ޚުލާސާ: ގޭންގުތަކާއި މެމްބަރުންނާއި ލީޑަރުން ދެނެގަތުމަށް ކަނޑައަޅާފައިވާ މިންގަނޑުތައް ހިމެނޭ ގޮތަށް ގޭންގު ހަރަކާތްތައް ކަނޑައަޅައި ކުށްވެރި ކުރުމަށް އާ ބިލެއް އެކުލަވާލާލައި އެޓާނީ ޖެނެރަލް އޮފީހަށް ފޮނުވައިފިއެވެ.
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީން ބުނީ މި ބިލުގެ މަގުސަދަކީ ގޭންގުތަކުން ބޮޑެތި ޖިނާއީ ކުށްތައް ހުއްޓުވުމާއި، އެފަދަ ޖަރީމާތަކުން ލިބޭ މުދަލާއި ފައިސާ އަތުލުމާއި، ގޭންގް މެމްބަރުންނަށް މާލީ ނުވަތަ މާއްދީ އެހީތެރިކަން ލިބޭ ދޮރުތައް ބަންދުކޮށް ރާއްޖެއަކީ އަމާން އޮމާން ތަނަކަށް ހެދުމަށެވެ.
އެގޮތުން ގޭންގް ޓެރިޓަރީތަކާއި، ގޭންގް ސިމްބަލްތަކާއި، ގޭންގް ލީޑަޝިޕާ ގުޅުންހުރި ހަރަކާތްތައް ބިލުގަިއ ކަނޑައަޅައިފައި ވާނެ ކަމަށާއި ، މަސްތުވާތަކެއްޗާއި ގުޅުންހުރި ކުށްތަކަށް މަރުގެ އަދަބު ތައާރަފްކޮށް މަސްތުވާތަކެތީގެ ގާނޫނަށް އިސްލާހުތަކެއް ގެނައުމަށް ވެސް އެދިފައިވަނީ ގޭންގު ކުށްތައް ހުއްޓުވުމަށް ކަމަށް ހޯމްމިނިސްޓްރީން ބުންޏެވެ.
އެ ބިލް ރިވިއު ކުރުމަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީން އެޓާނީ ޖެނެރަލްގެ އޮފީހަށް މިހާރު ފޮނުވާފައިވާއިރު، މިއީ ގޭންގު ކުށްތައް ހުއްތުވުމަށް މީގެ ކުރިން ރާއްޖޭގައި ކޮށްފައި ނުވާ ހަރުކަށި މަސައްކަތެކެވެ.



