ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާއި ގުޅިގެން ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާތަކުގެ ތެރެއިން 1 ލައްކަ ރުފިޔާއަށްވުރެ ގިނައިން ދައްކަންޖެހޭ ފަރާތްތަކަށް އެފައިސާ ދެއްކުމަށް އިތުރު ފުރުސަތެއް ދިނުމަށްފަހު ، ދެން ފައިސާ ނުދައްކައިފިނަމަ އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ސަސްޕެންޑު ކުރާނެ ކަމަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީން ބުނެފިއެވެ.

އެ މިނިސްޓްރީން މިއަދު ކުރި އިޢުލާނެއްގައި ބުނީ މީގެ ކުރިންވެސް ފައިސާ ދެއްކުމަށް ކޮށްފައިވާ އިޢުލާނާއި ގުޅިގެން ފައިސާ ނުދައްކާ ތިބި މީހުންނަށް މިމަހުގެ ނިޔަލަށް އަލުން ފުރުސަތެއް ހުޅުވާލައިފި ކަމަށެވެ. އެގޮތުން މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ފައިސާ ދެއްކޭނެ ކަމަށް މިނިސްޓްރިގެ އިޢުލާނުގައި ވެއެވެ.

އެގޮތުން "ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާއި ގުޅިގެން ދައްކަންޖެހޭ ފައިސާ 31 އޮގަސްޓް 2024ގެ ކުރިން ދައްކާ ޚަލާސް ނުކުރާ ފަރާތްތައް ޤަވާއިދު ނަންބަރު: 2023/R-111 (ދިވެހިރާއްޖޭގައި ބިދޭސީން ވަޒީިފާއަދާކުރުމާބެހޭ ޤަވާއިދު) ގެ ޖައުވަލް 7ގެ ދަށުން 1 ސެޕްޓެމްބަރ 2024ން ފެށިގެން އެކްސްޕެޓް ސިސްޓަމް އިން ސަސްޕެންޑްކޮށް ޚިދުމަތް މެދުކަނޑާލާނެ ކަމަށް މިނިސްތްރީން ބުންޏެވެ.އެތާރީޚާއި ހަމަޔަށް ފައިސާ ނުދައްކާނަމަ އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ވަޒީފާ ދޭފަރާތްތައް އެކްސްޕެޓް ސިސްޓަމުން ސަސްޕެންޑު ކުރެވޭނެއެވެ. އެއަށްފަހު އެފަރާތްތަކަށް އެއްވެސް ޚިދުމަތެއް ނުދެވޭނެ" ކަމަށްވެސް ބަޔާނުގައި ވެއެވެ.