ޖަދުވަލު 1 ގެ މަސްތުވާތަކެތި އެތެރެކުރުމުގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ދިނުމަށް މަސްތުވާތަކެތީގެ ގާނޫނަށް ބަދަލު ގެނައުމަށް ސަރުކާރުން މަސައްކަތް ފަށައިފިއެވެ.
މިހާރު އޮންނަ ގޮތުން 4 ގުރާމަށް ވުރެއް ގިނައިން އެތެރެކޮށްފިނަމަ އެމީހަކަށް 1 މިލިއަން ރުފިޔާގެ ޖޫރިމަނާއާއެކު 25 އަހަރަށް ޖަލަށް ލެވެއެވެ. ނަމަވެސް، އިސްލާހު ކުރެވޭ މުހިންމު ބަދަލުތަކުގެ ސަބަބުން ސްމާގްލަރުންނަށް މަރުގެ އަދަބު ލިބޭނެއެވެ. ސަރުކާރުގެ އިސްލާހުގައި މަރުގެ ހުކުމް ތަންފީޒު ކުރަން ފަށާނީ ޖަދުވަލު 1 ގައި ލިސްޓްކޮށްފައިވާ 500 ގްރާމަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ކަމަށް ސާބިތުވެފައިވުމަށްފަހު، ޝަރުއީ ހުރިހާ އިޖުރާއަތުތަކެއް ފުރިހަމަ ކުރުމަށްފަހުގައެވެ.
ޖަދުވަލު 1 ގައިވާ މަސްތުވާތަކެތި:
- ދުނިޔޭގެ ގައުމުތަކުގައި މަސްތުވާ ތަކެތީގެ ގޮތުގައި 300 އެއްހާ ވައްތަރު ބޭނުން ކުރެއެވެ.
- އެހެންނަމަވެސް، މަސްތުވާ ތަކެތި ކަމުގައި މި ޖަދުވަލުގައި ކަނޑައަޅާފައިވަނީ 139 ބާވަތެކެވެ.
- މިއިން އެއްވެސް ބާވަތެއް، 500 ގްރާމަށްވުރެ އިތުރުވެއްޖެނަމަ، އެތެރެކުރުމުން ނުވަތަ އެކްސްޕޯޓްކުރުމުން އެމީހަކަށް މަރުގެ އަދަބު ލިބޭނެއެވެ.
ޖަދުވަލު 2 ގެ މަސްތުވާތަކެތީގެ އަދަބު:
- މީގައި ހިމެނެނީ މަސްތުވުމަށް ބޭނުންކުރާ ބޭސްތަކެވެ. ނުވަތަ ކޮންޓުރޯލް ޑުރަގްސްއެވެ.
- ސައްހަ ބޭސް ސިޓީއެއް ނެތި، ނުވަތަ ކަނޑައެޅިފައިވާ އަދަދަށްވުރެ ގިނަ އަދަދަކަށް ޖަދުވަލު 2 ގެ ބޭސް ގެންގުޅުމުން ތިން އަހަރަށް ޖަލަށްލުމާއި 50،000 ރުފިޔާއާއި 1 މިލިއަނާއި ދޭތެރޭގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
މަސްތުވާތަކެތީގެ މައްސަލަތަކުގައި މަރުގެ އަދަބުދޭ ގައުމުތައް:
މަސްތުވާތަކެއްޗާ ގުޅުންހުރި ކުށްތަކަށް މަރުގެ އަދަބު ދިނުމަށް ގިނަ ގައުމުތަކެއްގައި ގާނޫނުތައް ހުރިއިރު، ގިނަ ގައުމުތަކުން މަރުގެ ހުކުމް ތަންފީޒެއް ނުކުރެއެވެ.
މިސާލަކަށް މަސްތުވާތަކެތީގެ މަރުގެ އަދަބު ކަނޑައަޅާގައިވާ މެލޭޝިޔާގައި މިހާރު އަދަބު ތަންފީޒެއް ނުކުރެއެވެ. ބައިނަލްއަގުވާމީ ޕްރެޝަރާއިހެދި އެގައުމުން އެދަނީ މަރުގެ ހުކުމް އުވާލުމާއި ދިމާލަށް މިސްރާބު ޖަހަމުންނެވެ.
