އިޣްތިޞާބު" މި ބަހަކީ އަރަބި ބަހުން އައިސްފައިވާ ބަހެކެވެ. މީގެ އަސްލު މާނައަކީ "ބާރުގެ ބޭނުންކޮށްގެން ނުޙައްޤުން އެއްޗެއް ހޯދުމެވެ." ނަމަވެސް، މިހާރު ދިވެހި ބަހުގައި މި ބަސް އާންމުކޮށް ބޭނުންކުރެވެނީ ޖިންސީ ގޯނާ ނުވަތަ ރޭޕްކުރުމަށް އިޝާރާތްކުރުމަށެވެ.
އިސްލާމްދީނަކީ ރަޙްމަތާއި އަމާންކަމުގެ ދީނެވެ. އިންސާނީ ޙައްޤުތަކަށް އިޙްތިރާމްކުރުމަށް އަންގަވާ ދީނެކެވެ. މިގޮތުން، ރޭޕްގެ ޢަމަލަކީ އިސްލާމްދީނުގައި ވަރަށް ބޮޑަށް ޙަރާމްކުރެވިފައިވާ، އަދި ހަރުކަށި އަދަބު ކަނޑައެޅިފައިވާ ކުށެކެވެ. މިފަދަ ޢަމަލަކީ އިންސާނިއްޔަތުކަމާ ޚިލާފު، އަނިޔާވެރި އަދި ނުރައްކާތެރި ކުށެކެވެ.
އިސްލާމްދީނުގައި އަންހެނުންނަކީ ޢިއްޒަތްތެރި ބައެއްގެ ގޮތުގައި ދެކެއެވެ. އެމީހުންގެ ޢިއްޒަތާއި ކަރާމާތް ރައްކާތެރިކުރުމަށް އަމުރުކުރައްވާފައިވެއެވެ. ކީރިތި ޤުރުއާނުގައި ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ: "އަދި ޒިނޭއާ ކައިރިވެސް ނުވާށެވެ! ހަމަކަށަވަރުން، އެއީ ހަޑިމުޑުދާރު ޢަމަލެކެވެ. އަދި ނުބައި މަގެކެވެ." (ސޫރަތުލް އިސްރާ: 32)
ރޭޕްގެ ޢަމަލަކީ މީހެއްގެ އިޚްތިޔާރާ ނުލައި، މަޖުބޫރުން ޖިންސީ ގުޅުން ހިންގުމެވެ. މިއީ އިސްލާމްދީނުގައި ވަރަށް ބޮޑު ފާފައެކެވެ މިފަދަ ޢަމަލެއް ހިންގާ މީހަކަށް އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވަނީ ހަރުކަށި އަދަބެކެވެ.
މި ނުބައި ކުށުގެ އަދަބާއި ބެހޭގޮތުން، ގިނަ އިލްމުވެރިން އިއްތިފާގް ވަނީ މިއީ އަސާސީގޮތެއްގައި ޒިނޭގެ އަދަބާ އެއްފަދަ އަދަބެއް ކަމަށެވެ. އެއީ ސަތޭކަ އެތިފަހަރު ޖެހުން ނުވަތަ ކައިވެނިކޮށްގެން ހުރި މީހެއްނަމަ ރަޖަމު ކުުރުމެވެ.
އިމާމް މާލިކް އަދި އިމާމް އަބޫ ޙަނީފާ ފަދަ ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި، މި ކުށް ކުރި މީހާ އަނިޔާ ލިބުނު މީހާއަށް މަހަރު (ކާވެނީގެ މުދާ) ވެސް ދޭންޖެހޭނެއެވެ. (އަލް-މުވައްޠާ، 4/1063؛ އަލް-މުންތަޤާ ޝަރްޙު އަލް-މުވައްޠާ، 5/269)
ބައެއް އިސްލާމީ ޢިލްމުވެރިން ފާހަގަކުރައްވާފައިވާ ގޮތުގައި، ރޭޕްގެ ޝިކާރައަކަށްވީ ފަރާތް އޭނާގެ ގެއިން ނުވަތަ އެހެން ތަނަކުން މަޖުބޫރުން ވަގަށްނަގައި، ހަތިޔާރެއްގެ ބިރުދައްކައިގެން ރޭޕްކޮށްފިނަމަ، އެފަދަ ޢަމަލަކަށް އިތުރު ނުވަތަ ހަރުކަށި ޙައްދު އަދަބެއް ކަނޑައަޅަން ޖެހޭނެއެވެ. މި އަދަބަކީ ޤުރުއާނުގެ ސޫރަތުލް މާއިދާގެ 34 ވަނަ އާޔަތުގައި ބަޔާންކުރެވިފައިވާ މުޙާރަބާގެ އަދަބު ކަމުގައި ބެލެވެއެވެ.
މި މައްސަލައިގައި އިސްލާމީ ޢިލްމުވެރިންގެ މެދުގައި ތަފާތު ރައުޔުތައް އޮތްކަން ފާހަގަ ކޮށްލެވެއެވެ. ބައެއް ޢިލްމުވެރިން ދެކެވަޑައިގަންނަވަނީ ރޭޕްގެ އަދަބަކީ ޒިނޭގެ އަދަބެވެ. އެހެންނަމަވެސް، އަނެއްބައި ޢިލްމުވެރިން ދެކެވަޑައިގަންނަވަނީ އެއަށްވުރެ ހަރުކަށި އަދަބެއް ކަނޑައަޅަން ޖެހޭނެ ކަމަށެވެ. މިފަދަ ނުރައްކާތެރި ކުށްތަކުގެ އަދަބު ކަނޑައެޅުމުގައި އިސްލާމީ ޝަރީޢަތުގެ މަޤްޞަދުތަކާއި އިންސާނީ ޙައްޤުތަކަށް ރިޢާޔަތް ކުރުމަކީ އިންތިހާއަށް މުހިންމު ކަމެކެވެ.
