ފުޓުބޯޅަ ތަރި ކިލިއަން އެމްބާޕޭގެ ފުރަތަމަ މެޗުގައި ލަނޑު ކާމިޔާބުކޮށް ރެއާލް މެޑްރިޑާ އެކު ފުރަތަމަ ފަހަރަށް ތައްޓެއް އޭނާ ހޯދައިފިއެވެ. ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ރެއާލުން ޔުއެފާ ސުޕަ ކަޕް ކާމިޔާބުކުރީ ވޯސާގައި ކުޅުނު މެޗުގައި ޔޫރޮޕާ ލީގުގެ ޗެމްޕިއަން އެޓަލާންޓާ އަތުން 2-0 އިން މޮޅުވެގެންނެވެ. ކާލޯ އަންޗެލޮޓީގެ ރެއާލަށް މެޗު ކާމިޔާބު ކޮށްދިނީ މެޗުގެ 59 ވަނަ މިނެޓުގައި ފެޑޭ ވަލްވާޑޭ އާއި އެމްބާޕޭ 68 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިން ގޯލްތަކުންނެވެ.

ފައިނަލުގައި ރެއާލަށް ގޯލު ކާމިޔާބުކޮއްދިން ދެ ކުޅުންތެރިން (އެމްބާޕޭ އަދި ވަލްވާޑޭ)
ރިއަލް މެޑްރިޑްގެ ކޯޗު އަންޗެލޮޓީ ވަނީ ފުރަތަމަ އެގާރާގައި އެމްބާޕޭ ހިމަނާފައެވެ. ނަމަވެސް ފުރަތަމަ ހާފުގައި އޭނާއަށް ވަނީ އޭނާގެ އާ ކުޅުންތެރިންނާ އެކު ކުޅެން އުނދަގޫވެފަ އެވެ. އޭނާ ކުރި ގިނަ މަސައްކަތްތައް އެޓަލާންޓާ ޑިފެންސުން ވަނީ ނާކާމިޔާބު ކޮށްލާފައެވެ. ނަމަވެސް ދެވަނަ ހާފުގައި އޭނާ ވަނީ ކުޅުން ބަދަލުކޮށް ތަފާތު ދައްކާފައެވެ.
ހިލޭ ޓްރާންސްފާއެއްގައި ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ދޫކޮށް 2029 ވަނަ އަހަރާއި ހަމައަށް އެއްބަސްވުމެއްގައި ސޮއިކުރި އެމްބާޕޭ ރެއާލް މެޑްރިޑާއި ގުޅުނީ މިދިޔަ މަހުއެވެ. ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ރިއަލް މެޑްރިޑުގެ ސަޕޯޓަރުންގެ އުއްމީދަކީ އެމްބާޕޭއާ އެކު އެ ކުލަބުން އިތުރު ތަށިތަކެއް ހޯދުމެވެ. ޖަރުމަނުގައި އޮތް ޔޫރޯއަށް ފަހު ޗުއްޓީ ހޭދަކުރުމުގެ ސަބަބުން މެޑްރިޑްގެ އެމެރިކާ ޕްރީ-ސީޒަން ދަތުރު އޭނާއަށް ގެއްލުނުކަންވެސް ފާހަގަ ކުރެވެއެވެ.

ސުޕަ ކަޕް ކާމިޔާބު ކުރުމަށްފަހު ތައްޓާއެކު މެޑްރިޑުން އުފާ ފާޅުކުރަނީ
ޔުއެފާ ސުޕަ ކަޕްގެ ކާމިޔާބީއާއެކު ރެއާލް މެޑްރިޑަށާއި ސަޕޯޓަރުންނަށް ވަނީ އިތުރު ހިތްވަރެއް ލިބިފައެވެ، މިއާއިއެކު ރެއާލުން ވަނީ މި މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބު ކުރި ކުލަބަށް ވެފައެވެ. މި މުބާރާތް ދެވަނަ އަށް އެންމެ ގިނައިން ކާމިޔާބު ކޮށްފައިވަނީ އޭސީ މިލާނާއި ބާސެލޯނާއެވެ. ޔުއެފާ ސުޕަ ކަޕް ކާމިޔާބު ކުރުމަކީ ރެއާލް މެޑްރިޑާއެކު ކުޅުނު ފުރަތަމަ ސީޒަނުގައި ކިލިއަން އެމްބާޕޭ އަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ.