އިންޑިއާގައި ވެސް މަސްތުވާތަކެއްޗާ ގުޅުން ހުރި ވަކި ޖަރީމާތަކަށް މަރުގެ އަދަބު ގާނޫނީ ގޮތުން ކަނޑައެޅިފައި އޮވެއެވެ. ނަމަވެސް ބައިނަލް އަގްވާމީ ޕްރެޝަރާއިހެދި ތަންފީޒު ކުރުމުގައި ދަތިތަކެއް ހުރުމުން އެމީހުން އަމަލުކުރާ އުސޫލަކީ ޖަލުބަންދުގައި ބަހައްޓަނީއެވެ. މިސާލަކަށް "މަރަށް މަރު" ރާއްޖޭގައި ތަންފީޒުކުރާ ގޮތަށެވެ.
މި މިސާލުތަކުން ދޭހަވަނީ ޤާނޫނުގައި މަރުގެ އަދަބު އޮތުމަކީ ޢަމަލީ ގޮތުން އެ އަދަބު ދިނުމަށް ތަރުޖަމާވާ ކަމެއް ނޫންކަމެވެ.
ނަމަވެސް އދ އާއި ބައިނަލް އަގުވާމީ ޖަމާއަތްތަކުން ކިތަންމެ ޕްރެޝަރެއް ކުރިކަމުގައި ވިޔަސް މަސްތުވާތަކެތީގެ ކުށްތަކުގައި މަރުގެ އަދަބު ހަރުކަށިކޮށް ތަންފީޒުކުރާ ގައުމުތަކެއް ވެއެވެ. އޭގެތެރޭގައި ހިމެނެނީ؛
ސިންގަޕޫރު - މަސްތުވާތަކެއްޗާ މެދު ޒީރޯ ޓޮލަރެންސް ސިޔާސަތު ގެންގުޅޭ ސިންގަޕޫރަކީ ކުދި އަދަދުތަކުން ހެރޮއިން ޓްރެފިކް ކުރިޔަސް މަރުގެ އަދަބުދޭ ގައުމެކެވެ.
އިންޑޮނޭޝިއާ - އިންޑޮނޭޝިއާ އަކީ މަސްތުވާތަކެތީގެ ހަރުކަށި ގާނޫނުތަކުގެ ސަބަބުން މަޝްހޫރު ގައުމެކެވެ. މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށްވެސް މަރުގެ އަދަބު އިއްވައެވެ.
ސައުދީ އަރަބިއްޔާ- މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަށް ސައުދީގައި ހަރުކަށި ގާނޫނުތަކެއް ކަނޑައަޅާފައިވާއިރު، އެގައުމަށް ހެރޮއިން ފަދަ މަސްތުވާތަކެތި ގެނައުމުގެ ކުށް ސާބިތުވާ މީހުން އާންމުކޮށް މަރާލަނީ ބޯ ކަނޑާލައިގެންނެވެ.
އީރާން - މަސްތުވާތަކެއްޗާ ގުޅުން ހުރި ކުށްތަކުގައި އީރާނުން ގިނަ އަދަދެއްގެ މަރުގެ އަދަބުތައް އިއްވައި ތަންފީޒު ކުރެއެވެ.
ޗައިނާ - ޗައިނާއިން މަސްތުވާތަކެތީގެ ބޮޑެތި ކުށްތަކުގައި މަރުގެ އަދަބު ތަންފީޒުކުރާއިރު، އެމީހުން މިފަދަ ކުށްތަކަށް އަރައިގަންނަ މީހުން މަރާލާނީ ވަރަށް ސިއްރުންނެވެ. ހުކުމް އިއްވުމާއެކު ވަރަށް އަވަހަށް މަރާލައެވެ.
