ސޮއި ކުރިތާ ހަފްތާއެއް ނުވަނީސް، ކެންޔާގެ ކޯޓަކުން އެމެރިކާގެ 2.5 ބިލިއަން ޑޮލަރުގެ ޞިއްޙީ އެހީގެ އެއްބަސްވުން ސަސްޕެންޑް ކޮށް، އެ ދެޤައުމުގެ ދެމެދުގައިވާ “ހެލްތު ޕާޓްނަޝިޕެއް” ވަގުތީ ގޮތުން ހުއްޓުވާލައިފިއެވެ. މި ޑިސެމްބަރު މަހުގެ 4 ގައި ސޮއި ކުރި މި ޑީލަކީ ފަސްއަހަރުގެ މުއްދަތަކަށް އެމެރިކާ އާއި ކެންޔާ އާއި ދެމެދު ހަދަން އުޅުނު ޑީލެކެވެ. ޑީލްގައި ސޮއި ކުރީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އާއި ކެންޔާގެ ޕްރައިމް ކެބިނެޓް ސެކްރެޓަރީ މުސާލިއާ މުދާވާދީއެވެ.
މި ޑީލް ސަސްޕެންޑް ކުރުމަށް ކެންޔާ ކޯޓުން ޙުކުމް އިއްވީ އެ ޤައުމުގެ ހޮސްޕިޓަލް ތަކުގެ ޑޮކްޓަރުންނަށް ދައްކާ ބަލިމީހުންގެ ރެކޯޑްތަކާއި ޤައުމީ ޞިއްޙީ ނިޒާމުގެ މަޢުލޫމާތުތައް އެމެރިކާ އަށް ބޭނުން ކޮންމެ ވަގުތަކު ނެގެވޭނެ ބިރު އޮތުމުން އެކަމާއި މެދު ރައްޔިތުން ނުރުހުން ފާޅުކޮށް ޕެޓިޝަނެއް ހުށަހެޅުމުންނެވެ. އެހެންކަމުން ކޯޓުން މިހާރު ވަނީ އެ މައްސަލަ ބަލައި ވަކި ގޮތެއް ނިމެންދެން އެ ޑީލް މިވަގުތަށް ހުއްޓައިލުމަށް ވަގުތީ އަމުރެއް ނެރެފައެވެ.
އެމެރިކާ އިން ބުނާ ގޮތުގައި ކެންޔާ އާއި އެކު ހަދާ 2.5 ބިލިއަން ޑޮލަރުގެ ފަސްއަހަރުގެ ޞިއްޙީ ޑީލްގެ މަޤްޞަދަކީ ކެންޔާގެ ޞިއްޙީ ނިޒާމު ރަނގަޅު ކުރުމާއި، އެ ނިޒާމު ޑިޖިޓަލައިޒް ކުރުމާއި، ޞިއްޙީ ސާމާނު ފޯރުކޮށްދިނުމާއި، ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ ތަންތަން ތަރައްޤީ ކުރުމެވެ.
ބައިނަލްއަޤްވާމީ އެހީގެ މަޝްވަރާތަކުގައި ޑޭޓާ ޕްރައިވެސީގެ މައްސަލަތައް މިހާރަކަށް އައިސް ވަރަށް ބޮޑަށް ފެންމަތިވެއެވެ. ޚާއްޞަކޮށް އެމެރިކާ ފަދަ ކުރިއަރާފައިވާ ޤައުމުތަކުން އެހެން ޤައުމުތަކުގެ ރައްޔިތުންގެ މަޢުލޫމާތުތައް “ވަގަށް” ނަގައެވެ.
ޖިޓަލައިޒް ކުރުމުގެ “ހުވަފެނުގައި” ޑޭޓާތާއް ދޫވެގެން ދާއިރު، މިފަދަ ސަބަބުތަކާއި ހުރެ ދުނިޔޭގެ ޤައުމުތަކުން ޑޭޓާ ޕްރޮޓެކްޝަން ޤާނޫނުތައް ހަދައި ތަންފީޛު ކުރާ ކަން ފާހަގަ ކުރެވެއެވެ. ޚުދު ކެންޔާ އިން ވެސް ވަނީ 2019 ވަނަ އަހަރު އެ ފަދަ ޤާނޫނެއް ފާސް ކޮށްފައެވެ.






