ޑޮމެސްޓިކް ބޮކްސް އޮފީހުގައިބޮޑު ކާމިޔާބީއެއް ހޯދަމުންދާއިރު، ސޯނީ އަދި ވޭފެއަރަރ ސްޓޫޑިއޯސްގެ "އިޓް އެންޑްސް ވިތް އަސް" ބޭރު ގައުމުތަކުގައިވެސް ވަރަށް ކާމިޔާބު ފެށުމެއް ވަނީ ފަށާފައެވެ. އިންޓަނޭޝަނަލް ބޮކްސް އޮފީހުގެ 68 އިންސައްތަ ސަރަޙައްދުގައި މި ފިލްމު ދައްކަމުންދާއިރު، ބްލޭކް ލައިވްލީ ބަޔަލާކަން ކޮށްފައިވާ މި ފިލްމު ވަނީ ހުކުރު ދުވަހާ ހަމައަށް 42 ޝޯވްގައި 13.3 މިލިއަން ޑޮލަރު ހޯދާފައެވެ. ބެލެވޭ ގޮތުގައި ބޭރު ގައުމުތަކުގެ ސިނަމާތަކުން މިފިލްމަށް މި ހަފްތާގެ ނިޔަލަށް 27 މިލިއަނާއި 30 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ލިބޭނެއެވެ. މިއާއެކު މުޅި ދުނިޔޭގައި ޖުމްލަ 72 މިލިއަނާއި 79 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ހޯދާނެކަމަށް ލަފާކުރެވެއެވެ.
ގިނަ ދުވަހެއްގެ އިންތިޒާރަކަށްފަހު، ކޮލީން ހޫވަރުގެ މަޝްހޫރު ނޮވެލް "އިޓް އެންޑްސް ވިތް އަސް" ގެ ފިލްމު އެޑެޕްޓޭޝަން ނެރެފައިވާއިރު، އޭގައި ބްލޭކް ލައިވްލީ އާއި ޖަސްޓިން ބަލްޑޯނީ ވަނީ ތަމްސީލުކޮށްފައެވެ. "އަޅުގަނޑު ދަންނަވާނީ މިއީ އަޅުގަނޑު އުއްމީދުކުރި ވަރަށްވުރެ ރަނގަޅު ފިލްމެކެވެ." މި ފިލްމާއި ބެހޭގޮތުން ބެލުންތެރިއަކު ބުންޏެވެ.
ފިލްމުގެ ޕްރޮމޯޝަނުން ދޭހަވާ ގޮތާ ޚިލާފަށް، 'އިޓް އެންޑްސް ވިތް އަސް' އަކީ ރޮމޭންޓިކް ކޮމެޑީއެއް ނޫނެވެ. މިއީ ގޭތެރޭގެ އަނިޔާ އާއި އެކި ބާވަތުގެ އަނިޔާވެރިކަން ވަރަށް ހާމަކޮށް ހައިރާންކޮށްލާ ގޮތަކަށް ދައްކުވައިދޭ ފިލްމެކެވެ.
މި ފިލްމުގައި ކިޔައިދެނީ ލިލީ ބްލޫމް (ބްލޭކް ލައިވްލީ) ގެ ވާހަކައެވެ. އޭނާ ޖަޒުބާތީ ގުޅުމެއް ފަށާ ދިޔުމާއެކު، ފަންނުވެރި ނިއުރޯ ސަރޖަން ރައިލް ކިންކޭޑް (ބަލްޑޯނީ) ގެ ނުރައްކާތެރި ސިފަތަކެއް ފެންނަން ފަށައެވެ. މިކަން ހަނދާންކޮށްދެނީ އޭނާގެ މައިންބަފައިންގެ ދެމެދުގައި އޮތް ގުޅުމެވެ. އެ ގުޅުމުގެ ސަބަބުން އޭނާގެ ޅަ އުމުރުގައި ނަފްސާނީ ގޮތުން އަނިޔާ ލިބިފައިވެއެވެ.
ފިލްމުގައި ތަމްސީލުކުރުމުގެ އިތުރުން، ޖަސްޓިން ބަލްދޯނީ ވަނީ މި ފިލްމު ޑައިރެކްޓްވެސް ކޮށްފައެވެ. އަދި އޭނާ ވަނީ އެކަން ވަރަށް ފުރިހަމައަށް ކޮށްފައިކަމަށް ފާހަގަވެއެވެ.
ފިލްމާއި ބެހޭގޮތުން ފިލްމުގެ ކާސްޓް ބުނީ ، 'އިޓް އެންޑްސް ވިތް އަސް' ފިލްމަކީ އަކީ އަނިޔާތަކުގެ ޝިކާރައަކަށް ވެފައިވާ މީހުންނާއި އަނިޔާއިން ސަލާމަތްވެފައިވާ މީހުންނާއިމެދު މީހުން ހޭލުންތެރިކުރުމަށް، ބެލުންތެރިންނަށް ގެނެސްފައިވާ ފިލްމެކެވެ.
"އިޓް އެންޑްސް ވިތް އަސް' އަކީ ފޮތާއިމެދު ބެލުންތރިންގެ ހިޔާލު ތަފާތުވީކަމުގައި ވިޔަސް، މި ފިލްމަކީ ބެލުންތަރިން ބަލަން ވޭނުންވާނެ، ތަފާތު، ޝައުޤުވެރިކަން ހުރި އަދި އިޙްސާސްތަކުން ފުރިގެންވާ ފިލްމެކެވެ. ވަކި ފިލްމެއްގެ ގޮތުގައި ބަލާއިރު، މިއީ ވަރަށް އާންމުންނަށް ކަމުދާ ފިލްމެއްކަން ފާހަގަވެއެވެ.



