ސަރުކާރުން ހުށަހަޅާފައިވާ ބިނާވެށި ޕްލޭން ކުރުމާއިބެހޭ ގާނޫނުގެ ސަބަބުން ތަރައްގީ ލަސްވުމުގެ މައްސަލަ ހައްލު ކުރެވޭނެ ކަމަށާއި، ތަރައްގީ ގެންނާނެ ގޮތުގެ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކުރުމަށް މީގެ ކުރިން އޮތް ގާނޫނީ ހުރަސްތައްވެސް ނެތިގެންދާނެ ކަމަށް ގެމަނަފުށީ ދާއިރާގެ މެމްބަރު އަސަދުﷲ ޝިހާބު ވިދާޅުވެއްޖެއެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 27 ވަނަ ޖަލްސާގައި ވާހަކަ ދައްކަވަމުން މެމްބަރު ވަނީ މީގެ ކުރިން ތިމާވެށްޓަށް ވެސް ބެލުމެއް ނެތި ވަރަށް ފަރުވާ ކުޑަކޮށް ބައެއް މަޝްރޫޢުތައް ކައުންސިލްތަކުން ކުރިޔަށް ގެންގޮސްފައިވާކަން ފާހަގަކޮށް، އެފަދަ ކަންތައްތައް ވެސް މި ގާނޫނުގެ ދަށުން ހުއްޓުވޭނެކަމަށް ވިދާޅުވެފައެވެ.
އަސަދު ފާހަގަކުރެއްވި ގޮތުގައި ގާނޫނީ ހުރަސްތަކަކީ ގައުމުގެ ތަރައްގީގެ ޕްލޭންތަކަށް ޒަމާނުއްސުރެ ހުރަސްއެޅިފައިވާ ކަންކަމެވެ. ސަރުކާރުގެ މި ހުށަހެޅުމާއި ގުޅޭގޮތުން، އޭނާ ވިދާޅުވާ ގޮތުގައި، މި ހުރަސްތައް ނައްތާލައި، ތަރައްގީގެ މަޝްރޫއުތައް ރަނގަޅަށް އަދި ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދެވޭނެ އެވެ. އަސަދު ވަނީ ކުރިން އިހުމާލުވެފައިވާ ތިމާވެށީގެ މައްސަލަތަކާ ކުރިމަތިލުމަށް ސަރުކާރުން ކުރާ މަސައްކަތަށް އިތުބާރު ކުރައްވާ ކަމަށާއި މުޅި ގައުމުގައި އިންފްރާސްޓްރަކްޗާ ތަރައްގީ އިތުރު ކުރުމަށް ބިލް އިސްކަންދީ އަވަހަށް ފާސް ކުރުމަށް މަޖިލީހަށް އިލްތިމާސް ކުރައްވާފައެވެ.
މިއީ ރާއްޖޭގެ ތަރައްގީއަށް މިހާތަނަށް ހުށަހެޅުނު އެންމެ މުހިއްމު ބިލް ކަމަށް ފާހަގަކުރައްވަމުން އޭނާ ވިދާޅުވިއެވެ.
"ތަރައްގީގެ މަގުގައި ދިވެހިރާއްޖެ މަޑުޖެހެމުން އަންނަ އެންމެ ބޮޑު ސަބަބަކީ ތަރައްގީ ގެންނާނެ ގޮތުގެ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކުރުމަށް ގާނޫނީ ހުރަސްތަކެއް ހުރިކަމަށް ފެނި ، އެމަސައްކަތް ކުރުމަށް ފުރުސަތު ފަހިވެފައި ނެތުން. އިއްޒަތްތެރި ރައީސް. މިފަދަ ގާނޫނަކާއި އެއްކޮށް މިފަދަ ހުރަސްތައް ނައްތާލެވޭނެ މުހިއްމު ގާނޫނެއް "ބިނާވެށި" ޕްލޭން ކުރުމުގެ ގާނޫނަކީ. މީގެކުރިން ކައުންސިލްތަކުން ކުރަމުންދާ މަސައްކަތްތައް ، ކުރިޔަށް ގެންދާ ޕްރޮޖެކްޓުތަކާއިބެހޭގޮތުން ސުވާލެއް އުފައްދާނެ ޖާގައެއް ނެތް. ނަމަވެސް މިގާނޫނުގެ ދަށުން އާންމު ރައްޔިތުންނަށް ހުރިހާ ކަމެއް އކުރުން އަކުރަށް ސާފުވާން އެބައޮތް. ތިލަވާން އެބައޮތް. އަދި އެކަމުގެ ޝަކުވާ ހުށަހެޅުމުގެ ފުރުސަތުވެސް އެބައޮތް. މިއީ ވަރަށް މުހިއްމު ކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ. މި ބިލް މުހިއްމުވާ މައިގަނޑު އެއް ސަބަބަށް ބަލާލާއިރު މިއީ ގައުމީ ތަރައްގީގެ ޕްލޭން ދެފުށް ފެންނަ ހަމަޖެހޭ ސިޔާސަތެއްގެ ދަށުން ހާމަކަން ބޮޑުކޮށް ރައްޔިތުންނާ ހަމަޔަށް ގެނެސްދިނުމަށް އަދުގެ ސަރުކާރުން އިހުލާސްތެރި މަސައްކަތެއް ކަމަށް އަޅުގަނޑު ދެކެނީ. އިއްޒަތްތެރި ރައީސް، މީގެ ކުރިން ރަށްރަށުގެ ތަރައްގީއަށް ކުރެވޭ މަސައްކަތްތަކުގައި ފަރުވާކުޑަކޮށް ކުރެވިފައި ހުންނަ ތިމާވެށްޓަށް ނުރައްކާވާ މިންވަރު ބަލާލުމެއްނެތި ކޮށްފައިވާ މަސައްކަތްތައް މިގާނޫނުގެ ދަށުން ހުއްޓުވުމަކީ އަންނަން އޮތް ޖީލުތަކަށް އަޅުގަނޑުމެންގެ ތިމާވެށި ، މިދެންނެވި މަގުސަދު ފުރިހަމަކުރުމަށްޓަކައި ކުރިޔަށް ގެންދެވޭނެ މުހިއްމު ކަންތައްތަކެއް މިބިލުގައި އެކުލެވިގެން އެބަވޭ"
އަސަދު ވިދާޅުވެފައިވަނީ ވީހާވެސް އަވަހަށް މި ބިލުގެ މަސައްކަތް މިމަޖިލީހުން ނިންމާ، އަދުގެ ސަރުކާރުން ދިވެހި ރައްޔިތުންގެ ލާބަޔާއި މަންފާއަށް ރާވާފައިވާ އުމްރާނީ ތަރައްގީގެ ހުރިހާ މަޝްރޫއުތައް މިގާނޫނުން ބާރުލިބި ކުރިޔަށް ގެންދެވޭނެ ގޮތެއް މަގުފަހިވުން އެދޭ ކަމަށެވެ.



