ބުރާސްފަތި ދުވަހުން ފެށިގެން ރާއްޖެއިން ބޭރަށް ދަތުރުކުރާ މީހުން ޓްރެވެލް ޑެކްލަރޭޝަން ފޯމް ފުރަން ނުޖެހޭ ގޮތަށް ކޮންޓްރޯލާ ޖެނަރަލް އޮފް އިމިގްރޭޝަން، މުހައްމަދު ޝަމްޢާން ވަޙީދު ވަނީ ނިންމަވައިފައިއެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅާއި އެއްގޮތަށް، ދިވެހިރާއްޖެއަށް އަންނަ އަދި ދިވެހި ރާއްޖެއިން ފުރާ ފަރާތްތަކަށް ދަތުރުފަތުރު ކުރުމުގައި ލުއިފަސޭހަ އިންތިޒާމް ހަމަޖެއްސުމުގެ ސިޔާސަތުގެ ދަށުން ނިންމެވި ނިންމެވުމެއް ކަމަށް އިމިގްރޭޝަނުގެ ބަޔާނުގައި ވެއެވެ.
ކޯވިޑް-19 ގެ ސަބަބުން ދިވެހިރާއްޖޭގެ ބޯޑަރުގެ ޚިދުމަތް ހަރުދަނާކޮށް ރައްކާތެރި ކުރުމުގެ ގޮތުން "ޓްރެވެލް ހެލްތު ޑެކްލަރޭޝަން" ފޯމެއް ފުރަން ޖެހޭގޮތަށް ކަނޑައަޅާފައި ވަނީ 15 ޖުލައި 2020 ގައެވެ. ނަމަވެސް 14 މާޗު 2021 ގައި މި ފޯމު ވަނީ އޮންލައިންކޮށް ފުރިހަމަކުރާ އެމްބަކޭޝަން/ޑިސްއެމްބަކޭޝަން ފޯމެއްގެ ގޮތުގައި ހަމަޖައްސައި "ޓްރެވެލް ޑެކްލަރޭޝަން"ގެ ނަމަށް ބަދަލުކޮށް އިއުލާން ކޮށްފައެވެ.
ހަމައެއާއެކު ނިމިދިޔަ އަހަރު، 20 ނޮވެމްބަރު ގައި ވަނީ ރާއްޖެއިން ބޭރަށް ފުރާ އަދި ރާއްޖެއަށް އަނބުރާ އަންނަ ދިވެހިން ވެސް އެ ފޯމް ފުރިހަމަ ކުރަން ނުޖެހޭ ގޮތަށް ނިންމަވާފައެވެ. އަދި 15 އޮގަސްޓް 2024 އިން ފިށިގެން ރާއްޖެއިން ބޭރަށް ދަތުރުކުރާ ބިދޭސީންވެސް މި ފޯމް ފުރިހަމަ ކުރަން ނުޖެހޭގޮތަށް އިމިގްރޭޝަނުން ވަނީ ސާރކިއުލާއެއް ނެރެ އާންމުކޮއްފަ އެވެ.
އެހެންކަމުން މިހާރު ރާއްޖެއިން ބޭރަށް ދަތުރުކުރާ އެއްވެސް ފަރާތެއް މިފޯމް ފުރިހަމަ ކުރަން ނުޖެހޭނެވެ. ނަމަވެސް ރާއްޖެއަށް އަންނަ ބިދޭސީން ކުރިއެކޭ އެއްގޮތަށް ރާއްޖެ އައުމުގެ 96 ގަޑިއިރު ކުރިން ޓްރެވެލް ޑެކްލަރޭޝަން ފޯމް ފުރިހަމަކޮށް ހުށަހަޅަން ވާނެކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
މިފަދަ ނިންމުމެއް ނިންމުމުގެ އެންމެ ބޮޑު މަޤްސަދަކީ ޚިދުމަތްތައް ވީހާވެސް ހަރުދަނާކޮށް ދަތުރުފަތުރު ކުރާ އެންމެހާ ފަރާތްތަކަށް ވީހާވެސް ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުން ކަމުގައި އިމިގްރޭޝަންގެ ބަޔާނުގައިވެއެވެ.



