އުމުރުން 17 އަހަރުގެ ސްޕެއިންގެ ފުޓުބޯޅަ ތަރި ލަމިން ޔަމާލްގެ ބައްޕަ އަށް ކާރު ޕާކިންގްއެއް ތެރޭގައި ވަޅިން ހަމަލާދީ ޒަހަމް ކޮށްލާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ސްޕެއިންގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހާދިސާ ހިގާފައިވަނީ ބާސެލޯނާގެ އުތުރުގައި އޮންނަ އައްސޭރިފަށުގެ އަވަށެއް ކަމަށްވާ މަޓާރޯގައެވެ. ކެޓަލޯނިއާގެ ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން ބުދަ ދުވަހު ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި ހަތަރު ވަނަ މީހަކު ބުރާސްފަތި ދުވަހުގެ ހެނދުނު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ޔަމާލްގެ ބައްޕަ ނަސްރައުއީގެ ހާލު ސީރިއަސްވެ ބާސެލޯނާގެ ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް މިހާރު އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ހަމަލާ ދީފައިވަނީ ޔަމަލް ބޮޑުވި ހިސާބު ކަަށްވާ ރޮކަފޮންޑާ އަވަށުގެ ކައިރީގަ އެވެ.
ސްޕެއިންގެ ނޫހެއް ކަމަށްވާ އެލް ޕައިސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ނަސްރައުއީ އޭނާގެ ކުއްތާ ހިނގާފައި ދަނިކޮށް ދިމާވި ގުރޫޕް ބަޔަކާއި އޭނާ ޒުވާބުކުރި އެވެ. އޭގެ ގަޑިއިރުތަކެއް ފަހުން ކާރު ޕާކިންގްގައި ހުއްޓާ ބަޔަކު އޭނާ ކައިރިއަށް ގޮސް "އެތައް ފަހަރަކު" ވަޅިން ހަމަލާދިނެވެ. ވަޅިން ހަމަލާދިން ސަބަބެއް އަދި ސާފެއް ނުވެއެވެ.
ކުޅިވަރު ވެބްސައިޓް ރެލެވޯގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ ނަސްރައުއީ ހޮސްޕިޓަލުގައި ދެތިން ދުވަސް ވަންދެން އޮބްޒަވޭޝަންގައި ބެހެއްޓުމަށް ޑޮކްޓަރުން ލަފާދީފައިވާ ކަމަށެވެ. ސްޕެއިންގެ އެންމެ ޒުވާން ކުޅުންތެރިޔާ ލަމީން ޔަމާލް ޔޫރޯ 2024 ވިދާލާ އޭނާ ވަނީ މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ހޯދާފަ އެވެ. ބާލިންގައި ކުޅުނު ފައިނަލުގައި އިންގްލެންޑް އަތުން 2-1 އިން ސްޕެއިން މޮޅުވިއިރު، ޔަމާލް ވަނީ ސްޕެއިނުން ކާމިޔާބު ކުރި ފުރަތަމަ ގޯލުގައި ނިކޯ ވިލިއަމްސް އަށް އެސިސްޓް ކޮއްދީފައެވެ.



