ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އެފްރިކާގައި ފެތުރެމުންދާ އެމްޕޮކްސް ވައިރަލް ބަލީގެ އާ ވޭރިއަންޓާ ގުޅިގެން އެ ޖަމިއްޔާގެ އެންމެ މަތީ ފެންވަރުގެ އެލާޓް ކަމަށްވާ ޕަބްލިކް ހެލްތު އިމަޖެންސީ އޮފް އިންޓަނޭޝަނަލް ކޮންސާން (ޕީއެޗްއީއައިސީ) އިއުލާނުކޮށްފި އެވެ.
ޑަބްލިއުއެޗްއޯ އިން ބުދަ ދުވަހު ބުނީ އެފްރިކާގެ 13 ގައުމަކުން އެމްޕޮކްސް ކޭސްތައް ފެނިފައިވާ ކަމަށާއި އޭގެ އާ ވޭރިއަންޓް ފެތުރެމުން އަންނަ ކަމަށެވެ. މިއީ ފާއިތުވި ދެ އަހަރުގެ ތެރޭގައި އެ ޖަމިއްޔާއިން އެމްޕޮކްސްއާ ގުޅިގެން މި އެލާޓް ނެރުނު ދެވަނަ ފަހަރެވެ.
ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރިޔޭސުސް މިކަން ހާމަކުރެއްވީ އދ.ގެ ހެލްތު އެޖެންސީގެ އިމަޖެންސީ ކޮމިޓީގެ ބައްދަލުވުމަކަށް ފަހުއެވެ. އެފްރިކާ ސެންޓާ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަނުން ވަނީ އެމްޕޮކްސް އަކީ އެ ބައްރުގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއް ކަމަށް އަންގާރަ ދުވަހު އިއުލާންކޮށްފަ އެވެ.
ޑަބްލިއުއެޗްއޯއިން ބުނީ އެފްރިކާއިން މިއަހަރު 14،000 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެ 524 މީހުން މަރުވެފައިވާ ކަމަށާއި މިއީ މިދިޔަ އަހަރުގެ އަދަދުތަކަށް ވުރެ އިތުރު އަދަދެއް ކަމަށެވެ.
މިހާތަނަށް ޕޮޒިޓިވްވި މީހުންނާއި މަރުވި މީހުންގެ 96 އިންސައްތަ އަކީ އެއް ގައުމެއް ކަމަށްވާ ކޮންގޯއިން މަރުވާ މީހުންނެވެ. ސައިންސްވެރިން ކަންބޮޑުވަނީ އެތަނުގައި މި ބަލީގެ އާ ވޭރިއަންޓް ފެތުރެމުންދާތީ، އެއީ މީހުންގެ މެދުގައި ފަސޭހައިން ފެތުރިދާނެ ބައްޔެއް ކަމުގައިވާތީއެވެ.
އެމްޕޮކްސް އަކީ ކޮބާ؟
މަންކީޕޮކްސްގެ ނަމުން ނަން ދީފައިވާ އެމްޕޮކްސް އެންމެ ފުރަތަމަ ސައިންސްވެރިން ދެނެގަތީ 1958 ވަނަ އަހަރު ރާމާމަކުނު ހަށިގަނޑުގައި "ޕޮކްސް ކަހަލަ" ބައްޔެއް ފެތުރެން ފެށުމުންނެވެ. ދާދި ފަހަކާ ޖެހެންދެން އިންސާނުންގެ ފަރާތުން މި ކޭސްތައް އެންމެ ގިނައިން ފެނިފައި ވަނީ މެދު އަދި ހުޅަނގު އެފްރިކާގައި އިންފެކްޓް ވެފައިވާ ޖަނަވާރުތަކާ ގާތް ގުޅުމެއް އޮންނަ މީހުންގެ ކިބައިންނެވެ.
2022 ވަނަ އަހަރު ފުރަތަމަ ފަހަރަށް ޖިންސީ ގުޅުން ހިންގުމުގެ ޒަރިއްޔާއިން ވައިރަސް ފެތުރެމުންދާކަން ކަށަވަރުވެ، މީގެ ކުރިން އެމްޕޮކްސް ރިޕޯޓް ކޮށްފައި ނުވާ ދުނިޔޭގެ 70 އަށް ވުރެ ގިނަ ގައުމުގައި ވައިރަސް ފެތުރެން ފެށިއެވެ.
އެމްޕޮކްސް އަކީ ސްމޯލްޕޮކްސް ފަދަ ވައިރަހުގެ އެއް އާއިލާއަކަށް ނިސްބަތްވާ އެއްޗެކެވެ. މި ބަލީގެ ސީރިއަސް ކޭސްތައް ހުންނަ މީހުންގެ މޫނާއި އަތް، ބުރަކަށި އަދި ޖިންސީ ގުނަވަންތަކުގައި އިންފެކްޝަން އުފެދިދާނެ އެވެ.



