ވެކްސިން ދިނުމަށް ޣައްޒާ ހަނގުރާމަ 7 ދުވަހަށް ހުއްޓާލަން އދ.އިން އެދިއްޖެއެވެ.
ޔުނިސެފާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) ގުޅިގެން ހަނގުރާމަ 7 ދުވަހަށް ހުއްޓާލުމަށް އެދުނީ ޕޯލިއޯ ވެކްސިން ދިނުމުގެ ކެމްޕޭނެއް ފެށުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ކަމަށް އެޖަމާއަތުން ބުންޏެވެ. ޑަބުލިޔޫއެޗްއޯ އިން ބުނީ ޣައްޒާގައި 1 މިލިއަން ވެކްސިން ޖަހާނެ ކަމަށެވެ.
އިންސާނީ އެހީތެރިކަމުގެ ގޮތުން ހަތް ދުވަހުގެ މަޑުޖެހުމަކަށް ގޮވާލީ ޕޯލިއޯ ވައިރަސް ފެތުރިފައިވާ އާބާދީތަކަށް އަމާޒުކޮށްގެން މިމަހުގެ ފަހުކޮޅު ވެކްސިން ދިނުމަށެވެ
މި އިލްތިމާސްގައި އަލިއަޅުވާލާފައިވަނީ ޣައްޒާގައި ކުޑަކުދިންނަށް ސިއްހީ ގޮތުން ކުރިމަތިވެފައިވާ ބޮޑެތި ނުރައްކާތަކެވެ.
ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ރިޕޯޓްކޮށްފައިވާ ގޮތުގައި ޣައްޒާއިން ޕޯލިއޯ ޖެހިފައިވާ 10 މަހުގެ ތުއްތު ކުއްޖަކު އަލްބާލާ ސިޓީން ވަނީ ފެނިފައެވެ. އެ ކުއްޖާއަށް ޕޯލިއޯ ވެކްސިންގެ އެއްވެސް ޑޯޒެއް ލިބިފައިނުވާތީ، ވަށާލެވިފައިވާ ސަރަހައްދުގައި ބަލި ފެތުރުމުގެ ކަންބޮޑުވުންތައް ވަނީ ފާޅުކޮށްފައެވެ.
މި ތުއްތު ކުއްޖާއަށް ޕޯލިއޯ ޖެހުނީ ޣައްޒާގެ ނަރުދަމާތަކުން ޕޯލިއޯ ވައިރަސް ފެނި ، ބަލި ފެތުރިދާނެ ކަމުގެ އިންޒާރު ޑަބުލިޔޫއެޗްއޯއިން ދީފައި ވަނިކޮށެވެ.