މަސްތުވާ ތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭން ޖެހޭތަ؟
މަސްތުވާ ތަކެއްޗަކީ އޭގެ ސަބަބުން މުޖުތަމަޢު ފަސާދަ ކޮށްލާ ވިހައެކެވެ. އެފަދަ ކަންތައްތައް ކުރާ މީހުންގެ ހަތަރެސްފައި ވަގުތުން ބުރިކޮށްލުމަށް އިސްލާމް ދީނުގައި ހުރަހެއް ނެތްއިރު ، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަކީ މައްސަލައެއް ނޫނެވެ.
މި އިސްލާހުގައި އޮތީ ކޮން މައްސަލައެއް؟
މިހާރުގެ ސަރުކާރުން މަސްތުވާ ތަކެތީގެ މައްސަލަތައް ހުއްޓުވުމަށް ސާފު ނިޔަތެއް އޮތްނަމަ ތިޔަ އިސްލާހު އަދިވެސް އިސްލާހު ކުރެވޭނެއެވެ. މަރުގެ ހުކުމް އިއްވަންވީ ހަމައެކަނި މަސްތުވާތަކެތި އެތެރެކުރާ މީހުންނަކަށް ނޫނެވެ. އެންމެ އައުލާކަން ބޮޑީ މަސްތުވާތަކެތި ވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބު ކަނޑައެޅުމެވެ.
ގިނަފަހަރު "ކެރީކުރަނީވެސް" ނިކަމެތި ފަގީރުންނެވެ. އެފަދަ މީހުން ކުށަށް އަރައިގަންނަނީ އުޅެންޖެހޭ ފަގީރުކަމުން ފައިސާގެ ބޭނުމުގައެވެ. އެހެންކަމުން މިތަނުގައި ނުރައްކަލީ އެތެރެކުރާ މީހާއަށްވުރެ ވިޔަފާރީގެ އަމަލު ހިންގާ މީހާ ނުވަތަ އިންވެސްޓަރެވެ.
ދިވެހިރާއްޖޭގައި މަސްތުވާތަކެތި ރިހެބިލިޓޭޝަންގެ ހަގީގަތް
ދިވެހިރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމަށް މަސައްކަތްތަކެއް ކުރި ނަމަވެސް، ރިހެބިލިޓޭޝަން ޕްރޮގްރާމްތަކުގެ ކާމިޔާބީގެ ނިސްބަތް އަދިވެސް އޮތީ ނިކަމެތިކޮށެވެ. ރިކަވަރ ވާ މީހުންގެ އަދަދު 1 ޕަސެންޓަށް ވުރެ މަދެވެ. މި ވަރުގަދަ ހަގީގަތުން ހާމަވެގެންދަނީ މަސްތުވާތަކެތީގެ މައްސަލަ ހުއްޓުވުމަށް ހަމައެކަނި ފަރުވާ ދިނުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ.
ނިންމުން
މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ތައާރަފްކޮށްގެން ސަރުކާރުން އުންމީދު ކުރަނީ މަސްތުވާތަކެތީގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކަށް ވަރުގަދަ މެސެޖެއް ފޮނުވުމެވެ. މި ފިޔަވަޅަކީ ބަހުސްތަކެއް އުފެދި، ބައެއް މީހުން މިއީ ކޮންމެހެން އަޅަންޖެހޭ ފިޔަވަޅެއްގެ ގޮތުގައި ދެކޭއިރު، އަނެއް ބަޔަކު ބުނަނީ މިކަން ވެސް ދާނީ "މަރަށް މަރު" ފަދައިންނެވެ. ގާނޫނުގައި މަރަށް މަރު އޮތަސް، ކިތަންމެ ޒަމާނެއް ވިޔަސް މަރުގެ ހުކުމް ތަންފީޒެއް ނުވެއެވެ. ޝަރުއީ އިޖުރާއަތްތައް ފުރިހަމަވާ ތަނެއްވެސް ނުފެނެއެވެ.



