މަޖިލީހުގެ ބޮޑު އަގުލަބިއްޔަތެއް ސަރުކާރު ހިންގާ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް، ކޮންގްރެސް ޕާޓީގައި އޮތް ނަމަވެސް އޭގެ ނާޖާއިޒު ފައިދާ ނުނަގާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ ކުރީ ސަރުކާރުން މަޖިލީހުގެ ސުޕަ މެޖޯރިޓީއާއެކު ވެސް ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ފެއިލްވި ކަމަށެވެ.
މަޖިލީހުގެ ހިނގަމުން މިދާ ދައުރުގައި އެމްޑީޕީގެ މެޖޯރިޓީން މައިނޯރިޓީ ޕާޓީތަކަށް ބޮޑެތި ދަތި އުނދަގޫތައް ކުރަިމަތިކުރުވި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ބިލުތަކަށް ބަހުސް ކުރުމާއި ބިލު ހުށަހަޅާއިރު ވެސް މެޖޯރިޓީގައި ތިއްބެވި މެންބަރުންގެ ފަރާތުން ދަތިތަކާ ފުރައްސާރައާ ކުރިމަތިވި ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން 20 ވަނަ މަޖިލީހުގައި އެ މަންޒަރުތައް ނުފެންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މި ހިނގާ 19 ވަނަ މަޖިލީހުގައި އަޅުގަނޑުމެން ފެށިއިރު ވަރަށް އުނދަގޫ، ވަރަށް މަދު މެންބަރުންކޮޅެއް އަޅުގަނޑުމެންގެ ތިބީ. އަޅުގަނޑުމެން ބިލަކަށްވެސް އަދި ބޮޑު މުހިންމު އިޝޫއަކަށް ވާހަކަދައްކަން ފަށާއިރު ހަމަ ހަ ފަރާތުން ހަޅޭއްލަވާ، ފުރައްސާރަ ކުރާ މަންޒަރު ފެނިގެންދިޔައީ،" މިނިސްޓަރު ވިދާޅުވި އެވެ.
"އެއީ މިއަދު ރާއްޖޭގެ ރައްޔިތުން ބަލަން ބޭނުންވާ މަންޒަރެއް ނޫން. އަޅުގަނޑުމެން މި ޔަގީންކުރަނީ އަޅުގަނޑުމެންގެ ސަރުކާރެއް ނިސްބަތްވާ ޕާޓީއެއްގެ ސުޕަ މެޖޯރިޓިއެއްގެ ފައިދާ އަޅުގަނޑުމެން ނުނަގާނެ."
ޝިޔާމް ވިދާޅުވީ 20 ވަނަ މަޖިލީހުގައި ފެންނާނީ މައިނޯރިޓީއަށް އިހުތިރާމް ކުރާ މެޖޯރިޓީއެއް ކަމަށެވެ. އަދި ރައްޔިތުން ސަރުކާރަށް މެޖޯރިޓީ ދިނީ ރައީސް މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅުތައް ފުއްދެވުމަށް މަޖިލީހުން އެއްބާރުލުން ދިނުމަށް ކަމަށާއި މަޖިލީހުގައި ޒިންމާދާރު މަސައްކަތްތަކެއް ކުރާތަން ފެނިގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.



