އަޅުގަނޑުމެން ކުޑައިރުއްސުރެ މިއަދާއި ހަމައަށްވެސް، ޝައްކެއްނެތް ގޮތުގައި އަޅުގަނޑުމެންގެ މައިން އަބަދުވެސް އެމީހުންގެ ބޭނުންތަކަށްވުރެ އަޅުގަނޑުމެންގެ ބޭނުންތަކަށް އިސްކަންދެއެވެ. އެމީހުން އަޅުގަނޑުމެންގެ ނުތަނަވަސްކަމާއި، ރުޅިވެރިކާއި ކުރިމަތި ނުލާނެ ދުވަހެއް ވަރަށް މަދުވާނެއެވެ. އަޅުގަނޑުމެންގެ ކަރުނަތައް ފޮހެދީ، އަޅުގަނޑުމެންގެ މޫނުމައްޗަށް އެންމެ ބޮޑު އުފާރިކަމެއް ގެންނަން މަސައްކަތް ކުރާ ފަރާތަކީވެސް ހަމައެއީއެވެ. ހައި ހޫނުވާއިރުގައާއި ކަންބޮޑުވާއިރު ވެސް އެންމެ ފުރަތަމަ އެކަން އިނގޭނެ ތަރާތަކީވެސް ހަމަ އެމަންމައެވެ. އަޅުގަނޑު މެންނަށްޓަކައި އެންމެ ބޮޑު ޤުރުބާނީއެއްއެއްވެ، އެބައެއްގެ އުފަލަށް ވުރެ އަޅުގަނޑުމެންގެ އުފަލާއި ހިންހަމަ ޖެހުމަށް ވިސްނާ ފަރާތަކީ ހަމަ މަންމަކަން ޝައްކެއްވެސްނެތެވެ. ދިރިއުޅުމުގައި ދިމާވާ ދަތިތަކާއި ތަހައްމަލްކުރަންޖެހޭ ކަންކަމުން އަރައިގަންނަން އެންމެ ބޮޑު އެހީއެއް ވެދޭނެ ފަރާތަކީ ހަމަ މަންމައެވެ.
މާތް ވެގެންވާ އިސްލާމް ދީނުގައި މަންމަގެ ދަރަޖައަކީ ވަރަށް މަތިވެރި ދަރަޖަ އެކެވެ. އެގޮތުން ދަރަޖަ ދީފައިވާއިރު މަންމަގެ ދަރަޖަ އަންނާނީ 3 ފަހަރުއެވެ. އޭގެ ފަހުން ބައްފަގެ ދަރަޖަ އާދެއެވެ. މިސާލަކަށް މަންމަ،މަންމަ،މަންމަ ދެން ބައްފައެވެ. ކޮންމެގޮތެއްވިޔަސް، މިއިން ދޭހަވަނީ އިސްލާމްދީނުގައި މަންމައިންނަށް ދެވިފައިވާ މަތިވެރި މަޤާމާއި، ޢިއްޒަތާއި އިޙްތިރާމެވެ.
﴿ ۞ وَقَضَىٰ رَبُّكَ أَلَّا تَعْبُدُوا إِلَّا إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا ۚ إِمَّا يَبْلُغَنَّ عِندَكَ الْكِبَرَ أَحَدُهُمَا أَوْ كِلَاهُمَا فَلَا تَقُل لَّهُمَا أُفٍّ وَلَا تَنْهَرْهُمَا وَقُل لَّهُمَا قَوْلًا كَرِيمًا﴾
[ الإسراء: 23]
" ﷲ އަމުރުކުރައްވަނީ އެކަލާނގެ ފިޔަވައި އެހެން ފަރާތަކަށް އަޅުކަން ނުކުރުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށެވެ. އެ ދެމީހުންކުރެ އެކަކު ނުވަތަ ދެމީހުންވެސް ދުވަސްވެ މުސްކުޅިވެފައިވާނަމަ، އެމީހުންނަށް 'އުފް' ވެސް ނުބުނާށެވެ. އަދި ހަރުކަށި ބަހުން އެމީހުންނާ މުޚާޠަބު ނުކުރާށެވެ. އެމީހުންނަށް ތަވާޟުޢުވެރިވެ، އޯގާތެރިވާށެވެ. އަދި ރިވެތި، މަޑުމައިތިރި ބަހުން އެމީހުންނާ މުޚާޠަބު ކުރާށެވެ".
