އިޒްރޭލަށް ހަމަލާ ނުދިނުމަށް އެދި ހުޅަގުގެ ޤައުމުތަކުން އީރާނަށް ހުށަހެޅި ހުށަހެޅުން، އިރާނުން ޤަބޫލު ނުކޮށް ރައްދުކޮށްފިއެވެ.
އިނގިރޭސިވިލާތާއި ހުޅަގުގެ ޤައުމުތަކުގެ އެހުށަހެޅުން ހުށަހެޅުއްވީ އިނގިރޭސި ބޮޑުވަޒީރު ކީރު ސްޓާމިރު އެވެ.
އެހެން ނަމަވެސް އީރާނުގެ ރައީސް މަސްޢޫދު ޕަޒްޝުކިޔާން ވިދާޅުވިކަމަށް އީރާނުގެ ސަރުކާރުގެ މީޑިޔާ ގައި ބުނެފައިވަނީ، އިޒްރޭލުގެ ޖަރީމާތައް ހުއްޓުވުމަށް ހަމަލާ ދިނުމަކީ ޤާނޫނީ ގޮތުން އީރާނަށް ލިބިގެންވާ ޙައްޤެއް ކަމަށް ވިދާޅުވެ ރައީސް ޖަވާބު ދެއްވާފައިވާކަމަށެވެ.
އީރާނަކީ މިހާރު ހިނގާ ޣައްޒާގެ ގަތުލުއާންމުގައި އެންމެ ބޮޑަށް ފަލަސްތީނު މުސްލިމުންނަށް އެހީތެރިވާ ގައުމެވެ. އިސްރާއީލާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް ފަލަސްތީނުގެ ހަމާސްއަށް އީރާނުން ވަރަށް ބޮޑެތި މަދަދުތައް ފޯރުކޮށް ދެއެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން ވިދާޅުވީ, މެދުއިރުމަތީގެ މަސްރަޙު އިތުރަށް ހޫނުވިިޔަ ނުދިނުމަށް އެމެރިކާއިން 24 ގަޑިއިރު މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމުގައެވެ. "މި ކަމުގައި ހުރިހާ ފަރާތަކުން ވެސް ރެސްޓްރެއިންޓް [ހިފެހެއްޓުމާއި ހަމަޖެހުން] އިސްކުރަން ޖެހޭ. މަސްރަޙު ފިނި ކުރަން ހުރިހާ ފަރާތަކުން ވެސް ފިޔަވަޅުތައް އަޅަން ޖެހޭ. މަސްރަޙު ހޫނުވުމުން އެެއްވެސް ބަޔެއްގެ މަސްލަޙަތު ހިމާޔަތެއް ނުކުރެވޭނެ. އެހެން ނޫން ނަމަ, ހަމަނުޖެހުމާއި ލޭއޮހޮރުވުން އިތުރުވާނެ،" ބްލިންކަން ވިދާޅުވިއެވެ.
ހަނިއްޔާ ޝަހީދު ކޮށްލުމުގެ ބަދަލު ހިފާނެ ކަމަށް ބުނެ އީރާނާއި އެކްސިސްގައި ހިމެނޭ ޖަމާޢަތްތަކުން އިންޒާރު ދިނުމުން އެމެރިކާއިން ވަނީ ޔަހޫދީންގެ ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދޭން ތެޅިގަނެފައެވެ. އެމެރިކާގެ ދިފާޢީ އިދާރާ, ޕެންޓެގަނުން ބުނީ ޔަހޫދީންގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާ ކުރަން އެމެރިކާގެ އަސްކަރީ މަނަވަރުތަކާއި މަތިންދާބޯޓުތައް މެދުއިރުމައްޗަށް ފޮނުވާނެ ކަމުގައެވެ.



