އޮޅުވާލަން އުޅުނަސް، ފަލަސްތީން ބިމާއި މުސްލިމުންނާ ގުޅިފައިވާ މިންވަރު އޮޅުވައެއް ނުލެވޭނެ ކަމަށާ ފަލަސްޠީނުގެ މައްސަލައަކީ މުޅި އިސްލާމީ އުންމަތުގެ މައްސަލައެއްކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
ފަލަސްޠީނަށް ވެރިވެގެންވާ ޒައިނިސްޓް ޔަހޫދީންގެ ނުރައްކާތެރި ހަމަލާތަކުގައި އެތައް ހާސް ބަޔަކު ޝަހީދުވެ އަދި އެތައް މިލިއަން މުސްލިމުންނެއް ގެދޮރު ނެތި، ބޯހިޔާވަހިކަމެއް ނެތް ހާލުގައި ޖެހިފައިވާކަން ފާހަގަކުރައްވައި ހުޅުވާފައި ބުނީ ފަލަސްތީނު މައްސަލަ ހައްލު ކުރުމަށް ފަލަސްތީނު ރައްޔިތުންގެ އަތްމައްޗަށް އެކަނި ދޫކޮށްލެވެން ނެތް ކަމަށާ މުޅި އިސްލާމީ އުއްމަތް އެކަމަށްޓަކައި ތެދުވާން ޖެހޭ ކަމަށެވެ.
މި ހަފުތާއާ ހަމައަށް 40,000 އަށްވުރެ ގިނަ މުސްލިމުން ޝަހީދުކޮށްފައިވާއިރު، އިންސާނިއްޔަތުކަމަށް ވަކާލާތުކުރާ މީހުން މިއަދު އެކަމާ އަޅާނުލާކަން ހުތުބާގައި ފާހަގަކުރެއްވިއެވެ.
ފަލަސްތީނުގެ ބިމަކީ އިސްލާމީ ތާރީޚުގައި ވަރަށް މުހިންމު މަޤާމެއް ލިބިފައިވާ ތަނެއް ކަން ފާހަ ގަކުރައްވަމުން، މުސްލިމުންގެ ފުރަތަމަ ޤިބްލަ ކަމުގައިވާ މަސްޖިދުލް އަޤްޞާ ހުރީ ވެސް މި ބިމުގައި ކަމަށް ފާހަގަކުރެއްވިއެވެ.
"ފަލަސްތީނުގެ ބިމަކީ މުސްލިމުންނާއި ވަރަށް ބޮޑަށް ގުޅިފައިވާ ތަނެއް. އެތަނުގެ ތާރީޚާއި މުސްލިމުންގެ ތާރީޚު ވަކިކުރަން އުނދަގޫ. އެހެންވީމާ، އެ ގުޅުން އޮޅުވާލަން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް، އެކަން ކާމިޔާބެއް ނުވާނެ،" ޚަޠީބު ވިދާޅުވިއެވެ.
މީގެ އިތުރުން، ފަލަސްތީނުގެ ބިމުގައި އެތައް އަހަރެއް ވަންދެން މުސްލިމުން ދިރިއުޅެމުން އައި ކަމަށާއި، އެތަނުގައި އިސްލާމީ ޘަޤާފަތާއި ތަހުޒީބު ފުޅާވެފައިވާ މިންވަރު ވަރަށް ބޮޑު ކަމަށް ޚުޠުބާގައި ފާހަގަކުރެއްވިއެވެ. އަދި ފަލަސްތީނުގެ ބިމުގައި މުސްލިމުންގެ އާޘާރީ ތަންތަނާއި މިސްކިތްތައް ހުރި ކަމަށާއި، އެތަނުގެ ބަހާއި ސަގާފަތުގައި ވެސް އިސްލާމްދީނުގެ ނުފޫޒު ވަރަށް ބޮޑު ކަމަށް ވިދާޅުވިއެވެ
ޚުޠުބާގައި އިތުރަށް ބަޔާންކުރެއްވި ގޮތުގައި، ފަލަސްތީނުގެ މައްސަލައަކީ މުޅި މުސްލިމް އުންމަތުގެ މައްސަލައެކެވެ. އަދި އެ ބިން މިނިވަންކުރުމަށް މުސްލިމުން އެއްބައިވަންތަކަމާއެކު މަސައްކަތްކުރަން ޖެހޭ ކަމަށް ޚަޠީބު ގޮވާލެއްވިއެވެ.
"ފަލަސްތީނުގެ މައްސަލައަކީ ހަމައެކަނި އެ ބިމުގައި ދިރިއުޅޭ މީހުންގެ މައްސަލައެއް ނޫން. އެއީ މުޅި މުސްލިމް އުންމަތުގެ މައްސަލައެއް. އެހެންކަމުން، އެ ބިން މިނިވަންކުރުމަށް އަޅުގަނޑުމެން އެންމެން އެއްބައިވަންތަކަމާއެކު މަސައްކަތްކުރަން ޖެހޭ،" ޚަޠީބު ވިދާޅުވިއެވެ.
ޚުޠުބާ ނިންމަވާލެއްވީ ފަލަސްތީނުގެ އެންމެހާ ރައްޔިތުންނާއި އަލްމަސްޖިދުލް އަޤްޞާއާއި އިސްލާމީ މުޤައްދަސް ބިންތަކަށް ވެރިވެގެން، ލާއިންސާނީ ޖަރީމާތައް ހިންގާ އަދުއްވުންގެ ކިބައިން މުސްލިމުން ސަލާމަތްކުރެއްވުމަށް ދުޢާކުރަމުންނެވެ.



