނޑައަޅައި، ތިލަފުށިން ބިން ވިއްކަން ހުޅުވާލުމަށް އެޗްޑީސީއިން ތައްޔާރުވެއްޖެ އެވެ.
އިންޑަސްޓްރިއަލް މަސައްކަތްތައް ކުރުމަށާއި ވިޔަފާރީގެ ތަފާތު ބޭނުންތަކަށް އަމާޒުކޮށް ތިލަފުށިން ބިން ވިއްކުމަށް ހުޅުވާލަނީ މާލޭ ސަރަހައްދުގައި ވިޔަފާރިކުރާ ފަރާތްތަކަށް ފަހި މާހައުލެއް ގާއިމުކޮށްދިނުމަށާއި ވިޔަފާރި ހަރަކާތް ހިންގުމުގެ ދާއިމީ ފުރުސަތު ހޯދައިދިނުމުގެ ބޭނުމުގަ އެވެ.
ތިލަފުށިން ބިން ވިއްކުމަށް އަލުން ހުޅުވާލާއިރު، އެޗްޑީސީއިން އިސްކަންދޭނީ އެ ކުންފުނިން ބުނާ ގޮތުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ދެހެމެއްޓެނިވި ގޮތެއްގައި ތަރައްގީ ކުރުމަށް ފުރުސަތު ހޯދައިދިނުމަށެވެ.
އެގޮތުން އެފަދަ ވިޔަފާރިތަކަށް އިތުރު ފުރުސަތު ހޯދައި ދިނުމަށް އެކަށީގެންވާ އަގުތަކެއްގައި ބިން ދޫކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްޑީސީއިން ބުނެ އެވެ.
މީގެ އިތުރުން ތިލަފުށީގައި ބިން ބޭނުންކުރެވޭ ނިސްބަތަށް ބަލައި އިތުރު ބިން ކުއްޔަށް ދޫކުރުމުގެ މަސައްކަތް ވެސް އެޗްޑީސީއިން އަންނަނީ ކުރަމުންނެވެ.



