އެފްރިކާގެ ބައެއް ގައުމުތަކުގައި މިހާރު ހިނގަމުންދާ އެމްޕޮކްސް ބަލިމަޑުކަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން އެލާޓް ލެވެލްއަށް ގެނައުމާއި ގުޅިގެން އެޗްޕީއޭ އިން ރިސްކް އެސެސްމަންޓްގެ މަސައްކަތް ފަށައިފި ކަމަށް އެ އެޖެންސީއިން ބުނެފިއެވެ.
ރާއްޖެއަށް އެކަށީގެންވާ އާންމު ސިއްހަތުގެ ފިޔަވަޅުތައް ކަނޑައެޅުމަށް ފުރިހަމަ ރިސްކް އެސެސްމަންޓެއް ހަދަމުންދާކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިއުލާންކޮށްފައިވަނީ އެ އެޖެންސީން މިއަދު ކުރި އެކްސްގައެވެ.
އެފްރިކާގައި އެމްޕޮކްސް ފެތުރެމުންދާ މިންވަރާއި އެހެން ސަރަހައްދުތަކަށް ކުރިމަތިވެދާނެ ނުރައްކާތަކަށް ބަލާއިރު، ރާއްޖޭގައި އާންމު ސިއްހަތު ރައްކާތެރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް އެޗްޕީއޭގެ ހޯދުންތަކުން މަގުދައްކައިދޭނެ އެވެ.
އެޗްޕީއޭ އިން ދަނީ ރާއްޖެއަށް ކުރިމަތިވެދާނެ ނުރައްކާތައް ދެނެގަތުމަށް ޕްރޮއެކްޓިވް ފިޔަވަޅުތަކެއް އަޅަމުންނެވެ. ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އާއި އަވަށްޓެރި ގައުމުތަކުގައި އާ އެމްޕޮކްސް ސްޓްރޭން ހަލުވިކަމާއެކު ފެތުރެމުންދާއިރު މިގައުމަށް ކުރާނެ އަސަރުތައް ވަޒަންކުރުމަށްފަހު އެޗްޕީއޭއިން ވަރަށް އަވަހަށް އާންމު ސިއްހަތަށް ބޭނުންވާ ލަފާތައް ނެރޭނެއެވެ.
އެޗްޕީއޭއިން ދަނީ ޑަބްލިއުއެޗްއޯގެ ލަފާތަކާ އެއްގޮތަށް،އާބާދީ ރައްކާތެރިކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ތައްޔާރުވަމުންނެވެ.



