ދިވެހިރާއްޖޭގެ ފެނުގެ ދާއިރާ ތަރައްޤީކޮށް ހަރުދަނާކުރުމަށްޓަކައި، މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާބެހޭ ވުޒާރާއާއި އިސްތަންބޫލްގެ މެޓްރޮޕޮލިޓަން މުނިސިޕަލިޓީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮއްފިއެވެ.
އެމްއޯޔޫއެއްގައި ސޮއިކޮށްފައިވާއިރު މި ރަސްމިއްޔާތު ކުރިޔަށް ގެންގޮސްފައިވަނީ އޮންލައިން ޕްލެޓްފޯމެއް މެދުވެރިކޮށްކަން އެ ވުޒާރާއިން ވަނީ މައުލޫމާތު ދީފައެވެ.
މި އެއްބަސްވުމުގެ ދަށުން، ދިވެހިރާއްޖޭގެ ފެނުގެ ދާއިރާ ކުރިއެރުވުމަށް ދެ ފަރާތުން ގުޅިގެން މަސައްކަތްކުރުމަށް ވަނީ ހަމަޖެހިފައެވެ. އިސްތަންބޫލް މެޓްރޮޕޮލިޓަން މުނިސިޕަލިޓީއަކީ ފެނުގެ ދާއިރާގައި ފާހަގަކޮށްލެވޭ ތަޖުރިބާއަކާއި ޚާއްޞަ ހުނަރުތަކެއް ލިބިފައިވާ ބައެކެވެ.
މި މަޝްރޫޢުގެ ސަބަބުން ދިވެހިރާއްޖޭގެ ފެނުގެ ހިދުމަތަށް ކުރިއެރުންތަކެއް ލިބި، ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެ ކަމަށް ބެލެވެއެވެ. އަދި ފެނުގެ ޚިދުމަތްތައް އިތުރަށް ފުޅާވެ، ވަސީލަތްތައް ހަރުދަނާ ގޮތެއްގައި ބޭނުންކުރެވޭނެ މަގު ތަނަވަސްވެގެންދާނެ ކަމަށް ވެސް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާބެހޭ ވުޒާރާއިން ލަފާކުރެއެވެ.



