ޕްރޮސެކިއުޓާ ޖެނެރަލްގެ މަޤާމުން ޙުސައިން ޝަމީމް ވަކިކުރުމުގެ މައްސަލައިގައި އެމަނިކުފާނަށް ޖަވާބުދާރީވުމަށް ފަސްދުވަހުގެ ފުރުޞަތު ދިނުމަށް ޖުޑީޝަރީ ކޮމިޓީން ނިންމަވައިފިއެވެ.
އެ ކޮމިޓީން މިގޮތަށް ނިންމަވާފައިވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމުން ޝަމީމް ވަކިކުރުމުގެ މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ ތަޅުމުން ކޮމިޓީއަށް ހުށަހެޅުއްވުން އެ މައްސަލަ ދިރާސާކުރުމަށްފަހުއެވެ.
ޕީޖީގެ މަގާމަށް ޝަމީމް ކުފޫ ހަމަނުވާކަމަށް ބުނެ މައްސަލަ ހުށަހެޅީ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދެވެ.
އެ ހުށަހެޅުއްވުމާ ގުޅިގެން، ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމްގެ މައްޗަށް އުފުލާފައިވާ ސީރިއަސް ތުހުމަތުތަކެއް ޖުޑިޝަރީ ކޮމިޓީން މުރާޖައާ ކުރިއެވެ.
ހުސައިން ޝަމީމްގެ މައްޗަށް އުފުލާފައިވާ މުހިންމު ތުހުމަތުތަކުގެ ތެރޭގައި ހިމެނެނީ؛
- ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ތުހުމަތު ކުރެވި ތަހުގީގުކޮށް ނިމިފއިވާ ޖިންސީ ގޯނާގެ މައްސަލަ ޝަމީމުއާއި ހަމަޔަށް ދިޔުމުން އެމައްސަލަ "ލައްޕާލުން"
- ގާނޫނީ ގޮންޖެހުންތަކާ އެކު ވެސް ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް މަގާމުގައި ދެމިހުރުމުގެ ހުއްދަ ދިނުން.
- ސަފާރީއެއްގައި ބިދޭސީއަކު ރޭޕްކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އިސްތިއުނާފު ނުކުރުމަށް ނިންމީ، ޝަމީމުއާ އެމްޑީޕީއާ އޮންނަ ގުޅުމުގެ ސަބަބުން ކަމަށް ވުން
- މިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ރިޒާގެ މައްޗަށް އުފުލާފައިވާ ހިއުމަން ޓްރެފިކިންގެ ދައުވާ އަނބުރާ ގެންދިއުމަށް ޝަމީމް ނިންމުން
- ބަނގުރަލާ ގުޅުންހުރި 77 މައްސަލައެއް އަނބުރާ ގެންދިޔުން
- އެއްޖިންސުން ގުޅުން ހިންގުމާ ގުޅޭ މައްސަލަތައް އަނބުރާ ގެންދިއުމެވެ.
- ދައުލަތަށް ބޮޑު ގެއްލުމެއް ލިބުނު ވެންޓިލޭޓަރުގެ މައްސަލައިގައި ދައުވާ ނުކުރުމަށް ނިންމުން
- ޕީޖީ އޮފީހުގެ ތެރޭގައި މުވައްޒަފުންނާ މެދު ތަފާތުކުރުންތައް ގެންގުޅުން
ޝަމީމަށް ޖަވާބުދާރީ ވުމަށް ފަސް ދުވަސް ދިންއިރު މިހާރު އޭނާ މަޤާމުގައި ހުންނަތާ އައްޔަން ކުރެއްވީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. އޭނަގެ ދައުރު މިއަހަރުގެ ޑިސެމްބަރު މަހަށް ހަމަވާނެއެވެ.



