އިނގިރޭސީވިލާތުގެ އަންހެނަކު ފޭސްބުކުގައި ނަސްލީ ގޮތުން ފުރައްސާރަކޮށް މަރުގެ އިންޒާރު ދީފައިވާތީ 15 މަސްދުވަހުގެ ޖަލު ލުހުކުމެއް ކޮށްފިއެވެ.
53 އަހަރުގެ ޖޫލީ ސްވީނީ އާންމު ގްރޫޕެއްގައި ކުރި ޕޯސްޓެއްގައި "މިސްކިތެއް އެތެރޭގައި މީހުން ތިއްބާ ގޮއްވާލާނެ" ކަމަށް ބުނެ ބިރުވެރި އިންޒާރެއް ދީފައިވެއެވެ.
ލޯޓަންގޭޓް އެސްޓޭޓް، ޗާޗް ލޯޓަންގެ މި އަންހެން މީހާ އޯގަސްޓް 14 ވީ ބުދަ ދުވަހު ޗެސްޓަރ ކްރައުން ކޯޓަށް ހާޒިރުކުރެވުނެވެ. މަރުގެ އިންޒާރު ނުވަތަ ނުރައްކާތެރި ގެއްލުމެއް ދޭނެކަމުގެ މެސެޖު ފޮނުވުމުގެ ކުށަށް (އެސް181 އޮންލައިން ސޭފްޓީ އެކްޓް 2023) އިޢުތިރާފުވުމާ ގުޅިގެން އޭނާއަށް 15 މަސްދުވަހުގެ ޖަލު ޙުކުމެއް އިއްވާފައިވެއެވެ.
އޭނާ ހައްޔަރުކުރީ އޯގަސްޓް 5 ވަނަ ދުވަހު، ކިޑްސްގްރޯވް ސަރަހައްދުގެ ކޮމިއުނިޓީ ފޭސްބުކް ގްރޫޕެއްގައި ޕޯސްޓްކޮށްފައިވާ މެސެޖަކާއި ގުޅިގެން. ފުލުހުންނަށް ބަޔަކު ރިޕޯޓް ކުރުމުންނެވެ.
ފަހަކަށް އައިސް އިނގިރޭސީ ވިލާތުގައި މުސްލިމުންނަށް އަމާޒުކޮށް ހަމަލާދީ ހާއްސަކޮށް މިސްކިތްތަކަށް ހަމަލާތައް އަމާޒުކުރާއިރު، އެގައުމުގެ ތަންފީޒު އިދާރާތަކުން އިންޒާރު ދީފައިވަނީ އިންޓަރނެޓުގެ އެކިއެކި ޕްލެޓްފޯމުތަކުގައި އިންޒާރުދީ ހަމަނުޖެހުމަށް މަގުފަހިވާ ގޮތަށް ޕޯސްޓު ކުރާ ފަރާތްތަކަށް ހަރުކަށި އަދަބު ދޭނެ ކަމަށެވެ.
މީނާއަށް ޖަލުގެ ހުކުމް އިއްވިއިރު، މިހާރު ހިނގަމުންދާ ހަމަނުޖެހުން ފެށުނީ ވެސް ސޯޝަލް މީޑިއާގައި ބަޔަކު ފެތުރި ވާހަކަތަކާއި ގުޅިގެން ކަން ފާހަގަ ކުރެވެއެވެ.