އިސްލާމްދީނުގައި ރޭޕްގެ ޝިކާރައަކަށްވާ މީހުންނަށް ޚާއްޞަ ސަމާލުކަމެއް ދެވެއެވެ. އެމީހުންނަށް ނަފްސާނީ އަދި ޖިސްމާނީ ފަރުވާ ދިނުމަށް އިސްލާމްދީން ބާރުއަޅައެވެ. އަދި އެމީހުންނަށް އިޖްތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމަށް މުޖުތަމަޢުގެ މައްޗަށް ލާޒިމްކުރެއެވެ.
اِنَّمَا جَزٰٓؤُا الَّذِیۡنَ یُحَارِبُوۡنَ اللّٰہَ وَ رَسُوۡلَہٗ وَ یَسۡعَوۡنَ فِی الۡاَرۡضِ فَسَادًا اَنۡ یُّقَتَّلُوۡۤا اَوۡ یُصَلَّبُوۡۤا اَوۡ تُقَطَّعَ اَیۡدِیۡہِمۡ وَ اَرۡجُلُہُمۡ مِّنۡ خِلَافٍ اَوۡ یُنۡفَوۡا مِنَ الۡاَرۡضِ ( 5:33)
"ހަމަކަށަވަރުން، ﷲ އާއި އެކަލާނގެ ރަސޫލާއާ ދެކޮޅަށް ހަނގުރާމަކޮށް، ބިމުގައި ފަސާދަކުރުމަށް މަސައްކަތްކުރާ މީހުންގެ ޖަޒާއަކީ، އެމީހުން މަރައިލެވުން، ނުވަތަ އަތްދަނޑިއާއި ފައިދަނޑި ދެކޮޅަށް / ތަފާތުވާހެން ބުރިކޮށްލުން، ނުވަތަ ސަލީބަށް ނެގުން، ނުވަތަ އެބިމުން ނަފީކުރެވުން މެނުވީ ނުވެއެވެ".
މައިގަނޑު ގޮތަކަށް ބަލާއިރު، އިސްލާމީ ޝަރީޢަތުގައި ޒިނޭގެ ކުށަށް ކަނޑައެޅިފައިވާ އަދަބުތަކުގެ ތެރޭގައި ހިމެނެނީ ރަޖަމުކުރުން (ހިލައިން ޖަހައި މަރައިލުން)، ގުނަވަން ބުރިކުރުން، އަސާއިން ތަޅައި އަދަބުދިނުން، ޖަލަށްލުން ފަދަ އަދަބުތައް ދިނުމަށް ފިގުހު ޢިލްމުވެރިން އިއްތިފާގު ވެއެވެ. މި އަދަބުތަކުގެ ތެރެއިން އެންމެ ހަރުކަށި އަދަބުތައް ތަންފީޒުކުރުމަށްޓަކައި، ކުށްވެރިޔާގެ އިޢުތިރާފު ނުވަތަ ބާލިޣު ވެފައިވާ ޢަދުލުވެރި މުސްލިމު 4 ފިރިހެނުންގެ ހެކިބަސް ލިބުން ލާޒިމުވެއެވެ.
މި ބާވަތުގެ އަދަބުތަކަކީ ފަހަކަށް އައިސް ހުޅަނގުގެ ނުފޫޒުގެ ސަބަބުން ޒަމާނީ ކުރެވުނު އިސްލާމި މުޖުތަމަޢުތަކުގައި ވަރަށް ބޮޑަށް ޚިޔާލު ތަފާތުވާ، އަދި ޖަދަލު އުފެދޭ މައުޟޫޢުއެކެވެ. އިސްލާމީ ޝަރީޢަތުގައި މިފަދަ އަދަބުތައް ކަނޑައެޅިފައި އޮތް ނަމަވެސް، ޑިމޮކްރަސީއަށް ވަކާލާތުކުރާ ދީނާއި ދުރު ފަރާތްތަކުން މިފަދަ ހުކުމްތައް ތަންފީޒުކުރުމުގައި ވަރަށް ބޮޑަށް ވިސްނައި، އެމީހުން ގަބޫލުކުރާ އިންސާނީ ޙައްޤުތަކަށް ރިޢާޔަތްކުރަން ޖެހޭކަމަށް ބުނެއެވެ. ޒަމާނީ ޤާނޫނީ ނިޒާމުތަކުގައި މިފަދަ އަދަބުތައް ތަންފީޒުކުރުމާމެދު ގިނަ ބަހުސްތަކެއް ކުރެވެމުންދާކަން ފާހަގަކުރެވެއެވެ. އެހެންނަމަވެސް، ޖިންސީ ގޯނާ ފަދަ ނުރައްކާތެރި ކުށްތަކުން މުޖުތަމަޢު ރައްކާތެރިކުރުމަށްޓަކައި އިސްލާމްދީނުގައި ކަނޑައެޅިގެން އަންގަވާފައިވާ އަދަބުތައް ދިނުމަކީ ކޮންމެހެން ކުރަންޖެހޭ މުހިންމު ކަމެކެވެ. ދީނާއި ޚިލާފު ހުކުމެއް ކުރާނަމަ އެތަނެއް ދާނީ ފަސާދަ ވެގެންނެވެ.



