ރާއްޖޭގައި އަލަށް ގާއިމްކުރާ މަސް ޕްރޮސަސިން ކާރުހާނާތަކާއެކު އަހަރަކު 80،000 ޓަނުގެ މަސް ޕްރޮސަސްކުރެވޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ.
މަސް ޕްރޮސެސް ކުރާ އާ ދެ ކާރުހާނާ އެޅުމަށާއި ފެލިވަރު ޕްރޮސެސިސް ފެސިލިޓީ އަޕްގްރޭޑު ކުރުމަށް ނިންމައި، ސަރުކާރުން ވަނީ ޗައިނާގެ ޑޮންފެންގް އިލެކްޓްރިކް ކޮމްޕެނީއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
އެކަމާ ގުޅޭ ތަފްސީލު 'ޕީއެސްއެމް'އަށް ދެއްވަމުން ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ޑރ. ހުސައިން ސިނާން ވިދާޅުވީ ރާއްޖޭގައި މިހާރު މަސް ދަޅު ބަންދުކުރަނީ ފެލިވަރާއި މާންދޫގައި ހުންނަ ފެސިލިޓީއިން ކަމަށެވެ.
ރާއްޖޭގައި އަހަރަކު 128000 ޓަނުގެ މަސް ބާނާއިރު، ސިނާން ވިދާޅުވީ އަހަރަކު ބަންދުކުރެވެނީ 32000 ޓަނުގެ ކަޅުބިލަ މަސް ކަމަށެވެ.
އެހެން ނަމަވެސް، އޭނާ ވިދާޅުވީ އާ ކާރުހާނާތަކާ އެކު އެ އަދަދު 80000 ޓަނަށްވުރެ އިތުރުވާނެ ކަމަށެވެ.
އެކަށީގެންވާ ވަރަށް ރާއްޖޭގައި ދަޅު މަސް ބަންދު ނުކުރެވޭތީ ބާނާ މަހުގެ ބޮޑު ބައެއް އެކްސްޕޯޓު ކުރަން ޖެހެނީ ރޯ މެޓީރިއަލްގެ ގޮތުގަ އެވެ. ރޯ މެޓީރިއަލްގެ ގޮތުގައި އެކްސްޕޯޓު ކުރުމުން ދުނިޔޭގެ ސަޕްލައި އެންޑް ޑިމާންޑަށް އަންނަ ބަދަލެއްގެ ސަބަބުން ރޯ މަހުގެ އަގު ދަށްވުމަކީ، ސިނާން ވިދާޅުވި ގޮތުގައި އެކަށީގެންވާ ކަމެކެވެ.
"މިސާލަކަށް މިދިޔަ އަހަރުގެ މެދުތެރޭ ރޯ މަހު ޓަނެއްގެ އަގު އުޅެނީ 2100 ޑޮލަރަށް. އެކަމަކު މިހާރު މި އަގު ވަނީ 1300 ޑޮލަރަށް ވެއްޓިފައި،" ސިނާން ވިދާޅުވި އެވެ.
"މަސް ބާނާވަރު އިތުރުވެ ކޯލްޑް ސްޓޯރޭޖްގައި މަސް ރައްކާކުރެވޭ މިންވަރު ދަށްވުމުން މަހުގެ އަގު ވެއްޓޭ. މިހެންވެ މަސް ޕްރޮސަސްކުރާ ތަންތަނަށް ބޮޑު ފައިދާއެއްވޭ. ރާއްޖޭގައި މަސް ބަންދުކުރާ ތަންތަން އެޅުން މި ސަބަބާހުރެ ވަރަށް މުހިންމު."
ޑރ. ސިނާން ވިދާޅުވި ގޮތުގައި:
- އާންމުކޮށް ރޯ މަސް އެކްސްޕޯޓުކޮށްގެން އާމްދަނީގެ ގޮތުގައި އަހަރަކު ލިބެނީ 90 މިލިޔަން ޑޮލަރު
- އެހެންނަމަވެސް ދަޅު މަހުގެ ގޮތުގައި އެކްސްޕޯޓުކޮށްފިނަމަ ގާތްގަނޑަކަށް 187 މިލިޔަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ
ޑޮންފެންގް ކުންފުނިން އާ މަސް ކާރުހާނާތައް ގާއިމްކޮށް ނިންމަން އަމާޒު ކުރަނީ 2025 ގެ ފަހުކޮޅަށެވެ. އެ މިއީ ގާތްގަނޑަކަށް 185 މިލިއަން ޑޮލަރުގެ ހަރަދުވާ މަޝްރޫއެކެވެ.



