ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، އެކްސެލް އިންޓަރނޭޝަނަލް ސްކޫލުގެ ދަސްވެނިވުން 2024 ގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ދަރިވަރުންނަށް ޓްރޮފީ ހަވާލުކޮށްދެއްވައިފި އެވެ.
އެ ޖަލްސާ ކުރިއަށް ދިޔައީ މިއަދު ހެނދުނު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.
އެކްސެލް އިންޓަރނޭޝަނަލް ސްކޫލުގެ ދަސްވެނިވުން 2024 ގެ ޖަލްސާގެ ފުރަތަމަ ސެޝަން ޝަރަފުވެރިކޮށްދެއްވައި އެކަމަނާ ވަނީ އެ ސްކޫލުން މިއަހަރު ދަސްވެނިވި ދަރިވަރުންގެ ތެރެއިން 109 ދަރިވަރުންނަށް ޓްރޮފީ ހަވާލުކޮށްދެއްވާފަ އެވެ. އަދި މި ޖަލްސާގައި އެކަމަނާ ވަނީ އެ ސްކޫލުން ޤުރުއާނުގެ ފުރަތަމަ 2 ފޮތް އަދި 1 ފޮތް ހިތުދަސްކުރި ޖުމްލަ 38 ދަރިވަރުންނަށް ވެސް ޓްރޮފީ ހަވާލުކޮށްދެއްވާފަ އެވެ.
އެ ސްކޫލުން މިއަހަރު 210 ދަރިވަރުން ދަސްވެނިވެ ސެޓްފިކެޓާއި ޓްރޮފީ ހާޞިލުކޮށްފައިވެ އެވެ.
އެކްސެލް އިންޓަރނޭޝަނަލް ސްކޫލް ހުޅުވިތާ މިއަހަރު 13 އަހަރު ފުރޭނެ އެވެ. އެ ސްކޫލަކީ 18 މަހުން ފެށިގެން 6 އަހަރާ ދެމެދުގެ ކުދިންނަށް ކިޔަވައިދެމުން އަންނަ ސްކޫލެކެވެ. ޖުމްލަ 1006 ކުދިން މިވަގުތު ތަޢުލީމު ޙާޞިލުކުރަމުން އަންނަ މި ސްކޫލަކީ އެމެރިކާގެ އިންޓަރނޭޝަނަލް ޕްރީސްކޫލް ކަރިކިއުލަމަށް ކިޔަވައިދޭ ރާއްޖޭގައި ހުރި ހަމައެކަނި ސްކޫލެވެ.