މަންމައަކީ ދަރިންނަށް ދީނީ ވާޖިބުތަކާއި ރަނގަޅު އަޚްލާޤު އުނގަންނައިދޭ ފަރާތް ކަމަށާއި، އެކަންކަމުގެ ސަބަބުން ދަރިންނަށް ސުވަރުގެ ލިބޭނެ ކަމަށް ވަރަށް ގިނަ ހަދީސްތަކުން ދޭހަވެއެވެ.
ހަމްޒަތުގެފާނު ރިވާކުރައްވާފައިވާ ހަދީސްއެއްގައި ބަޔާންކުރެފައިވެއެވެ. ސަހާބީން ރަސޫލާގެ އަރިހުން ސުވަލުކުރެއްވިއެވެ. ކަލޭގެފާނު ސުވަރުގެ ފެނިވަޑައިގަންނަވަނީ ކޮންތާކުންތޯ؟ ނަބިއްޔާ މުޙައްމަދު ﷺ ޙަދީޘްކުރެއްވިއެވެ: "ސުވަރުގެ ވަނީ މަންމަގެ ފައިދަށުގައެވެ".
ޤުރުއާނުގައި މަންމައިންގެ ވޭނާއި ދަރިފުޅު ގެންގުޅުމުގައި ކުރާ މަސައްކަތް ޚާއްޞަކޮށް ފާހަގަކުރައްވާފައިވެއެވެ. "އަދި ތިމަން ރަސްކަލާނގެ އިންސާނާއަށް އޭނާގެ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް އަމުރުކުރެއްވީމެވެ. އޭނާގެ މަންމަ އޭނާ އުފުލީ ވަރުބަލިކަމެއްގެ މައްޗަށް ވަރުބަލިކަމެއް އިތުރުވަމުންނެވެ. އަދި އޭނާ ކިރުވަކިކުރީ ދެ އަހަރުންނެވެ. ތިމަން ރަސްކަލާނގެއަށާއި ކަލޭގެ މައިންބަފައިންނަށް ޝުކުރުވެރިވާށެވެ". (31:14)
އަންހެނުންނަކީ ނަފްސާނީގޮތުން ދަރިން ބެލެހެއްޓުމަށް އެންމެ އެކަށީގެންވާ، އެންމެ ރަޙުމްކުރާ އަދި ކެތްތެރި ބައެކެވެ. މުސްލިމް އަންހެނަކަށް މަންމައަކަށް ވުމަކީ އެންމެ އުފާވެރި ކަންކަމުގެ ތެރެއިން ކަމެކެވެ. އެއީ މަޔަކަށް ދެއްވާނެ އެންމެ ބޮޑު ހަދިޔާ ނުވަތަ ނިއުމަތެވެ.
މިއަދު މުސްލިމު ދުނިޔޭގައި، އިސްލާމްދީނުގެ ގިނަ އުސޫލުތަކަށް ޢަމަލުނުކުރެވުނު ނަމަވެސް، ބައްޕައިންނާއި މަންމައިންނަށް ދެވޭ އޯގާތެރިކަމާއި، ލޯތްބާއި އަޅާލުން މުހިންމެވެ. އަބަރަބިން ބުނެ އުޅެއެވެ، މީހަކު އޭނާގެ އަނބިމީހާއާމެދު ކަންތައްކުރާނެގޮތް ދެނެގަންނަން ބޭނުންނަމަ، އޭނާ އޭނާގެ މަންމައާމެދު ކަންތައްކުރާގޮތް ބަލާށެވެ.
މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ:
"އަދި ތިމަން ﷲ އިންސާނާއަށް އޭނާގެ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް އަމުރުކުރެއްވީމެވެ. އޭނާގެ މަންމަ އޭނާ އުފުލީ ވޭނާއެކުގައެވެ. އަދި އޭނާ ވިހެއީވެސް ވޭނާއެކުގައެވެ. އަދި އޭނާ އުފުލުމާއި ކިރުން ދުރުކުރުމަށް ތިރީސް މަސް ހޭދަވެއެވެ. އެންމެފަހުން އޭނާ ފުރިހަމަ ބާލިޣުވެ، ސާޅީސް އަހަރު ފުރުމުން، އޭނާ ދަންނަވައެވެ: 'އޭ އަޅުގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ އަޅުގެ މައްޗަށާއި އަޅުގެ މައިންބަފައިންގެ މައްޗަށް ދެއްވާފައިވާ ނިޢުމަތްތަކަށް ޝުކުރުވެރިވުމުގެ ބާރު އަޅަށް ދެއްވާނދޭވެ. އަދި އިބަރަސްކަލާނގެ ރުހިވޮޑިގަންނަވާ ހެޔޮ ޢަމަލުތައް ކުރުމުގެ ތައުފީޤު ދެއްވާންދޭވެ. އަދި އަޅުގެ ދަރިފަސްކޮޅު އަޅަށްޓަކައި ޞާލިޙު ކޮށްދެއްވާނދޭވެ. ހަމަކަށަވަރުން އަޅު އިބަރަސްކަލާނގެއަށް ތައުބާވެއްޖައީމެވެ. އަދި ހަމަކަށަވަރުން އަޅަކީ އިބަރަސްކަލާނގެއަށް ކިޔަމަންތެރިވާ މީހުންގެ ތެރެއިން މީހެކެވެ". (46:16
އެއްފަހަރަކު މީހަކު ކީރިތި ރަސޫލާގެ އަރިހަށް އޭނާގެ މަންމަގެ އަޚްލާޤު ގޯސްކަމުގެ ވާހަކަ ހިފައިގެން އައެވެ. އެހިނދު، ރަސޫލާ ހަދީސް ކުރެއްވިއެވެ.
"ތިބާ އޭނާގެ ބަނޑުގައި 9 މަސްދުވަހު އުފުލިއިރު އެކަމަނާ ނުރުހުމެއް ނުވެއެވެ. ތިބާއަށްޓަކައި މުޅި ރޭގަނޑު ނިދިނުލައި ހޭލާ ހުރެ، ތިބާއަށް ކާންދިނުމުގައިވެސް އޭނާ ނުރުހުމެއް ނުވެއެވެ".
އިސްލާމްދީނުގައި އަޅުގަނޑުމެންނަށް އުނގަންނައިދެނީ މައިންބަފައިންނަށް އެންމެ މަތީ ދަރަޖައިގެ އިޙްތިރާމް ދިނުމަށާއި، މާތްﷲ ގެ ރުއްސެވުން ހޯދުމަށްޓަކައި އެ ދެމީހުންނަށް ޝުކުރުވެރިވުމަށް ވަނީ ވަރަށް ބޮޑަށް ބާރުއަޅުއްވާފައިއެވެ. މުސްލިމުންގެ ހައިސިއްޔަތުން، ކުޑަކުޑަ އިރު މައިންބަފައިން އަޅުގަނޑުމެންނަށް އަޅާލެއްވި ފަދައިން، އެންމެ މަތީ ދަރަޖައިގެ އިޙްތިރާމާއި، ކެތްތެރިކަމާއި، އޯގާތެރިކަމާއި، ލޯބި ދިނުމަކީ އަޅުގަނޑުމެންގެ ޒިންމާއަކަށް ވާން ޖެހޭނެއެވެ. މުސްލިމުންގެ ގޮތުގައި، އަޅުގަނޑުމެނަށް ރަނގަޅު ތަރުބިއްޔަތު ދެއްވި ބަޔަކީ ހަމައެ މަންމައިންނެވެ. އިސްލާމްދީނުގައި މައިންގެ މަޤާމު ވަރަށް މަތިވެރިކަމާއި، ސުވަރުގެ އޮންނަނީ އެ ބޭކަނބަލުންގެ ފައިދަށުގައި ކަމާއިމެދު ވަރަށް ސާފުކޮށް ވަނީ ބަޔާން ކޮށްފައިއެވެ. ޝައްކެއްވެސް ނެތް ގޮތުގައި މަންމައަކީ ކޮންމެ ދަރިއެއްގެ ހީރޯއެވެ.
ޢަބްދުﷲ އިބްނު ޢަމްރު ރިވާކުރެއްވި ގޮތުގައި ﷲގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ: "ބޮޑެތި ފާފަތަކަކީ ﷲއަށް ޝަރީކުކުރުމާއި، މައިންބަފައިންނަށް އުރެދުމާއި، މީހަކު މެރުމާއި، އަދި ދޮގު ހެކިބަސް ދިނުމެވެ." (ބުޚާރީ އަދި މުސްލިމް ރިވާކުރެއްވި ޙަދީޘެކެވެ)



