ޒަމާނީ ވަސީލަތްތަކާ އެކު ފެންވަރު ރަނގަޅު ވެއާހައުސިން ކޮމްޕްލެކްސްއެއް ހުޅުމާލޭގައި އިމާރާތް ކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
މި ކޮމްޕްލެކްސް އިމާރާތްކުރަނީ އޮޓޮމޭޓެޑް ވެއާހައުސް މެނޭޖްމެންޓް ސިސްޓަމްގެ ވަސީލަތްތައް ހިމަނައިގެންނެވެ.
މި ވެއާހައުސިން ކޮމްޕްލެކްސް އިމާރާތްކުރުމުގެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދެވެ. އަދި މަޝްރޫއުގެ ކޮންޓްރެކްޓަރު، ރޮޓައިމް އިންޖިނިއަރިންގ އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ ޒޯ ވެއިޑޮން އެވެ.

މި އެއްބަސްވުމުގެ ދަށުން ވެއާހައުސިން ކޮމްޕްލެކްސް އިމާރާތްކުރުމުގެ މަސައްކަތް 2 އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފަ އެވެ.
އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މީޑިއާއަށް މައުލޫމާތު ދެއްވަމުން އެޗްޑީސީގެ އެމްޑީ ފަޒުލް ވިދާޅުވީ ޒަމާނީ ވަސީލަތްތަކާއެކު އިމާރާތްކުރާ މި ކޮމްޕްލެކްސްއަކީ އިންޑަސްޓްރީއަށް އަންނަ އިންގިލާބީ ބަދަލެއް ކަމަށެވެ. އަދި އޭގެ ސަބަބުން ވިޔަފާރިތަކަށް ގިނަ ކުރިއެރުން ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ކޮމްޕްލެކްސް އިމާރާތްކުރުމަށް ހަމަޖެހިފައިވަނީ އެކި ބާވަތުގެ މުދާ ރައްކާކުރުމަށް ތަފާތު ޔުނިޓްތައް ހިމަނައިގެންނެވެ. އޭގެ ތެރޭގައި ކޯލްޑް ސްޓޯރޭޖް އާއި އިންޑަސްޓްރިއަލް ވެއާހައުސިން ޔުނިޓް އަދި ކާނާގެ ބާވަތްތަކާއި ކޮންޒިއުމަބްލް ރައްކާކުރެވޭ ޔުނިޓްތައް ހިމެނެ އެވެ. މީގެ އިތުރުން އޮފީސް ޖާގައާއި ޝޯރޫމް ހިމެނޭ އިމާރާތެއް ވެސް މި ކޮމްޕްލެކެސްގައި ހުންނާނެ އެވެ.
މި ކޮމްޕްލެކްސްއަކީ ވިޔަފާރިތަކަށް މުދާ ރައްކާކުރުމަށް ލުއިފަސޭހަ ވަސީލަތަކަށް ވާނެ އެވެ. އެޗްޑީސީން ބުނާ ގޮތުގައި މި ކޮމްޕްލެކްސްގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މުދާ ރައްކާކުރާނެ އިތުރު ޖާގަ ތަނަވަސްވެ، ވިޔަފާރި ފުޅާކުރެވޭނެ ފުރުސަތު ވެސް ތަނަވަސް ވާނެ އެވެ.



